އަލްއުސްތާޛު ޢަބްދުﷲ އާދަމް
މއ. ސިގްމާ

އަލްއުސްތާޛު ޢަބްދުﷲ އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޝަރުޢިއްޔާ (ހ) 7 ގެ ވަގުތީ 2 ނަންބަރު ކާތިބު ކަމުގެ މަގާމުންނެވެ. އެއީ، 10 ސެޕްޓެންބަރު 1966 ގައެވެ.

އަލްއުސްތާޛު ޢަބްދުﷲ އާދަމް، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޝަރުޢިއްޔާ (ޅ)ގެ ވަގުތީ 2 ނަންބަރު ކާތިބުކަމުގެ މަގާމާއި، ޝަރުޢިއްޔާ (ވ)ގެ ޤާޟީކަން ދަސްކުރާގެ މަގާމާއި، ތެފްޓް ޓްރައިލްސް ޑިވިޜަންގެ ޤާޟީކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޟީކަމުގެ މަގާމާއި، އަވަސް ނިޔާގެ ކޯޓުގެ ޤާޟީކަމުގެ މަގާމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާއި، އެންޓި-ކޮރަޕްޝަން ބޯޑުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
42 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ، 9 ސެޕްޓެންބަރު 2009 ގައެވެ.

އަލްއުސްތާޛު ޢަބްދުﷲ އާދަމް، ޝަރުޢިއްޔާ (ހ) 7 ގައްޔާއި، ޝަރުޢިއްޔާ (ވ) ގައި ޚިދުމަތް ކުރެއްވިއިރު، އެތަންތަނަށް ހުށަހެޅޭ ޝަރުޢީ މައްސަލަތަކާގުޅޭގޮތުން، ޝަރީޢަތުން ނިންމާ މައްސަލަތަކުގެ ލިޔުންތައް އަތުން ލިޔުއްވަމުން ގެންދެވިއެވެ. އަދި މިނޫންވެސް އިދާރީ މަސައްކަތްތައް ކުރެއްވިއެވެ. ތެފްޓް ޓްރައިލްސް ޑިވިޜަންގެ ޤާޟީކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވިއިރު، އެ ޑިވިޜަނަށް ހުށަހެޅޭ ވައްކަމާއި، ޓެކުމާއި، ޚިޔާނާތުގެ މައްސަލަތައް ބައްލަވައި، ޝަރީޢަތުގައި ދެފަރާތުން ދައްކާ ވާހަކަތައް އަމިއްލަފުޅަށް ލިޔުއްވައި، މައްސަލަތައް ނިންމަވަމުން ގެންދެވިއެވެ. އަދި ރަށްރަށުގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ނުނިމި ހުންނަ މައްސަލަތައް ބެއްލެވުމަށް ފޮނުއްވާ ޝަރުޢީ ވަފުދުތަކުގައި ހިމެނިވަޑައިގެން އެ ރަށްރަށުގެ ކޯޓުތަކަށް ވަޑައިގެން ގިނަ މައްސަލަތަކެއް ބައްލަވައި ނިންމަވައިފައި ވެއެވެ.

މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޟީކަމުގެ މަގާމުގައި ހުންނަވައިގެން އޭރު ކުރެއްވީ، ކޯޓުތަކުން ނިންމަވާ މައްސަލަތަކުގެ ތެރެއިން އަލުން ބަލަން މިނިސްޓަރު އަންގަވާ މައްސަލަތައް އަލުން ބައްލަވައި، އެ މައްސަލައަކާ ބެހޭގޮތުން ފެނިވަޑައިގަންނަވާ ލަފާފުޅެއް ދެއްވުމުގެ މަސައްކަތެވެ. އަދި އެހެން ކޯޓުތަކަށް ވަޑައިގެން މައްސަލަތައް ބައްލަވައި ނިންމެވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް ޖަސްޓިސްގައި އޮންނަ ޤާޟީންގެ ކޮމިޓީއަށް މިނިސްޓަރު ފޮނުއްވާ މައްސަލަތައްވެސް ކޮމިޓީގެ އެހެން މެންބަރުންނާއެކުގައި ބައްލަވަމުން ގެންދެވިއެވެ.

އަލްއުސްތާޛު ޢަބްދުﷲ އާދަމްވަނީ، އަވަސްނިޔާގެ ކޯޓުގެ ޤާޟީކަމުގައި ހުންނަވައިގެން، އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބައްލަވައި ނިންމަވައިފައެވެ.

އަލްއުސްތާޛު ޢަބްދުﷲ އާދަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އޭރު ހައިކޯޓަށް ހުށަހެޅެނީ، ދަށު ކޯޓުތަކުން ނިންމަވާ މައްސަލަތަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތަކެވެ. މިގޮތުން ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބެއްލެވުމުގައި ފަރުވާތެރިކަމާއެކުގައި ބައިވެރިވެވަޑައިގެން މަސައްކަތްޕުޅު ކުރެއްވިއެވެ. 1988 ނޮވެންބަރު 3ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލަ ދިނުމުގައި ބައިވެރިވި ބޭރުގެ ކުލީ ސިފައިންނާއި، އެކަމުގައި ބައިވެރިވި ދިވެހީންގެ ޝަރީޢަތް ހައިކޯޓުގައި ހިނގަމުން ދިޔައިރު، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރޭގައި ޢަބްދުﷲ އާދަމް ހިމެނިވަޑައިގެންނެވިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

އަލްއުސްތާޛު ޢަބްދުﷲ އާދަމް ވަނީ، އެންޓި-ކޮރަޕްޝަން ބޯޑުގެ ނާއިބު ރައީސް ކަމުގެ މަގާމުގެ އިތުރުން، އެ ބޯޑުގެ ތަފާތު އެހެން މަގާމުތައްވެސް ފުރުއްވައިފައެވެ. އަދި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އުފައްދަވައިފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަލްއުސްތާޛު ޢަބްދުﷲ އާދަމް ހިމެނިވަޑައިގެން ވަނީ ޚިދުމަތް ކުރައްވައިފައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ އެކި ބާވަތުގެ މައްސަލަތައް ބައްލަވައި، އަދި އަތޮޅުތަކަށް ވަޑައިގެން މައްސަލަތައް ތަޙުޤީޤު ކުރެއްވުމުގައްޔާއި، މައްސަލަތައް ނިންމެވުމުގައި ފަރުވާތެރިކަމާއި، ނަޒާހަތްތެރިކަމާއެކުގައި ޢަބްދުﷲ އާދަމް މަސައްކަތް ކުރައްވައިފައި ވެއެވެ.

އަލްއުސްތާޛު ޢަބްދުﷲ އާދަމްވަނީ، ޝަރީޢަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ. އެ މަޖިލީހަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާ ޤަޟިއްޔާއެއް، އެ ކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އެ ޤަޟިއްޔާގައި ދަޢުވާކުރާ ނުވަތަ ދަޢުވާ ލިބޭ ފަރާތަކުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުން، އެގޮތުން ކުރާ އިލްތިމާސްތައް ބައްލަވައި، މައްސަލަ ނިންމަވާ ގޮތަކާމެދު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި، ޝަރީޢަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ލަފައަކަށް ބޭނުންފުޅުވާ އެހެން ކަންކަމުގައިވެސް އެފަދަ ލަފާ އަރުވާ މަޖިލީހެވެ. އެ މަޖިލީހުގައިވެސް ޢަބްދުﷲ އާދަމް ފަރުވާތެރިކަމާއެކުގައި މައްސަލަތައް ނިންމެވުމުގައި އެހެން މެންބަރުންނާ އެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު، އެ މަޖިލިސް އުވައިލެއްވުމާ ހަމައަށް ޢަބްދުﷲ އާދަމް އެ މަޖިލީހުގައި މަސައްކަތް ކުރެއްވިއެވެ.

އަލްއުސްތާޛު ޢަބްދުﷲ އާދަމް ވަނީ، ކޯޓު ނަންބަރު 5 އާއި، ކޯޓު ނަންބަރު 1ގެ މައުޛޫނުކަމާއި، މާލޭގައި ހުކުރުނަމާދާއި، ޢީދު ނަމާދު ކުރައްވާގެ މަގާމުވެސް އަދާކުރައްވައިފައެވެ.