މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 28 ޖޫން 1969 ގައެވެ. އެއީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ރާއްޖެތެރޭގެ ޤާޟީކަން ދަސްކުރާގެ މަގާމުންނެވެ. ޤާޟީއެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، ޤާޟީކަން ދަސްކުރާ ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ. ޙުސައިން ޢަބްދުއްރަޙްމާން އެ ކޯހުން ދެވަނަ ހޯއްދެވިއެވެ.
އޭގެފަހުން، ބ. އަތޮޅު ކޯޓުގެ ޤާޟީކަމުގެ މަގާމާއި، ބ. މާޅޮހު ކޯޓުގެ ޤާޟީކަމުގެ މަގާމާއި، ބ. ކުޑަރިކިލު ކޯޓުގެ ޤާޟީކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މާޅޮހު ކޯޓުގައި ޤާޟީ ކަމުގެ އިތުރުން، އެ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމާއި، ސީނީއަރ މެޖިސްޓްރޭޓް ކަމުގެ މަގާމާއި، އިސް މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާކުރެއްވިއެވެ. އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީވެސް، މާޅޮހު ކޯޓުގައެވެ. އެ ކޯޓުގައި ދެފަހަރެއްގެ މަތީން 26 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރެއްވި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެއްލެވުމުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގެ ރަށުކޯޓުތަކުގައި ނުނިމި ގިނަދުވަސްވެފައި ހުންނަ މައްސަލަތައް ބެއްލެވުމަށްޓަކައި، މިނިސްޓްރީ އޮފް ޖަސްޓިސްއިން ފޮނުއްވި ޝަރުޢީ ވަފުދު ތަކުގައި ބައިވެރިވެވަޑައިގެން، ތަފާތު ގިނަ މައްސަލަތަކެއް ބައްލަވައި ނިންމަވައިފައި ވެއެވެ. މިދެންނެވި ވަފުދު ތަކުގެ ތެރެއިން ބައެއް ވަފުދު ތަކުގައި ޙުސައިން ޢަބްދުއްރަޙްމާން ގިނިކަންޏާވެސް ބައިވެރިވެވަޑައިގެން މައްސަލަތައް ބައްލަވައި ނިންމަވައިފައި ވެއެވެ. މިގޮތުން ވަޑައިގެންނެވި ކޯޓުތަކުގެ ތެރޭގައި، ހއ. އަތޮޅާއި، ހދ. އަތޮޅާއި، ޅ. އަތޮޅާއި، ތ. އަތޮޅާއި،
ސ. އަތޮޅުގެ ރަށްރަށުގެ ރަށުކޯޓުތައް ހިމެނެއެވެ. އޭގެތެރެއިން ބައެއް ކޯޓުތަކުގައި ވަރަށް ގިނަދުވަސްވެފައިހުރި މައްސަލަތައްވެސް ބައްލަވައި ނިންމަވައިފައި ވެއެވެ. އޭގެ ތެރޭގައި، 14 އަހަރަށްވުރެ ގިނަދުވަސްވީ މައްސަލަތަކާއި، 16 އަހަރަށްވުރެ ގިނަދުވަސްވީ މައްސަލަތައްވެސް ހިމެނެއެވެ.
އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން، ޤާޟީކަމުގެ މަގާމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، މިނިސްޓަރ އޮފް ޖަސްޓިސްގެ އިރުޝާދުގެ ދަށުން، ޖަރުމަނުގެ ރައްޔިތަކަށް ޝަހާދަތް ލައިދެއްވައި، އިސްލާމް ދީނުގެ 5 ރުކުން އުނގަންނަވައި ދެއްވުމެވެ. މިމަސައްކަތް ކުރެއްވީ، ޙުސައިން ޢަބްދުއްރަޙްމާން، ބ. އޭދަފުށީ ކޯޓުގެ ޤާޟީކަމާ ޙަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު އެ ކޯޓުގައެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާނަކީ، މެޖިސްޓްރޭޓް އަދާކުރުމަށް ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، ނަޒާހަތްތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި އަދާކުރައްވައިފައިވާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާއަށް 42 އަހަރަށްވުރެ ގިނަދުވަހު ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، 2019ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ، އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާނަށް "މެޖިސްޓްރޭޓް ރިޓަޔަރޑް" ގެ ލަޤަބު އަރުވައި ތަކްރީމް ކުރައްވައިފައެވެ. އަދި، 2023ވަނަ އަހަރު، ދިވެހި ފަނޑިޔާރުންގެ ޖަމުޢިއްޔާއިންވެސް ވަނީ، އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާނުގެ ޚިދުމަތުގެ އަގުވަޒަން ކުރައްވައި ހަނދާނީ ފިލައެއް އަރުވައިފައެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާނަކީ، ޤާޟީ ކަމުގެ އިތުރުން، އުފަންރަށް ބ. މާޅޮހަށްވެސް އިޖުތިމާޢީ ގޮތުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ރަށުގައި ތަޢުލީމު އުނގަންނައިދިނުން މެދުކެނޑިފައި ވަނިކޮށް، ރަށުގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި، ޙުސައިން ޢަބްދުއްރަޙްމާން އިސްނަންގަވައިގެން، މަދަރުސާއެއް އިމާރާތް ކުރެއްވުމުގެގޮތުން ރަށުގެ ވެރިންނާއި، ރައްޔިތުންގެ ބައިވެރިވުމާއެކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، މަދަރުސާއެއް ބިނާކުރައްވައި، ތަޢުލީމު ދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވިއެވެ. އަދި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަމިއްލަފުޅު ޚަރަދުގައި ޖެނެރޭޓަރެއް ބައްލަވައިގަނެގެން މުޅި ރަށަށް ރޭގަނޑު 5 ގަޑިއިރަށް ކަރަންޓު ލިބޭނެ އިންތިޒާމުވެސް 3 އަހަރެއްހައި ދުވަހު ހަމަޖައްސަވައި ދެއްވިއެވެ. އަދި މުޅި ރަށަށް ޓީ.ވީ.ގެ ޚިދުމަތް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަވައި ދެއްވިއެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން، ޝަރަފުވެރިކަމާއެކުގައި ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2012ވަނަ އަހަރުގެ މާރިޗު މަހުގެ 1ވަނަ ދުވަހުއެވެ.