އަލްފާޟިލާ އާމިނަތު ޞާބިރާ
ލައިޓްހައުސް، ކ. ގުޅި

އާމިނަތު ޞާބިރާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1 ނޮވެންބަރު 1982ގައި ކ. ގުޅީ އޮފީހުގެ ކާތިބާކަމުގެ މަގާމުގައެވެ. އާމިނަތު ޞާބިރާ އަދާކުރެއްވި އެހެން މަގާމުތަކުގެ ތެރޭގައި، ކ. ގުޅީ އޮފީހުގެ ސީނިއަރ ކްލަރކް ކަމުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީކަމުގެ މަގާމާއި، ސެކްރެޓެރީކަމުގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމު ހިމެނެއެވެ. އާމިނަތު ޞާބިރާ މިހާރު ހުންނެވީ، މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، އާމިނަތު ޞާބިރާ ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އޮފީހުގެ ލިޔެކިޔުންތަކާއި ފައިލްތައް ރައްކާތެރިކަމާއެކުގައި ބެލެހެއްޓެވުމާއި، ދުވަހުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ މައުލޫމާތާއި، އަހަރު ނިމުމުން، އަހަރު ރިޕޯޓަށް ބޭނުންވާ މައުލޫމާތު އިދާރީ ސެކްޝަނަށް ދެއްވުމުގެ އިތުރުން، ވިޔަފާރީގެ އުސޫލުން ދޫކުރެވޭ ބިންބިމާ ގުޅިގެން ތައްޔާރުކުރެވޭ ލިޔެކިޔުންތައް ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، އޮފީހަށް ލިބޭ އެންމެހައި ފައިސާ ބަލައިގަތުމާއި، ކަނޑައަޅައިފައިވާ އުސޫލުގެ މަތިން ރައްކާތެރިކަމާއެކުގައި އެ ފައިސާ ބެލެހެއްޓެވުމާއި، އޮފީހަށް ލިބޭ އެންމެހައި ލިޔެކިޔުންތައް އެންޓްރީ ކުރެއްވުމާއި، ސެކްޝަންތަކަށް ފޮނުއްވުމާއި، ދުވަހުން ދުވަހަށް އޮފީހުގެ ޔައުމިއްޔާ ލިޔުއްވުން ހިމެނެއެވެ.

އާމިނަތު ޞާބިރާ އިތުރަށް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، މުވައްޒަފުންގެ ރަޖިސްޓަރީއާއި އެހެނިހެން ރެކޯޑުތައް ފައިލްކޮށް ބެލެހެއްޓެވުމާއި، އެކިއެކި ރިޕޯޓުތައް ތައްޔާރުކުރައްވައި ފޮނުއްވުމާއި، ކްލަބް ޖަމުޢިއްޔާތަކާއި، ކޮމިޓީތަކާ ގުޅޭ އެންމެހައި ކަންކަން ހިންގަވައި ބެލެހެއްޓެވުން ހިމެނެއެވެ. ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަމާއި، އެފަރާތްތަކުން އެދޭ ކަންކަމަށް އެއްބާރުލުން ދެއްވުމާއި، އަސާސީ ޕެންޝަނާއި، ރިޓަޔަރމަންޓް ޕެންޝަން ޙައްޤުވާ މީހުންގެ ކަންކަން ބެލެހެއްޓެވުމާއި، ކައުންސިލް އިދާރާއަށް ހުށަހަޅާ އެކިއެކި ޝަކުވާތައް ބެއްލެވުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުން ހިމެނެއެވެ.

އާމިނަތު ޞާބިރާ ވަނީ، ކ. ގުޅީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނާއިބު ރައީސްގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ޚަޒާންދާރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވައިފައެވެ. މީގެއިތުރުން، އެ ކޮމިޓީގެ ފައިސާއާބެހޭ މަސައްކަތްތަކާއި، އެ ކޮމިޓީން ހިންގި ޕްރީ-ސްކޫލް ޓީޗަރ ޓްރެއިނިންގއަށް ކުދިން ފޮނުވުމާގުޅޭ މަސައްކަތްތަކާއި، ޕްރީ-ސްކޫލަށް ލިބޭ ފައިސާއާއި، ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ބެލެހެއްޓެވުމުގައިވެސް އިސްދައުރެއް އަދާކުރެއްވިއެވެ.

އާމިނަތު ޞާބިރާ ފާހަގަކުރެވިފައިވަނީ ފަރުވާތެރިކަމާއެކުގައި، މަސައްކަތަށް އިސްކަންދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ، އަދި ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކަށާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން ޒިންމާދާރުކަމާއެކުގައި މަސައްކަތް ކުރައްވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އާމިނަތު ޞާބިރާ އަކީ، ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭކަނބަލެކެވެ.