އަލްފާޟިލާ ޝަހީދާ ޞާދިޤް
ޝަހީދާ ޞާދިޤް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 މޭ 1980 ގައި، ކޮމިޔުނިޓީ ހެލްތް އެއިޑުގެ މަގާމުގައި، ގަވަރންމަންޓް ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން، ކޮމިޔުނިޓީ ހެލްތުގެ މަސައްކަތުގެ ގޮތުގައި ގޭގެއަށް ޒިޔާރަތް ކުރައްވައި، ޗެސްޓް ކްލިނިކާއި، ސްކިން ކްލިނިކާއި، މާބަނޑު މީހުންގެ ކްލިނިކުގައި މަސައްކަތް ކުރައްވައި، މާލޭ ޞިއްޙީ މަރުކަޒުގައި ޑިއުޓީ ކުރައްވައި، އަދި ކުޑަކުދިންނަށް ވެކްސިން ދިނުމުގައިވެސް ހީވާގިކަމާއެކުގައި މަސައްކަތް ކުރެއްވިއެވެ. ސްކިން ކްލިނިކްގެ ފަރާތުން ލެޕްރެސީގެ ބަލިމީހުންނަށް މަލްޓި ޑްރަގް ތެރަޕީ ފެށުމުގެގޮތުން، ކ. ގުރައިދޫގައި ހަރަކާތްތެރިވި ޓީމުގައިވެސް ޝަހީދާ ޞާދިޤް ވަނީ ޚިދުމަތް ކުރައްވައިފައެވެ.
ޝަހީދާ ޞާދިޤް ފާހަގަ ކުރެވެނީ، ހާޒިރީއަށް ފަރުވާތެރި، ޚިދުމަތުގައި ހީވާގިކަމާއި، މުރާލިކަމާއި، އިޚުލާޞްތެރިކަމާއި، ފަރުވާތެރިކަމާއެކުގައި މަސައްކަތް ކުރެއްވި މުވައްޒަފެއްގެ ގޮތުގައެވެ. ސަރުކާރުން، އަތޮޅުތަކަށް ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމުގެ މަސައްކަތް ފެށިގެން ދިޔައިރުގައި، ފުރަތަމަ ޤާއިމްކުރެއްވި ރީޖަނަލް ހޮސްޕިޓަލް ކަމުގައިވާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 2 ނަންބަރު ނަރުހަކަށް 1982 ގައި ޝަހީދާ ޞާދިޤް ބަދަލުވެވަޑައިގެންނެވިއެވެ. މުޅި ރާއްޖޭގައި ޝިގެއްލާގެ ބަލިމަޑުކަން ފެތުރެމުންދިޔަ ދުވަސްވަރު ހދ. ކުމުންދުއާއި، ހިރިމަރަދޫ އަދި އެނޫންވެސް އަތޮޅުތެރޭގެ އެހެން ރަށްރަށަށް ޓީމުތަކާއެކުގައި ދަތުރުކުރައްވައި، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ވެސް ޝަހީދާ ޞާދިޤް ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.
ނަރސިންގ ދާއިރާގެ ކޯހެއް ފުރިހަމަ ކުރެއްވުމަށްފަހު ޝަހީދާ ޞާދިޤް، ސެންޓްރަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރސްގެ މަގާމުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ސެންޓްރަލް ހޮސްޕިޓަލްގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި 2 ނަންބަރު ނަރސްގެ މަގާމާއި، އެސިސްޓެންޓް ނަރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމު ހިމެނެއެވެ. ޝަހީދާ ޞާދިޤް ވަނީ ހޮސްޕިޓަލްގެ ޖެނެރަލް ވޯޑާއި، ސަރޖިކަލް ވޯޑާއި، ގައިނީ ވޯޑާއި، ލޭބަރރޫމާއި، އައިސޮލޭޝަން ވޯޑާއި، ބާރން ވޯޑާއި، ޕީޑިއެޓްރިކް ވޯޑާއި، ޑައިރިއާ ވޯޑާއި، އޯ.ޕީ.ޑީ. ޑްރެސިންގ ރޫމާއި، އިންޖެކްޝަން ރޫމާއި، އޮޕަރޭޝަން ތިއޭޓަރުގައި ޚިދުމަތް ކުރައްވައިފައެވެ. އަދި، ތިން ފަހަރެއްގެ މަތިން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ވެސް ޚިދުމަތް ކުރައްވައިފައިވެއެވެ.
1995 ގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ހުޅުވި ޚިދުމަތް ދޭން ފެށުމުން، ޝަހީދާ ޞާދިޤް އެ ހޮސްޕިޓަލުގެ ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމަށް ބަދަލުވެވަޑައިގެންނެވިއެވެ. އޭގެ ފަހުން، ނަރސިންގ އަދި މިޑްވައިފްރީ ދާއިރާއިން ޝަހީދާ ޞާދިޤް ޑިޕްލޮމާ ހާސިލުކުރެއްވުމަށްފަހު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމާއި، ސްޓާފް ނަރސްގެ މަގާމާއި، ސީނިއަރ ސްޓާފް ނަރސްގެ މަގާމާއި، ސީނިއަރ ރެޖިސްޓަރޑް ނަރސްގެ މަގާމާއި، ކްލިނިކަލް ނަރސްގެ މަގާމު އަދާކުރައްވައިފައިވެއެވެ.
ނަރުހުންގެ ފެންވަރު މަތިކުރުމަށް ހިންގި އެކިއެކި ވަރކްޝޮޕްތަކާއި ތަމްރީނު ޕުރޮގުރާމުތަކުގައި ޝަހީދާ ޞާދިޤް ބައިވެރިވެވަޑައިގެން، ތަމްރީނުތައް ފުރިހަމަކުރައްވައި، ޞިއްޙީ މައުލޫމާތު މުއްސަނދިކުރެއްވުމަށް އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވިއެވެ. އަދި، ދަސްކުރާ ނަރުހުންނަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގުނު މެންޓަރިންގ ކޯސް ފުރިހަމަކުރައްވައި، އެކްޓިވިޓީ ޕޯސްޓަށް އަންނަ ސްޓޫޑެންޓް ނަރުހުންގެ ކަންކަން މޮނިޓަރކޮށް ބަލަހައްޓަވައި، ޢަމަލީ މަސައްކަތުގައި ބޭނުންކުރާ މައުލޫމާތާއި ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދެއްވުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ.
ޝަހީދާ ޞާދިޤް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ، އޮޕަރޭޝަން ތިއޭޓަރުގައި، ސަރޖަރީތަކުގައި އެހީތެރިވެދެއްވުމުގައެވެ. އަދި، ޕްރީ-އޮޕަރޭޓިވް ޕޭޝަންޓް ކެއަރ ދެއްވުމާއި، ޕޯސްޓް-އޮޕަރޭޓިވްގައި ޕޭޝަންޓް ކެއަރ ވިތު ކްލޯޒް މޮނިޓަރިންގގެ އިތުރުން، ޚާއްޞަ މަސައްކަތްތައް ކުރެއްވިއެވެ. މީގެތެރޭގައި، އޮޕަރޭޝަން ތިއޭޓަރުގެ ނާކޮޓިކްސް ބެލެހެއްޓެވުން ހިމެނެއެވެ.
މަސައްކަތުގެ މާހައުލުގައި "ޝަހިއްތަ"ގެ ގޮތުގައި މުވައްޒަފުންގެ ތެރޭގައި މަޤްބޫލު، ޝަހީދާ ޞާދިޤް ފާހަގަކުރެވެނީ މަސައްކަތަށް ކަމޭހިއްތަވައިގެން، ފަރުވާތެރިކަމާއެކު ޚިދުމަތް ކުރެއްވި، އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެއްވި ހިތްހެޔޮ އޯގާތެރި ނަރުހެއްގެ ގޮތުގައެވެ.
ޞިއްޙީ ދާއިރާގައި 42 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ޝަހީދާ ޞާދިޤް ޚިދުމަތުން ރިޓަޔަރކުރެއްވީ، 7 ޖަނަވަރީ 2026 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސް (މިޑްވައިފް)ގެ މަގާމުގައެވެ.