އަލްފާޟިލާ ސާދުނާ ޢަލީ
ތަރިވިދާގެ، އދ. މަހިބަދޫ

ސާދުނާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 26 އެޕްރީލު 1983ގައެވެ. ފުރަތަމަ އަދާކުރެއްވީ އ. އަތޮޅު މަދަރުސާގެ 2 ނަންބަރު ކާތިބާކަމެވެ. އޭގެފަހުން، އ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކްރެޓެރީގެ މަގާމާއި، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައިވެއެވެ. ސާދުނާ ޢަލީ މިހާރު ހުންނެވީ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރުގެ މަގާމުގައެވެ.

އ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޒީފާއާ ގުޅިވަޑައިގެން ފުރަތަމަ 10 އަހަރުގެ ތެރޭގައި ސާދުނާ ޢަލީ ކުރައްވައިފައިވަނީ، މަރުކަޒުގެ އިދާރީ މަސައްކަތްތަކެވެ. 1993ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވަނީ އަތޮޅު ތަޢުލީމީ މަރުކަޒުގެ ބަޖެޓް އަދި ފަންޑުތަކުގެ ފައިސާއާބެހޭ މަސައްކަތްތަކެވެ. އެގޮތުން، ފައިސާއާއި ބަޖެޓާގުޅޭ އެންމެހައި ކަންތައްތައް، މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރައްވަމުން ގެންދެވުމަށް ސާދުނާ ވަރަށް ބޮޑަށް އިސްކަން ދެއްވަމުން ގެންދަވައެވެ.

ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ފަންޑާއި، މުވައްޒަފުންގެ ފަންޑާއި، ބެލެނިވެރިންގެ ފަންޑަށް ފައިސާ ހޯއްދެވުމުގެ މަސައްކަތުގައިވެސް، ސާދުނާ ޢަލީ ބައިވެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން 2004ން 2006އަށް، ތަޢުލީމީ މަރުކަޒުގައި އޭ ލެވެލްއަށް ކިޔަވަމުން ގެންދިޔަ ދަރިވަރުންގެ ޓެކްސްޓް ފޮތާއި، އިމްތިޙާނުގެ ފީ ދެއްކުމަށްޓަކައި ފަންޑު ހޯއްދެވުމުގެ ގޮތުން، މަހިބަދޫއާ ކައިރި ބައެއް ރިޒޯޓުތަކާއި، ތަޢުލީމީ މަރުކަޒުގެ ޕީ.ޓީ.އޭ.އާ ގުޅިގެން ހިންގި ތަފާތު ހަރަކާތްތަކުގައިވެސް ސާދުނާ ޢަލީ އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ.

ދަރިވަރުންނަށް ބާއްވާ ޚާއްޞަ ހަރަކާތްތަކާއި، ޚާއްޞަ ޙަފުލާތަކާއި، އަދި މިނޫންވެސް އެކިއެކި ކަންކަމުގައި ސާދުނާ ޢަލީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ. މިގޮތުން، ދަރިވަރުންގެ އިތުރު ހަރަކާތްތައް ހިންގެވުމާއި، އެކިއެކި ކަންކަމަށް ފަންޑު ހޯދުމާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާ ފަދަ ޚާއްޞަ ރަސްމިއްޔާތުތަކާ ގުޅިގެން ކުރެވޭ ކަންކަމުގައްޔާއި، ތަޢުލީމީ މަރުކަޒުގެ ގޯތިތެރެ ޒީނަތްތެރިކޮށް ފެހިކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައިވެސް ސާދުނާ ޢަލީގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ.

ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ހުންނަވައިގެން ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާތާ މިވީ 42 އަހަރަށްވުރެ ދިގު މުއްދަތުގައި ސާދުނާ ޢަލީ ފާހަގަކުރެވިފައިވަނީ، ވަރަށް ފަރުވާތެރިކަމާއެކުގައި، މަސައްކަތަށް އިސްކަންދެއްވައިގެން މަސައްކަތް ކުރައްވާ އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.