އަލްފާޟިލް ޢަލީ ޒާހިރު
ޒިރޯނިޔާ، ސ. ހިތަދޫ

ޢަލީ ޒާހިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ބޯޓްސް އިކުއިޕްމަންޓް ގިއަރ 1 ގެ މަސައްކަތު މީހެއްގެ މަގާމުގައި، 25 އެޕްރީލު 1977 ގައެވެ. އޭގެފަހުން، މެކޭނިކަލް ޓްރާންސްޕޯޓް ސަރވިސް ޑިވިޜަންގެ 864 ނަންބަރު ކޯލްސް ކްރޭންގެ ޑްރައިވަރުގެ އެހީތެރިޔާގެ މަގާމާއި، 945 ނަންބަރު ކޯލްސް ކްރޭންގެ ޑްރައިވަރުގެ މަގާމު އަދާކުރެއްވިއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ އޮޕަރޭޓަރުގެ މަގާމާއި، 2 ނަންބަރު އޮޕަރޭޓަރުގެ މަގާމާއި، 1 ނަންބަރު އޮޕަރޭޓަރުގެ މަގާމާއި، ސީނިއަރ އޮޕަރޭޓަރުގެ މަގާމު އަދާކުރެއްވިއެވެ. އޭގެފަހުން، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ފޯކްލިފްޓް ޑްރައިވަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އެސިސްޓެންޓް އިކުއިޕްމަންޓް ސުޕަވައިޒަރުގެ މަގާމާއި، އިކުއިޕްމަންޓް ސުޕަވައިޒަރުގެ މަގާމާއި، ސީނިއަރ އިކުއިޕްމަންޓް ސުޕަވައިޒަރުގެ މަގާމާއި، އިކުއިޕްމަންޓް ޕްލޭނަރގެ މަގާމުވެސް އަދާކުރައްވައިފައިވެއެވެ.

ޢަލީ ޒާހިރު، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވައިފައި ވަނީ، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައެވެ. މިގޮތުން ދުވަހުންދުވަހަށް ފުރިހަމަ ކުރައްވަންޖެހޭ ޗެކް ލިސްޓުތައް ފުރިހަމަކުރެއްވުމާއި، އުޅަނދަކަށް އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ އެކަން، އިން-ޗާޖުންނަށް އެންގެވުމާއި، އުޅަނދަށް މުދާ ބަރުކުރާއިރު ބަރުކުރަނީ އުޅަނދަށް ކަނޑައަޅައިފައިވާ ބަރުދަނަށްވުރެ އިތުރުނުވާނެގޮތަށްތޯ ކަށަވަރުކުރެއްވުމާއި، ދުވަހުންދުވަހަށް ކުރާ މަސައްކަތްތަކުގެ ނޯޓްސް ނެންގެވުން ހިމެނެއެވެ. ހަމަ އެހެންމެ ހަވާލު ކުރެވިފައިވާ އުޅަނދުތައް ސާފުކޮށް ބެލެހެއްޓެވުމުގެ މަސައްކަތް ގަވާއިދުން ފަރުވާތެރިކަމާއެކުގައި ކުރައްވައިފައިވެއެވެ.

ޢަލީ ޒާހިރު، ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 ޖަނަވަރީ 2020 ގައެވެ.