އަލްފާޟިލް އަޙްމަދު ނަޞީރު
އަޙްމަދު ނަޞީރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ފިޝަރީޒްގެ މަސައްކަތު މީހެއްގެ މަގާމުގައި، 12 ސެޕްޓެންބަރު 1981 ގައެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިޝަރީޒްގެ ޕިޔޯނުކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާގެ މަގާމާއި، ކޮމިއުނިޓީ ހެލްތު ސުޕަވައިޒަރުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ކޮމިއުނިޓީ ހެލްތު ސުޕަވައިޒަރުގެ މަގާމާއި، ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމާއި، ފ. މަގޫދޫ ޞިއްޙީ މަރުކަޒުގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމު ފުރުއްވައިފައި ވެއެވެ. އަދި ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމާއި، ފ. އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަޙްމަދު ނަޞީރު މިހާރު ހުންނެވީ، ފ. މަގޫދޫ ޞިއްޙީ މަރުކަޒުގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.
ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމާގުޅޭ ގިނަގުނަ މަސައްކަތްތަކެއް އަޙްމަދު ނަޞީރު ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރައްވައިފައިވެއެވެ. އަދި ޞިއްޙީ ކަންކަމަށް ޢާންމުން ހޭލުންތެރިކުރުވުމާއި، ގައިންގަޔަށް އަރާ ބަލިތަކާއި، ޢާންމުންގެ މެދުގައި ފެތުރޭ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމުގެގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. މީގެއިތުރުން، ޝިގެއްލާ ރޯގާގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވި ދުވަސްވަރު، ބަލިމީހުންނަށް ފަރުވާދެއްވުމުގައްޔާއި، އެ ބަލި ކޮންޓްރޯލް ކުރުމަށް ޢަމަލީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް އަޙްމަދު ނަޞީރު ކުރައްވައިފައި ވެއެވެ. އަދި ގޭގެއަށް ޒިޔާރަތްކުރައްވައި، ޢާންމު ސާފުތާހިރުކަން ބައްލަވައި، ޞިއްޙަތު ރައްކާތެރިކުރުމާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވުމާއި، ތުއްތުކުދިން ހެދިބޮޑުވަމުން އަންނަ މިންވަރާބެހޭ މައުލޫމާތު ބެލެހެއްޓެވުމާއި، އެކުދިންނަށް ފައިދާހުރި ކާނާ ދިނުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރެއްވުމާއި، ޅަފަތުގައި ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައިންނަށް މައުލޫމާތު ފޯރުކޮށްދެއްވައި، ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
އަޙްމަދު ނަޞީރު ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތަށް އިސްކަންދެއްވައިގެން، ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ޚާއްޞަގޮތެއްގައި ހާޒިރީއަށް ވަރަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައިވެސް މެއެވެ.
އަޙްމަދު ނަޞީރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.