އަލްފާޟިލާ ޙަލީމާ އަޙްމަދު
ޙަލީމާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 14 އެޕްރީލު 1983ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމެވެ. އޭގެފަހުން، ބ.އަތޮޅު ހޮސްޕިޓަލްގެ ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޙަލީމާ އަޙްމަދު މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ބ. އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.
ވޭތުވެދިޔަ 42 އަހަރަށްވުރެ ދިގުމުއްދަތުގެ ތެރޭގައި ޙަލީމާ އަޙްމަދު ޞިއްޙީ ދާއިރާގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޢާންމު ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި ޢާންމުން ހޭލުންތެރި ކުރުވުމާއި، މާބަނޑު މީހުން ބެއްލެވުމާއި، މާބަނޑު މީހުން ވިއްސުމުގައި އެހީތެރިވެދެއްވުމާއި، ކުޑަކުދިން ހެދިބޮޑުވުން މޮނިޓަރކޮށް ބެއްލެވުމާއި، ވެކްސިން ދެއްވުމާއި، ޢާއިލާ ރޭވުމާ ގުޅޭ މައުލޫމާތު ދެއްވުން ހިމެނެއެވެ. އަދި ޢާންމުކޮށް ފެތުރޭ ރޯގާތައް ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދެއްވުމާއި، ބަލިމީހުންނަށް ޒިޔާރަތް ކުރައްވައި، ކުރަންޖެހޭ ކަންކަން ކުރެއްވުމާއި، ގޭގެއަށް ޒިޔާރަތްކުރައްވައި، ޢާންމު ރައްޔިތުންނަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދެއްވުމާއި، ހޮޓާ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ސާފުތާހިރުކަން ހިފަހައްޓަންޖެހޭ މިންގަނޑުގައި ހުރިތޯ ބެއްލެވުމާއި، ސްކޫލް ހެލްތު ޗެކްއަޕްގެ މަސައްކަތުގައި އެހީތެރިވެދެއްވުމުގެ ކަންކަންވެސް ކުރައްވައިފައި ވެއެވެ.
ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ބ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގައިވެސް ޙަލީމާ އަޙްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ.
ޙަލީމާ އަޙްމަދުގެ ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި ފާހަގަކުރެވެނީ ފަރުވާތެރިކަމާއި، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާ އެކުގައި އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވަމުންގެންދަވާ، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.