އަލްފާޟިލް ޙަސަން އިސްމާޢީލް
އާސާނު، ށ. ފުނަދޫ

ޙަސަން އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 6 ޖޫން 1981 ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ (ޑަބްލިޔު.އެޗް.އޯ.ގެ ދަށުން ހިންގި މެލޭރިއާ ޕްރޮޖެކްޓުގެ) މެލޭރިއާ ކްލިނިކްގެ ޑޮމިސިލިއަރީ ވަރކަރ އެއްގެ ގޮތުގައެވެ. އޭގެފަހުން، އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގ ސެންޓަރުން ހިންގި 18 މަސްދުވަހުގެ ކޮމިއުނިޓީ ހެލްތު ވަރކަރ ކޯސް ފުރިހަމަ ކުރެއްވިއެވެ.

ޙަސަން އިސްމާޢީލް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާގެ މަގާމާއި، ކޮމިޔުނިޓީ ހެލްތު ސުޕަވައިޒަރުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ މެނޭޖަރުގެ މަގާމާއި، ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރުގެ މަގާމާއި، ރީޖަނަލް ހެލްތު އެޑްމިނިސްޓްރޭޓަރުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޙަސަން އިސްމާޢީލް ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ޑަބްލިޔު.އެޗް.އޯ.ގެ އެހީތެރިކަމާއެކުގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން، ދިވެހިރާއްޖޭގައި މެލޭރިއާ ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ އަތޮޅު ތަކުގައި، މެލޭރިއާ ކޮންޓްރޯލް ކުރުމުގެ ޕްރޮގުރާމު ހިންގެވި ދުވަސްވަރެވެ. އެގޮތުން، އަތޮޅުތެރޭގައި ހިންގެވި ސަރވޭ ދަތުރުތަކުގައި ޙަސަން އިސްމާޢީލް، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ރާއްޖެއިން މެލޭރިއާ ނައްތައިލުމަށް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ފަހުން، ކޮމިއުނިޓީ ހެލްތު ވަރކަރ ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، އެކި އަތޮޅު ތަކުގެ ޞިއްޙީ މަރުކަޒުތައް ހިންގެވުމުގައި ހަރަކާތްތެރިވެވަޑައިގެން، ހަމަހަމަކަމާއި، އޯގާތެރިކަމާއެކުގައި ބަލިމީހުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވައިފައިވެއެވެ. އެގޮތުން ޙަސަން އިސްމާޢީލް، ހިންގެވުމާ ހަވާލުވެވަޑައިގެން ޚިދުމަތްކުރައްވައިފައިވާ ޞިއްޙީ މަރުކަޒުތަކަކީ، އދ. މަހިބަދޫ ޞިއްޙީ މަރުކަޒާއި، އއ. ރަސްދޫ ޞިއްޙީ މަރުކަޒާއި، ދ. ކުޑަހުވަދޫ ޞިއްޙީ މަރުކަޒާއި، ވ.ފެލިދޫ ޞިއްޙީ މަރުކަޒާއި، ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒާއި، ރ. އަލިފުށީ ޞިއްޙީ މަރުކަޒާއި، ށ. މިލަންދޫ ޞިއްހީ މަރުކަޒު އަދި ށ. ބިލެތްފަހީ ޞިއްޙީ މަރުކަޒެވެ. މީގެތެރެއިން ބައެއް ޞިއްޙީ މަރުކަޒު ތަކަކީ، އަލަށް ބިނާކުރެވި ޚިދުމަތްދޭން ފެށި ތަންތަން ކަމުގައިވާތީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ހުރިހައި ތައްޔާރީއެއް ވުމާއި، މަރުކަޒުގެ ޚިދުމަތް ފަށައި، އެ ޚިދުމަތަށް އިތުރު މުވައްޒަފުން ހޯދުމާހަމައަށް ޙަސަން އިސްމާޢީލް ވަނީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވުމުގެ އިތުރުން، އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ވަރަށް އިޚުލާޞްތެރިކަމާއެކުގައި ކުރައްވައިފައެވެ.

ޞިއްޙީ ދާއިރާގެ ޚިދުމަތްތަކަކީ، ރައްޔިތުންނާ ގާތުން ފޯރުކޮށްދެވޭ އިންސާނީ ޚިދުމަތްތަކެއް ކަމުގައިވާތީ، މި ދާއިރާގައި ޙަސަން އިސްމާޢީލް ޚިދުމަތްކުރައްވަމުން ގެންދަވަނީ، ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކުގައެވެ. ދައުލަތުގެ ޚިދުމަތުގައި ޙަސަން އިސްމާޢީލް އެންމެ ފާހަގަކުރެވެނީ، ފަރުވާތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކުގައި މަސަކަތްކުރައްވާ، ބަލިމީހުންގެ ސިއްރުތައް ހިފަހައްޓަވާ، ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކަށް އިޙްތިރާމްކުރައްވާ އަދި ކަންކަން ނިންމެވުމުގައި ވެރިންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ޙަސަން އިސްމާޢީލް މިހާތަނަށް ވަނީ ދައުލަތަށް 42 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ. އަދި މިހާރު ހުންނެވީ، ށ. އަތޮޅު ހޮސްޕިޓަލްގެ ޕްރިންސިޕަލް ހެލްތު ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރުގެ މަގާމުގައެވެ.