އަލްފާޟިލް މޫސާ ނަސީމް އަޙްމަދު ސަޢީދު
މޫސާ ނަސީމް އަޙްމަދު ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 19 ޖޫން 1983 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޕިއޯނެއްގެ ވަޒީފާއެވެ. އޭގެ ފަހުން، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޕިޔޯނުގެ މަގާމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ސަރުދާރުގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ބަޖެޓު ބަލަހައްޓާ ކާތިބުގެ މަގާމާއި، ސީނިއަރ ކްލާކްގެ މަގާމާއި، ސަޕްލައި އެސިސްޓެންޓްގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ސްޕެޝަލް ޑިއުޓީ އޮފިސަރުގެ މަގާމާއި، ކޯޑިނޭޓަރުގެ މަގާމު އަދާކުރައްވައިފައިވެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކޯޑިނޭޓަރުގެ މަގާމާއި، މާލޭ މުނިސިޕަލްޓީއާއި، މާލެ ސިޓީ ކައުންސިލްގެ އިދާރާއާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައިވެއެވެ.
ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައްޔާއި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގައި މޫސާ ނަސީމް އަޙްމަދު ސަޢީދު ޚިދުމަތްކުރެއްވި ދުވަސްވަރަކީ، ދިވެހިރާއްޖޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވި ދުވަސްވަރާއި، މާލެއާއި، އަތޮޅުތަކުގެ ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން، އިނގިރޭސި މީޑިއަމަށާއި، ދިވެހި މީޑިއަމަށް ތަމްރީނުކުރުމުގެ މަސައްކަތްތައް ހިނގަމުންދިޔަ ދުވަސްވަރުކަމުގައި ވުމުން، އަސާސީ ތަޢުލީމުގެ ކްލާސްތަކަށް މީހުން ހާޒިރު ކުރެއްވުމުގެ ގޮތުންނާއި، މުދައްރިސުން ތަމްރީނު ކުރުމުގެ ކޯހުގައި ބައިވެރިވެ ތަމްރީނު ފުރިހަމަ ކުރަމުން ގެންދާ މީހުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސަވައިދެއްވުމުގައި، މޫސާ ނަސީމް އަޙްމަދު ސަޢީދު ފާހަގަކޮށްލެވޭފަދަ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި މޫސާ ނަސީމް އަޙްމަދު ސަޢީދު، މަގާމުގެ ހައިސިއްޔަތުން ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ބަޖެޓް ބެލެހެއްޓެވުމާއި، ފައިސާއާބެހޭ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ. އޭގެ ތެރޭގައި، މުވައްޒަފުންގެ މުސާރަ ތައްޔާރު ކުރެއްވުމާއި، ބަޖެޓާބެހޭ ރިޕޯޓްތައް ތައްޔާރު ކުރެއްވުމާއި، ކުރިއަށް އޮންނަ އަހަރަށް ބަޖެޓު ތައްޔާރު ކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ. އަދި އަތޮޅުއޮފީސް ތަކާއި، ރަށުއޮފީސް ތަކުން މާލެ ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރުފުޅުތަކާ ގުޅޭ ކަންކަން ހަމަޖެއްސެވުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މޫސާ ނަސީމް، މާލޭ މުނިސިޕަލްޓީއާއި، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޚިދުމަތުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މާލޭގެ މަގުތަކާއި، ޕާކުތަކާއި، މައިޒާންތައް މަރާމާތުކޮށް ސާފުކޮށް ބެލެހެއްޓެވުމުގެ މަސައްކަތް ރާއްވަވައި ހިންގެވުމާއި، މާލެއާއި ވިލިމާލޭގެ ބަނދަރުތަކުން އޮޑިދޯނި ފަހަރަށް ފައްތިޔާ ދޫކުރެއްވުމުގެ މަސައްކަތާއި، މާރުކޭޓުތައް ބެލެހެއްޓެވުމުގެ މަސައްކަތް، އަދި މާލެއާއި ވިލިމާލޭގައި މަދިރި ކޮންޓްރޯލް ކުރެއްވުމުގެ މަސައްކަތް ބެލެހެއްޓެވުން ހިމެނެއެވެ.
މޫސާ ނަސީމް އަޙްމަދު ސަޢީދަކީ ތެދުވެރިކަމާއި، އަމާނާތްތެރި ކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، އަދި އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ހަރުދަނާ ނަމޫނާ ޚިދުމަތްތެރިއެކެވެ. މޫސާ ނަސީމް އަޙްމަދު ސަޢީދު ފާހަގަ ކުރެވިފައިވަނީ، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
ދައުލަތުގެ ޚިދުމަތުގައި 42 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވައިފައިވާއިރު، މޫސާ ނަސީމް އަޙްމަދު ސަޢީދު މިހާރު ޚިދުމަތްކުރައްވަމުން ގެންދަވަނީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.