އަލްފާޟިލާ ޙައްވާ ޒާހިރާ
ޙައްވާ ޒާހިރާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 14 އެޕްރީލު 1983 ގައި، ޢާއިލާގެ އެހީތެރިޔާގެ މަގާމުގައެވެ. އުމުރުން 16 އަހަރުގައި ފެމިލީ ހެލްތު އޮފިސަރުކަން ކިޔެވުމުގެ ފުރުސަތު ލިބިވަޑައިގަތުމާ ގުޅިގެން އެ ރޮނގުން ތަމްރީނު ފުރިހަމަ ކުރެއްވުމަށްފަހު ޚިދުމަތާ ގުޅިވަޑައިގެންނެވިފަހުން މި ވޭތުވެދިޔަ 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ޙައްވާ ޒާހިރާ ވަނީ، ޞިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
ޙައްވާ ޒާހިރާ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވިއިރު ޢާއިލާގެ އެހީތެރިން މަސައްކަތް ކުރައްވަނީ، ރަށުއޮފީހުގައެވެ. އެދުވަސްވަރަކީ ޞިއްޙީ ވަސީލަތްތައް މަދު ދުވަސްވަރަކަށްވުމުން، އަމިއްލަ އިސްނެންގެވުމާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. މިގޮތުން، މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި އަމިއްލަފުޅު ޚަރަދުގައި ހޯއްދަވައިގެން މަސައްކަތުގެ މާހައުލު ތަރުތީބު ކުރެއްވިއެވެ.
ބަލިމީހުން ގާތަށް ޒިޔާރަތް ކުރައްވައި އެމީހުންގެ ހާލު ބެއްލެވުމަކީ ޙައްވާ ޒާހިރާގެ ޚިދުމަތުގެ އެންމެ މުހިންމު އެއްބައެވެ. ޓީ.ބީ.އާއި، ލެޕްރެސީ، އަދި ފައިލޭރިޔާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭސް ދެއްވުމާއި، ލޮލު ރޯގާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ ހާލަތްތަކުގައި ގޭގެއަށް ޒިޔާރަތްކުރައްވައި ބަލިމީހުންނަށް ބޭސް ދެއްވުމާއި، ފެންވަޅުތަކަށް ކްލޮރިން އެޅުއްވުމާއި، ޑެންގޫ ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ހުއްޓުވުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ކުރާ މަސައްކަތްތަކުގައި ޙައްވާ ޒާހިރާ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.
ޙައްވާ ޒާހިރާ ވަނީ، އަތޮޅު ތެރޭގެ ޞިއްޙީ ޔުނިޓުތަކުގެ މަސައްކަތް ހަރުދަނާ ކުރުމުގެގޮތުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ބައެއް ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ވެކްސިން ސްޓޮކާއި، ވެކްސިން ބަލަހައްޓާގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދެއްވުމާއި، ޢާއިލާ ރޭވުމާއި، ކުޑަކުދިން ހެދިބޮޑުވުން ވަޒަންކުރުމުގެ ފަންނީ މަސައްކަތްތައް ދަސްކޮށްދެއްވައިފައި ވެއެވެ. މީގެ އިތުރުން، އިދާރީގޮތުން މަސައްކަތް ބަލަހައްޓާނެ ފޯމެޓެއް ތައްޔާރު ކޮށްދެއްވައި، އަތޮޅުގެ ވެކްސިން ސްޓޮކާއި ޞިއްޙީ އެހެނިހެން އާލާތްތައް ބެލެހެއްޓެވުމުގައިވެސް، ޙައްވާ ޒާހިރާ އިސްދައުރެއް އަދާކުރެއްވިއެވެ.
ޙައްވާ ޒާހިރާ، މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، މާބަނޑު މީހުން ބެއްލެވުމާއި، ވިހައިގެން އުޅޭ މީހުން ގާތަށް ޒިޔާރަތްކުރައްވައި އެމީހުންގެ ކަންކަން ބެއްލެވުމާއި، ރަށްރަށަށް ބޭނުންވާ ވެކްސިންއާއި، ފެމިލީ ޕްލޭނިންގއާބެހޭ އާލާތްތަކާއި، ވިޓަމިން އޭ ކެޕްސޫލާއި، ފަނީބޭސް އަދި ކްލޮރިން ފޮނުވުމުގެ އިންތިޒާމުތައް ބެލެހެއްޓެވުން ހިމެނެއެވެ. އަދި، ޔުނިޓުން ފޮނުވަންޖެހޭ ތަކެއްޗާއި، ދުވަހުން ދުވަހަށާއި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުއްވުމާއި، ކުޑަކުދިން ކިރުމާއި، ވެކްސިން ދިނުމާ ގުޅޭ މަސައްކަތްތައް ކުރެއްވުމާއި، ބަލިމީހުންގެ ގޭގެއަށް ޒިޔާރާތްކުރައްވައި އެމީހުންގެ ހާލު ބެއްލެވުންވެސް ހިމެނެއެވެ.
ޙައްވާ ޒާހިރާގެ ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި ކުރެއްވި އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޢަމަލުކުރަންޖެހޭ ގޮތްތައް އޮޅުންފިލުއްވައިދެއްވުމާއި، ޢާންމު ޞިއްޙަތާމެދު މީހުން ހޭލުންތެރި ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި މުޖުތަމަޢުގެ އިތުބާރު ހޯއްދެވުން ހިމެނެއެވެ. ވަސީލަތްތައް މަދު ޒަމާނެއްގައި، ޙައްވާ ޒާހިރާ ފޯރުކޮށްދެއްވި ޚިދުމަތްތަކަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. ޞިއްޙީ ދާއިރާގައި، ވަކިން ޚާއްޞަކޮށް އަތޮޅުތެރޭގައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތުގައި ޙައްވާ ޒާހިރާއަކީ، ނަމޫނާ ދައްކަވަމުންގެންދަވާ ޚިދުމަތްތެރިއެއްވެސް މެއެވެ.
ޙައްވާ ޒާހިރާ، މިހާރު ޚިދުމަތްކުރައްވަމުން ގެންދަވަނީ، ތ. އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.