ޑޮކްޓަރ މުޙައްމަދު ނާޞިރު
ޑޮކްޓަރ މުޙައްމަދު ނާޞިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 21 އެޕްރީލު 1982ގައި، ސ. މަރަދޫފޭދޫ ސްކޫލުގައި ވަގުތީ މުދައްރިސެއްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހެޑްމާސްޓަރު ކަމާއި، އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، މަދަރުސަތުލް އިރުޝާދިއްޔާގެ އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ކަމުގެ މަގާމު ހިމެނެއެވެ.
ޑޮކްޓަރ މުޙައްމަދު ނާޞިރުގެ ތަޢުލީމީ ޚިދުމަތް ފެށިގެން އައީ، ސ. މަރަދޫފޭދޫ ސްކޫލުންނެވެ. އޭގެފަހުން، މ. އަތޮޅު މަދަރުސާގައްޔާއި، ގއ. އަތޮޅު މަދަރުސާގައްޔާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޑޮކްޓަރ މުޙައްމަދު ނާޞިރު ޚިދުމަތް ކުރެއްވި ސްކޫލް ތަކުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާއި، މަންހަޖުތަކާ އެއްގޮތްވާގޮތުގެ މަތިން އުނގަންނައިދިނުމުގެ ހަރަކާތްތައް ވިލަރެސް ކުރައްވައި ހިންގަވައިފައި ވެއެވެ. އަދި ވަށާޖެހޭ ތަޢުލީމަށް މަގުފަހިވާގޮތަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް ފުރުޞަތު ހޯއްދަވައިދެއްވައި، މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ އިރުޝާދިއްޔާ ސްކޫލުން ދަސްވެނިވާ ދަރިވަރުންނަކީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ ބަޔަކަށް ހެދުމަށްޓަކައި ހިންގޭ ދަސްވާރު އަދި ބީޓެކް ޕުރޮގުރާމުތަކަކީ، ހަރުދަނާ ޕުރޮގުރާމުތަކަކަށް ހައްދަވައި ތަމްރީނު ހިންގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ސްކޫލުގެ މުދަލާއި، ފައިސާގެ ކަންތައްތަކާއި، ދަރިވަރުންނާއި، މުވައްޒަފުންގެ ރެކޯޑުތައް ފަރުވާތެރިކަމާއެކުގައި ބެލެހެއްޓެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިފައިވެއެވެ.
ދަރިވަރުންގެ ނަތީޖާއާ ގުޅޭގޮތުން ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް އިންތިޒާމު ކުރެއްވުމާއި، މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދެނެގަނެ، ކަނޑައެޅިފައިވާ ފެންވަރަށް ސްކޫލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް، ޑޮކްޓަރ މުޙައްމަދު ނާޞިރު، މުދައްރިސުންނަށް ފޯރުކޮށްދެއްވައި، އަދި އަމިއްލަފުޅަށް އެފަދަ ތަމްރީނުތައް ދެއްވައިފައިވެސް ވެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ކިބައިގައި ދީނީ، އަޚުލާޤީ، އަދި ޤައުމީ ރޫޙު އާލާކޮށް، ހަރުދަނާ، ރަނގަޅު އާދަތައް އަށަގެންނެވުމަށްޓަކައި ޙަރަކާތްތައް ރާއްވަވައި ހިންގަވައި، ސްކޫލުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ޑޮކްޓަރ މުޙައްމަދު ނާޞިރު ކުރައްވައިފައި ވެއެވެ.
ޑޮކްޓަރ މުޙައްމަދު ނާޞިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އުސޫލުތަކާ އެއްގޮތަށް ސްކޫލް ހިންގުމަށް ބޭނުންވާ ސްޓްރެޓެޖިކް ޕްލޭނާއި، ސަބްޖެކްޓް އިމްޕްރޫވްމެންޓް ޕްލޭން ތައްޔާރުކުރައްވައި ތަންފީޒު ކުރައްވައިފައި ވެއެވެ. އަދި ސްކޫލް ވެބްސައިޓް ފަރުމާކުރައްވައި، ޕަބްލިޝް ކުރައްވައި، މުވައްޒަފުންގެ ވަރކް ސްޕޭސް ޕޯޓަލްތައް ތައްޔާރު ކުރައްވައި އޮންލައިންކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައިފައި ވެއެވެ. އިރުޝާދިއްޔާ ސްކޫލަކީ، ޕޭޕަރލެސް ސްކޫލަކަށް ހެއްދެވުމުގެ މަސައްކަތަކީ، ޑޮކްޓަރ މުޙައްމަދު ނާޞިރު ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.
ޑޮކްޓަރ މުޙައްމަދު ނާޞިރު މިހާރު ހުންނެވީ، އިރުޝާދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައެވެ. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޑޮކްޓަރ މުޙައްމަދު ނާޞިރުގެ ޕްރިންސިޕަލް ކަމުގެ ދަށުން އިރުޝާދިއްޔާ ސްކޫލުން ވަނީ، އައި.ޖީ.އެސް.އީ. އޯ.ލެވެލް. އަދި، އެސް.އެސް.ސީ. އިމްތިޙާނުގައި ޤައުމީ ފެންވަރުގައްޔާއި ދުނިޔޭގެ ފެންވަރުގައި ކުލަގަދަ ކާމިޔާބީތަކެއް ހޯދައިފައެވެ. އިރުޝާދިއްޔާ ސްކޫލަކީ، ހަރުދަނާ އުސޫލުތަކެއްގެމަތިން ހިންގޭ ސްކޫލެއްގެ ގޮތުގައި މުޖުތަމަޢުންވެސް ފާހަގަކުރާ ސްކޫލަކަށް ހެއްދެވުމުގައި ޑޮކްޓަރ މުޙައްމަދު ނާޞިރުގެ މިންނެތް މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.
ޑޮކްޓަރ މުޙައްމަދު ނާޞިރު، ސްކޫލް މެނެޖްމަންޓުގެ ދާއިރާއިން ޕީއެޗް.ޑީ. ހާސިލު ކުރައްވައިފައިވަނީ، ޔުނިވަރސިޓީ ސައިންސް މެލޭޝިޔާއިން 2024ވަނަ އަހަރުއެވެ.