އަލްފާޟިލާ ޢާއިޝަތު މާހިރު
ޢާއިޝަތު މާހިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 25 އޮކްޓޫބަރު 1982ގައި، ސެންޓްރަލް ހޮސްޕިޓަލްގެ 2 ނަންބަރު ނަރުހެއްގެ މަގާމުގައެވެ. ސ. ހިތަދޫ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ނަރސިންގ ހެއްދެވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި މާލެއަށް ބަދަލުވެވަޑައިގެން، އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގ ސެންޓަރުން ތަމްރީނު ހޯއްދެވުމަށްފަހު، ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި ޢާއިޝަތު މާހިރު ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ 2 ނަންބަރު ނަރުހެއްގެ މަގާމާއި، ޑެންޓަލް އެސިސްޓެންޓެއްގެ މަގާމާއި، ސެންޓްރަލް ހޮސްޕިޓަލްގެ ޑެންޓަލް އެސިސްޓެންޓެއްގެ މަގާމާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑެންޓަލް އެސިސްޓެންޓެއްގެ މަގާމާއި، ސީނިއަރ ޑެންޓަލް އެސިސްޓެންޓެއްގެ މަގާމު ހިމެނެއެވެ.
ޢާއިޝާތު މާހިރު، ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ހޮސްޕިޓަލް ތަކުގެ ވޯޑުތަކާއި، ލޭބަރ ރޫމްގައި ޝިފްޓް ޑިއުޓީ އަދާކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، 1983ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އައްޑުއަތޮޅު ގަމުގައި ބޭއްވުނު އައި ކޭމްޕްގައި ބައިވެރިވެވަޑައިގެން، ވަރަށް ހީވާގިކަމާއެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ހަމަ އެ އަހަރުގެ ތެރޭގައި، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޢާއިޝަތު މާހިރު ވަނީ 3 މަހެއްހައި ދުވަހު ޚިދުމަތް ކުރައްވައިފައެވެ. އެދުވަސްވަރަކީ، ޝިގެއްލާ ރޯގާގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރިގެންދިޔަ ދުވަސްވަރުކަމަށްވުމުން، ޝިގެއްލާ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރެއްވި މަސައްކަތުގައި ބައިވެރިވެވަޑައިގެން އިތުރު ނަރުހަކާއެކީގައި، ހދ. ނޮޅިވަރަމުގައި ފޭލިގެޖަހައިގެން، އެ ފޭލިގޭގެ ތެރޭގައި ބަލިމީހުން ބައިތިއްބަވައިގެން ޢަމަލީގޮތުން ފަރުވާ ދެއްވުމުގެ ބުރަ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ހއ. އަތޮޅާއި، ހދ. އަތޮޅުގެ ރަށްރަށުގައި ތިބޭ ބަލިމީހުންނަށް ފަރުވާދެއްވުމަށްޓަކައި ވަޑައިގަންނަވާ ޑޮކްޓަރާއެކުގައި ވަޑައިގެން، ޝިގެއްލާ ބަލީގެ ޝިކާރައަކަށް ވެފައިވާ ބަލިމީހުންނަށް އެދުވަސްވަރު ލިބެންހުރި ހުރިހާ ވަސީލަތްތަކުގެ އެހީގައި އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދެއްވައިފައި ވެއެވެ.
ޢާއިޝަތު މާހިރުގެ ޚިދުމަތުގެ ބާބަށް، އާ ސަފުހާއެއް ހުޅުވިގެން ދިޔައީ 23 މާރިޗު 1986 ގައި، ސެންޓްރަލް ހޮސްޕިޓަލްގެ ދަތުގެ ޑިޕާޓްމަންޓަށް ނަރުހެއްގެ ގޮތުގައި ގުޅިވަޑައިގަތުމަށް ފުރުޞަތު ލިބިވަޑައިގަތުމުންނެވެ. ހަމައެއާއެކު، ދަތުގެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ފަރާތުންނާއި، ޑިޕާޓްމަންޓުން ކުރިއަށް ގެންދަވާ ތަމްރީނުތަކުގައި ޝައުޤުވެރިކަމާއެކުގައި ޢާއިޝަތު މާހިރު ބައިވެރިވެވަޑައިގެން، ތަޖުރިބާ ހޯއްދަވައިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި 1 ސެޕްޓެންބަރު 1986ގައި ޑެންޓަލް އެސިސްޓެންޓެއްގެ މަގާމަށް ވަޒީފާ ބަދަލުކުރެވިގެން ދިޔުމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އިތުރަށް ފުޅާވެގެން ދިޔައެވެ.
އެސޯސިއޭޓް ޑެންޓަލް އެސިސްޓެންޓެއްގެ ގޮތުގައި ހުންނަވައިގެން ޢާއިޝަތު މާހިރު އުފުއްލަވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޑެންޓަލް ލެބޯރެޓަރީގެ ބަލިމީހުންގެ އެޕޮއިންޓްމަންޓްތައް ތާވަލުކުރެއްވުމާއި، ޔައުމިއްޔާ ލިޔުއްވުމާއި، ދުވަހުން ދުވަހަށް ތަފާސް ހިސާބު ބެލެހެއްޓެވުން ހިމެނެއެވެ. މީގެ އިތުރުން، ޑެންޓަލް ޗެއަރ ސައިޑްގައި ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ތައްގަނޑު ނެންގެވުމާއި، މޮޑެލްތައް ހެއްދެވުމާއި، ދަތްޕިލާ ޖެހުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުން ހިމެނެއެވެ. އަދި ހަމައެއާއެކު، ދަތުގައި ނަރުގަނޑު އަޅުވައި، ޑޮކްޓަރުގެ އިރުޝާދުގެ މަތިން ރީޓެއިނަރ، ނައިޓް ގަރޑް އަދި ސްޕްލިންޓް ފަދަ އާލާތްތައް ތައްޔާރުކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ. އަދި ހަމައެހެންމެ، ޢާއިޝަތު މާހިރަކީ، ސަރުކާރުގެ މައި ހޮސްޕިޓަލްގެ ޑެންޓަލް ލެބޯރެޓަރީގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތުގައި ދެމިހުންނެވި ހިންގުންތެރި ބޭކަނބަލެކެވެ.
ޚިދުމަތުގައި ވޭތުވެދިޔަ 42 އަހަރަށް ވުރެ ދިގު މުއްދަތުގައި ޢާއިޝަތު މާހިރު ފާހަގަކުރެވިފައިވަނީ، އުމުރުން ދުވަސްވީ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ ބަލިމީހުންނަށް މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކުގައި ޚިދުމަތް ދެއްވަމުން ގެންދަވާ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އަދި، މަސައްކަތަށް ވަގުތު ދެއްވައިގެން، ކެތްތެރިކަމާއެކުގައި ބަލިމީހުންނަށް ފަރުވާދެއްވުމުގައި ދެމިހުންނެވި، ހިތްވަރުގަދަ މޭސްތެރިއެއްގެ ގޮތުގައިވެސް މެއެވެ.