އަލްފާޟިލް އިބްރާހީމް ރަމީޒު
މީނާޒް، ބ. ކުޑަރިކިލު

އިބްރާހީމް ރަމީޒު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 23 އޮކްޓޫބަރު 1979ގައި، ބ. ކުޑަރިކިލު ކޯޓުގެ ކާތިބުކަމުގެ މަގާމުންނެވެ. ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ 2 ނަންބަރު ކާތިބުގެ މަގާމާއި، ބ. ކުޑަރިކިލު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރުގެ މަގާމާއި، ސީނިއަރ ވޯކީޓޯކީ އޮޕަރޭޓަރުގެ މަގާމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމާއި، މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމު ހިމެނެއެވެ. އިބްރާހީމް ރަމީޒު މިހާރު ހުންނެވީ، އެ އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމުގައެވެ.

އިބްރާހީމް ރަމީޒު ފުރަތަމަ ވަޒީފާ އަދާކުރެއްވި ކުޑަރިކިލު އޮފީހުގައްޔާއި ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގައި ކުރެއްވީ އިދާރީ މަސައްކަތްތަކެވެ. އޭގެފަހުން، ކުޑަރިކިލު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރަކަށް ބަދަލުވެވަޑައިގެން، މެސެޖް ފޮނުއްވުމާއި، މެސެޖް ނެންގެވުމުގެ މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން އަދާކުރެއްވި މަގާމުތަކުގެ ހައިސިއްޔަތުން ކުރެއްވީ އިދާރީ މަސައްކަތްތަކެވެ. އޭގެތެރޭގައި، އޮފީހުގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓެވުމާއި، ސިޓީފަދަ ތަކެތި ލިޔުއްވައި ބެލެހެއްޓެވުމާއި، އޮފީހަށް ލިބޭ އެންމެހައި ތަކެތި ބަލައިގަނެ ކަމާބެހޭ މުވައްޒަފުންނަށް ފޮނުއްވުމާއި، ކައުންސިލްގެ ބައްދަލުވުންތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުއްވައި ބެލެހެއްޓެވުމާއި، ލާމަރުކަޒީ ޤާނޫނުން ލާޒިމުކުރާ، ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރު ކުރެއްވުމާއި، ބައްދަލުވުންތަކުން ނިންމަވާ ކަންތައްތައް ލިޔެ ބަލަހައްޓަވައި، ފޮނުއްވަންޖެހޭ ފަރާތްތަކަށް ފޮނުއްވުން ހިމެނެއެވެ. މީގެ އިތުރުން، ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތާއި، އެ މަސްއޫލިއްޔަތާ ގުޅިގެން އަދާކުރަންޖެހޭ ވާޖިބުތައް އިބްރާހީމް ރަމީޒު ވަރަށް ފަރުވާތެރިކަމާއެކުގައި އަދާކުރައްވަމުން ގެންދަވައެވެ. އަދި އަހަރު ނިމުމުން، ފޮނުވަންޖެހޭ ޕަރފޯމަންސް އިންޑެކްސްއަށާއި، ކޮމްޕްލަޔަންސް އޮޑިޓަށް ބޭނުންވާ މައުލޫމާތާއި، 6 މަސްދުވަހުގެ ރިޕޯޓަށާއި، އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯއްދެވުމާއި، ކަނޑު އުޅަނދުފަހަރު ސަރވޭ ކުރައްވައި ސަލާމަތީ ސެޓްފިކެޓް ހައްދަވައިދެއްވުންފަދަ މުހިންމު މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައެވެ.

އިބްރާހީމް ރަމީޒަކީ، ރަށުގެ ރައްޔިތުންނާ ގުޅުންހުރި އެހެނިހެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. މިގޮތުން ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެދަށުން އުނގެނެން ބޭނުންވެފައި ތިބި، ރަށުގެ އެކި އުމުރުފުރައިގެ މީހުންނަށް އުނގަންނައިދެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުކަން ކުރެއްވިއިރު، ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ރަށުގައި ހިންގި، ރުއްގަސް އިންދައި ހެއްދުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެރިވެވަޑައިގަތުމާއެކުގައި، ކުޑަރިކިލު ސްކޫލުގައި ގްރޭޑް 8 އުފައްދައި، ގްރޭޑް 10 އާ ހަމައަށް ސްކޫލުގެ ކިޔެވުން ކުރިޔަށްގެންދިޔުމާ ގުޅޭގޮތުން ކުރެވުނު މަސައްކަތުގައި ސްކޫލުގެ ޕީ.ޓީ.އޭ.ގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންވެސް އިބްރާހީމް ރަމީޒު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.

ކުޑަރިކިލުގައި އުފެދިފައިވާ އެންމެ ގިނަދުވަސްވީ ޖަމުޢިއްޔާ، ކުޑަރިކިލު ރަށްވެހިންގެ ދިރުމުގެ މުއައްސިސުގެ ގޮތުގައި އިބްރާހީމް ރަމީޒު ހުންނަވައިގެން، އެ ޖަމުޢިއްޔާއިން ރަށުގެ ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމުގެގޮތުން ކުރެވުނު މަސައްކަތްތަކުގައްޔާއި، ސަގާފީ އަދި ޒަމާނީ ކުޅިވަރުތައް ދިރުވައި އާލާކުރުމަށްޓަކައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގައިވެސް އިބްރާހީމް ރަމީޒު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. އަދި އެ ޖަމުޢިއްޔާގެ ފަރާތުން ރަށުގެ އަންހެން ކަނބަލުންނަށް ފަހަން ދަސްކޮށްދޭ ކޯހާއި، ކީރިތި ޤުރްއާނަށް އަހުލުވެރިކަން އިތުރުކުރުމަށް ކުޑަރިކިލުގެ ފަރުދުންނަށް ޤުރްއާން ކޯސްތަކާއި، ކަރަންޓް ވައިރުކުރުމުގެ މަސައްކަތް ދަސްކޮށްދިނުންފަދަ ކޯސްތައް ހިންގެވުމުގައި އިބްރާހީމް ރަމީޒު، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އިބްރާހީމް ރަމީޒަކީ، ރީތިކޮށް ތާނަ ލިޔުއްވާ ބޭފުޅެކެވެ. އަދި ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތަށް ފަރުވާތެރި، ކަމަށް ކަމޭހިއްތަވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ހީވާގި ބޭފުޅެއްވެސް މެއެވެ.