އަލްފާޟިލާ ޘުރައްޔާ އިބްރާހީމް
މ. ގުލޭނޫރަންމާގެ

ޘުރައްޔާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 13 އޮކްޓޫބަރު 1981ގައި، ޕޯސްޓް އޮފީހުގެ އިނގިރޭސި ކާތިބާގެ މަގާމުގައެވެ. ޕޯސްޓް އޮފީހުގައި ޚިދުމަތް ކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވައިލި ޕްރީ-ސްކޫލް ޓީޗަރުން ތަމްރީނު ކުރުމުގެ 1 އަހަރު ދުވަހުގެ ކޯހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ، ކުޑަކުދިންނަށް ކިޔަވައިދެއްވުމަކީ، ކުޑައިރުއްސުރެ ޘުރައްޔާ ޝައުޤުވެރިކަން ހުންނަ ކަމަކަށް ވުމުންނެވެ. ސްރީލަންކާގައި ކޯސް ފުރިހަމަކުރެއްވުމަށްފަހު އެނބުރި ވަޑައިގެން، އިސްކަންދަރު ސްކޫލުގެ ޕްރީ-ސްކޫލް ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ކުރިއްސުރެ ޕްރީ-ސްކޫލް ކްލާސްތައް ހިންގަވަމުން ގެންދެވީ ސަރުކާރުގެ ސްކޫލްތަކުގައެވެ. ނަމަވެސް، 1985ވަނަ އަހަރުން ފެށިގެން ޕްރީ-ސްކޫލް ކްލާސްތައް މާލޭގެ އަމިއްލަ މަދަރުސާ ތަކުގައްޔާއި އަވަށު މަދަރުސާ ތަކުގައި ހިންގަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށަށް ވަޒީފާ ބަދަލުކުރައްވައި، ގަލޮޅު މަދަރުސާގައި ޕްރީ-ސްކޫލް ޓީޗަރުގެ މަގާމާއި، ޕްރީ-ސްކޫލް ހެޑް ޓީޗަރުގެ ގޮތުގައި ޘުރައްޔާ ޚިދުމަތްކުރައްވައިފައި ވެއެވެ. އަދި ފަލާޙް ޕްރީ-ސްކޫލްގެ ހެޑް ޓީޗަރެއްގެ ގޮތުގައި 8 އަހަރެއްހައި ދުވަހު ޚިދުމަތްކުރެއްވުމަށްފަހު، އަލުން ގަލޮޅު މަދަރުސާގެ ޕްރީ-ސްކޫލް ހެޑް ޓީޗަރެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ފެށްޓެވިއެވެ. އެއީ، 1996ވަނަ އަހަރުގެ ތެރޭގައެވެ.

ޕްރީ-ސްކޫލުގައި ކިޔަވައިދެއްވުމުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ޘުރައްޔާ އިބްރާހީމް ހާސިލުކުރައްވައިފައި ވެއެވެ. މަސައްކަތުގެ މާޙައުލުގައި ޘުރައްޔާ އެންމެ ބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދެވީ، ޕްރީ-ސްކޫލް މަރުޙަލާ، ނުވަތަ ފައުންޑޭޝަން ސްޓޭޖް ފުރިހަމަ ކުރުމަށްފަހު، ޕްރައިމަރީ މަރުޙަލާއަށް ބަދަލުވާއިރު އެ އުމުރުފުރައިގެ ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ޤާބިލު ދަރިވަރުންނަށް ހެއްދެވުމަށެވެ. އަދި ޓީޗަރުންނާއި ބެލެނިވެރިންނާ ދެމެދު ގާތް ގުޅުމެއް އުފައްދަވައި، ގާތުން ކަންކަން ބައްލަވައި، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ޘުރައްޔާ ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ.

ގަލޮޅު މަދަރުސާގައި ޘުރައްޔާ އިބްރާހީމް، ޚިދުމަތް ކުރައްވަމުން ގެންދަވާތާ 32 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، އެ މަދަރުސާ ހިންގުމުގެ މަސްއޫލިއްޔަތުވެސް 2004ވަނަ އަހަރުގެ ތެރޭގައި އުފުއްލަވަން ފެށްޓެވިއެވެ. ގަލޮޅު އަވަށުން އެކަމަށް އެދިވަޑައިގެންނެވުމުން، އެކަން ގަބޫލުކުރައްވައި، ފުރަތަމަ ޚިދުމަތްކުރެއްވީ، ގަލޮޅު މަދަރުސާގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލްގެ ގޮތުގައެވެ. އޭގެފަހުން، 4 ޖަނަވަރީ 2015 ގައި، ޕްރިންސިޕަލްގެ މަގާމަށް މާލޭ ސިޓީ ކައުންސިލުން ޘުރައްޔާ އިބްރާހީމް ހަމަޖެއްސެވިއެވެ. އެހާ ހިސާބަށް ވަޑައިގެންނެވުމަކީ، ޚިދުމަތުގެ ދިގު ހަޔާތުގައި ހޯއްދެވުނު އެންމެ ބޮޑު ކާމިޔާބީކަމުގައި ޘުރައްޔާ އިބްރާހީމް ދެކެވަޑައިގަންނަވައެވެ.

ޘުރައްޔާ އިބްރާހީމް، ސްރީލަންކާގައި ޑިޕްލޮމާ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޗައިލްޑް ކެއަރ ޕަރސަނަލްގެ ރޮނގުން ސިންގަޕޫރުގައި 1990ވަނަ އަހަރު 9 މަސްދުވަހުގެ ތަމްރީނު ކޯހެއް ފުރިހަމަ ކުރެއްވިއެވެ. އަދި 1995ވަނަ އަހަރު، ސްރީލަންކާގައި ޕްރީސްކޫލް މެނެޖްމަންޓްގެ ރޮނގުންވެސް ތަމްރީނު ކޯހެއް ފުރިހަމަ ކުރައްވައިފައި ވެއެވެ. އޭގެއިތުރުން، އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ރޮނގުން، މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުން 2020ވަނަ އަހަރު ޘުރައްޔާ ވަނީ، ބެޗްލަރސް ޑިގްރީ ހާސިލު ކުރައްވައިފައެވެ.

ޘުރައްޔާ އިބްރާހީމް މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލުގައި ކިޔަވައިދެއްވާ ޕްރީ-ސްކޫލް ޓީޗަރުންގެ ކަންތައްތައް ބެލެހެއްޓެވުމާއި، ޓީޗަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި، މި ރޮނގުން ބޭނުންވާ ތަމްރީނުތައް ހިންގަވައި، ޓީޗަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުއްވައި ދެއްވުން ހިމެނެއެވެ.

ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 42 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، ޘުރައްޔާ އިބްރާހީމް ކިޔަވައިދެއްވި ދަރިވަރުން ސަރުކާރުގެ އެކިއެކި ދާއިރާތަކުގެ އެކިއެކި މަގާމުތަކުގައްޔާއި، އަދި އަމިއްލަ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިއްބަވައިގެން ޤައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާކަން އެއީ، ޘުރައްޔާގެ ޚިދުމަތުގެ ފޮނި ނަތީޖާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.