އަލްފާޟިލާ ޝިރުމީނާ އަޙްމަދު
ޝިރުމީނާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 5 އޮގަސްޓު 1983ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމުގައެވެ. އޭގެފަހުން، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޚިދުމަތުގައި މި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ޝިރުމީނާ އަޙްމަދު ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޢާންމު ޞިއްޙަތާ ގުޅުން ހުރި ކަންކަމުގައްޔާއި، އިޖުތިމާޢީ ކަންކަމުގައި ޢާންމުން ހޭލުންތެރި ކުރުވުމަށް މަސައްކަތްކުރެއްވުމާއި، ފޫޅުމައެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ކޮމިއުނިޓީ ހެލްތު އޮފިސަރެއްގެ ޚިދުމަތް ރަށުގެ ޞިއްޙީ މަރުކަޒުގައި ދޭން ފެށުމުގެ ކުރިންވެސް، ބަލިމީހުން ބައްލަވައި ފަރުވާ ދެއްވުމުގެ މަސައްކަތް ކުރެއްވުމާއި، މާބަނޑު މީހުން ބެއްލެވުމާއި، 5 އަހަރުން ދަށުގެ ތުއްތުކުދިންގެ ބަރުދަން ބެއްލެވުމުގެ ކަންކަމާއި، އެކުދިންނަށް ބޭނުންވާ ޞިއްޙީ މައުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދެއްވުމާއި، ވެކްސިން ދެއްވުމާއި، ވެކްސިންއާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓެވުމާއި، ޢާއިލާ ރޭވުމާ ގުޅޭ މައުލޫމާތު ދެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.
ޝިރުމީނާ އަޙްމަދު ކުރައްވައިފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި، އަންހެނުންނަށް ޚާއްޞަކޮށް އެކި އުމުރުފުރާތަކަށް އަމާޒުކުރައްވައިގެން ކަސްރަތު ޕުރޮގުރާމުތައް ހިންގެވުމާއި، ސްކޫލް ހެލްތު ޕުރޮގުރާމު ހިންގެވުމާއި، މަދިރި މަދުކުރުމުގެ ޕުރޮގުރާމު ހިންގެވުމާއި، ހޮޓާ، ކެފޭ ތަކުގެ ސާފުތާހިރުކަން ބައްލަވައި ހުއްދަ ދޫކުރެއްވުމުގެ މަސައްކަތާއި، ސްކޫލް ކުދިންނަށް ވިޓަމިން އޭ އާއި ފަނީބޭސް ދެއްވުމުގެ ކަންކަމާއި، އެކިއެކި ބަލިތަކާ ބެހޭގޮތުން އެކުދިންނަށް މައުލޫމާތު ދެއްވުން ހިމެނެއެވެ. އަދި ސަރުކާރުން ފާހަގަކުރައްވާ އެކިއެކި ދުވަސްތައް ފާހަގަކުރުމުގެގޮތުން ބާއްވާ ޕުރޮގުރާމުތަކާއި ހަރަކާތްތައް ރާއްވަވައި ހިންގެވުމާއި، ދޮށީ އުމުރުގެ މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކުރައްވައި، އެމީހުންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދާ ގޮތްތައް ބެއްލެވުމާއި، އެމީހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން އެކުލަވައިލައްވާ އަހަރީ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ އެންމެހައި ކަންކަން ރާއްވަވައި ހިންގެވުމާއި، އަދި ރަށުގެ ރައްޔިތުންނަކީ، ޞިއްޙީ ގޮތުން ހޭލުންތެރި، ޞިއްޙީ ކަންކަމަށް އަހުލުވެރި، ބަލިތަކުން ރައްކާތެރިވާން ދަންނަ ބަޔަކަށް ހެދުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތް ކުރެއްވުންވެސް ހިމެނެއެވެ.
ޝިރުމީނާ އަޙްމަދަކީ، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ، ހާޒިރީއަށް ފަރުވާ ބަހައްޓަވާ މުވައްޒަފެކެވެ. ޝިރުމީނާ އަޙްމަދަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި، ދާއިރާއާއި އިދާރާގެ ކުރިއެރުމަށާއި، އަދި އަމިއްލަ ކުރިއެރުމަށްވެސް ބައްލަވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ މުވައްޒަފެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ޝިރުމީނާ އަޙްމަދު، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 42 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާއިރު، މިހާރު ޚިދުމަތްކުރައްވަމުން ގެންދަވަނީ ހދ. ފިނޭ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.