އަލްފާޟިލް ޢަބްދުލްޙަމީދު މޫސާ
ދަފްތަރު. ނަންބަރު ރސ 2068، މާލެ

ޢަބްދުލްޙަމީދު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 2 އޮކްޓޫބަރު 1978 ގައި، މެރިޖް ރެޖިސްޓްރޭޝަންސް ޑިވިޜަނުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން، ކޯޓު ނަންބަރު 5 ގެ 2 ނަންބަރު ކާތިބުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކާތިބުކަމާއި، ކްލެރިކަލް އެސިސްޓެންޓް ކަމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޢަބްދުލްޙަމީދު މޫސާ، ކޯޓު ނަންބަރު 5 ގައި ކުރެއްވީ، ކައިވެންޏާއި ވަރިއާގުޅޭ އިދާރީ މަސައްކަތްތަކާއި، ބަޖެޓް ސެކްރެޓެރީއަށް އެހީތެރިވުމުގެ ގޮތުން ކުރެއްވި ކަންކަމެވެ.

ޢަބްދުލްޙަމީދު މޫސާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވައިފައިވަނީ، ޕަބްލިކް ސަރވިސް ޑިވިޜަނުގައެވެ. އޭރު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި މަގާމާބެހޭ ސިޓީތަކާއި، ޗިޓުތަކުގެ ނަކަލު ފޮތްތަކަށް ނެންގެވުމުގެ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. އަދި ވަކި މިނިސްޓްރީތަކަކުން ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާ ބެހޭގޮތުން ހުށަހަޅުއްވާ މައްސަލަތަކުގެ ތެރެއިން، ކާތިބުން ފެށިގެން ދަށުގެ ވަޒީފާތަކާބެހޭ މައްސަލަތަކުގެ މައުލޫމާތު އޮޅުންފިލުއްވުމާއި، ވަޒީފާއާ ގުޅޭ ޗިޓުތައް ޗެކްކުރެއްވުމާއި، ސަރުކާރުގެ އޮފީސްއޮފީހުގެ ވަގުތީ މަގާމުތަކުގައި ގެންގުޅުއްވައި ދޫކޮށްލައްވާ މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓެވުން ހިމެނެއެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން މުސާރައިގެ ކުރިއެރުން ޙައްޤުވާ ފަރާތްތަކަށް އިންކްރިމެންޓް ހަމަޖައްސައިދިނުމާ ގުޅޭގޮތުން ކުރައްވަންޖެހޭ އިދާރީ ކަންކަން ކުރެއްވިއެވެ. އަދި "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވާއިދު" އެކުލަވައިލުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތްވެސް ޢަބްދުލްޙަމީދު މޫސާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޖުޑީޝަލް އެފެއާޒްގައި ޢަބްދުލްޙަމީދު މޫސާ މަސައްކަތް ކުރެއްވިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ޤަޟިއްޔާ ނިންމަވައިފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން، އެކިއެކި ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އިލްތިމާސާ ގުޅޭގޮތުން ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރެއްވިއެވެ. އަދި ޝަރީޢަތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ މަޖިލީހުގެ އެންމެހައި މަސައްކަތްތައް ވިލަރެސްކުރެއްވުމާއި، ޖަލްސާތައް އިންތިޒާމް ކުރެއްވުމާއި، މިކަމާ ގުޅޭ އިދާރީ އެންމެހައި ކަންކަން ކުރައްވައިފައި ވެއެވެ.

ޢަބްދުލްޙަމީދު މޫސާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް އޮފީހުގައްޔާއި، ޕަބްލިކޭޝަންސް ސެކްޝަންގައިވެސް ޚިދުމަތް ކުރެއްވިއެވެ.

ޢަބްދުލްޙަމީދު މޫސާއަކީ، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންތަކުގައިވެސް އިދާރީ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ ކޮމިޝަންތަކުގެ ތެރޭގައި، ނޭޝަނަލް އިންކުއަރީ ކޮމިޝަނާއި، ކޮމިޝަން އޮން ސްޓޭޓްސް އެސެޓްސް ރިކަވަރީއާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން ހިމެނެއެވެ.

ޢަބްދުލްޙަމީދު މޫސާ މިހާރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ، ސްޕީޗް އާކައިވިންގގެ މަގާމުގައެވެ. މިހާރު ކުރައްވަމުން ގެންދަވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފައިވާ ބޭފުޅުން ދައްކަވައިފައިވާ ވާހަކަފުޅުތައް ވެބްސައިޓަށް ލެވޭ ފެންވަރަށް ބައްލަވައި ޗެކްކުރެއްވުމުގެ މަސައްކަތެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ކުރެއްވި މަސައްކަތަށް އެހީތެރިވެދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އަކިރި ހަދިޔާ ކުރުމުގެ މަސައްކަތުގައްޔާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކުރައްވައިގެން ހިންގަވާ ކަންކަމުގައި ޢަބްދުލްޙަމީދު މޫސާ ވަރަށް ހީވާގިކަމާއެކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ އިޖުތިމާޢީ ކުލަބުން ރާވައި ހިންގާ އެކިއެކި ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢަބްދުލްޙަމީދު މޫސާއަކީ، 2 ޖޫން 1990 ން ފެށިގެން، މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު އިމާމުވެ ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ޢަބްދުލްޙަމީދު މޫސާއަކީ، ކީރިތި ޤުރްއާން ރީތިކޮށް ކިޔަވައި ވިދާޅުވުމުގެ ރޮނގުން ރާއްޖޭގައި ފާހަގަކޮށްލެވޭ އެއް ޤާރީއެވެ. ރާއްޖޭގައި ޤައުމީ ފެންވަރުގައި މިހާތަނަށް ބޭއްވުނު އެންމެ ގިނަ ޖަލްސާތަކުގައްޔާއި، އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވި ވަރަށްގިނަ ޖަލްސާތަކުގައި ޤުރްއާން ކިޔަވައި ވިދާޅުވެދެއްވައިފައިވަނީ ޢަބްދުލްޙަމީދު މޫސާއެވެ. ބައިނަލްއަޤުވާމީ އެކި ޤުރްއާން މުބާރާތްތަކުގައިވެސް ޢަބްދުލްޙަމީދު މޫސާ ވަނީ، ރާއްޖެ ތަމްސީލު ކުރައްވައިފައެވެ. ރީތިކޮށް ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމުގެ ރޮނގުން 1981ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ޢަބްދުލްޙަމީދު މޫސާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، ޢަބްދުލްޙަމީދު މޫސާ ފާހަގަކުރެވިފައިވަނީ، މަސައްކަތުގެ އަޚްލާޤު ހިފެހެއްޓެވި، ހަވާލުކުރާ ކޮންމެ މަސައްކަތަކަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ފަރުވާތެރިކަމާއެކުގައި ކުރައްވާ އެ މަސައްކަތެއް ފުރިހަމައަށް ނިންމަވާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުލްޙަމީދު މޫސާއަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022ވަނަ އަހަރު އަރުވައިފައެވެ.