އަލްފާޟިލް ޢަބްދުލްމަތީން ޢަލީ
ޢަބްދުލްމަތީން ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން 15 އަހަރުގައި، ކޯޓު ނަންބަރު 6ގެ 2ނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. އެއީ، 22 މާރިޗު 1983 ގައެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް ޖަސްޓިސްގެ 2ނަންބަރު ކާތިބުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކްލެރިކަލް އެސިސްޓެންޓް (2 ނަންބަރު) ގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ކޯޓު ނަންބަރު 6ގެ 2 ނަންބަރު ކާތިބެއްގެ މަގާމުގައި، ޢަބްދުލްމަތީން ޢަލީ މައިގަނޑު ގޮތެއްގައި ކުރެއްވީ، ޝަރީޢަތުގެ ބަޔާންތައް ލިޔުއްވުމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިޔުއްވުމުގެ މަސައްކަތެވެ. މީގެއިތުރުން، ކޯޓަށް ހުށަހެޅޭ ތަރިކައިގެ މައްސަލަތަކުގައްޔާއި، ބަދަލު ދިނުމުގެ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރެއްވުމާއި، ހިސާބުތައް ހެދުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޖަސްޓިސްގެ 2 ނަންބަރު ކާތިބުގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެން، ރަށްރަށުގެ ރަށު ކޯޓުތަކުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، ޤާޟީން ޗުއްޓީއަށް ވަޑައިގަތުމުން، އެ ދާއިރާތައް އެހެން ޤާޟީންނާ ހަވާލުކުރެއްވުމުގެ މަސައްކަތް، ޢަބްދުލްމަތީން ޢަލީ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ޢަބްދުލްމަތީން ޢަލީ އެންމެ ފުރަތަމަ ކުރެއްވީ، ބަޖެޓާ ގުޅޭ މަސައްކަތްތަކެވެ. މިގޮތުން، ބަޖެޓުން ޚަރަދުކުރުމަށް ހުއްދަ ދެއްވާ ފޮތް ލިޔުއްވުމާއި، ބަޖެޓް ބާކީ ކުރެއްވުމާއި، ބަޖެޓުގެ ހިސާބުތައް ބެލެހެއްޓެވިއެވެ. އޭގެފަހުން، ޚާއްޞަ ބަޖެޓް އެކައުންޓާއި، ޚާއްޞަ ލޯނު އެކައުންޓުގެ ހިސާބުތަކާއި، އޮފީހުގެ ތިޖޫރީ ބަލަހައްޓަވައި، އޮފީހަށް ލިބޭ ފައިސާ ބަލައިގެންނެވުމާއި ޖަމާކުރެއްވުމާއި، އާމްދަނީ އެކައުންޓުގެ ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ކުރިއަށް އޮންނަ އަހަރަށް އޮފީހުގެ ބަޖެޓު ލަފާކުރައްވައި ބަޖެޓުގެ ހިސާބުތައް ތައްޔާރު ކުރެއްވުމާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދު ލަފާ ކުރައްވައި ހިސާބު ތައްޔާރުކުރެއްވުމާއި، މުވައްޒަފުންގެ ޙާޟިރީއާ ގުޅޭ ކަންކަން ބަލަހައްޓަވައި، މުވައްޒަފުންނަށް މުސާރަ ދިނުމުގެ މަސައްކަތާއި، ޕްރޮވިޑެންޓް ފަންޑާއި، ކްރެޑިޓް ސްކީމުގެ ހިސާބުތަކާއި ލިޔުންތައް ޗެކްކުރެއްވުމާއި، ބަޖެޓާއި އެކައުންޓުތަކާ ބެހޭގޮތުން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވަންޖެހޭ ސިޓީ ތައްޔާރުކުރެއްވުމުގެ މަސައްކަތްތައް ކުރެއްވިއެވެ. އަދި، މާލިއްޔަތު ޤާނޫނުގެދަށުން ދައުލަތުގެ އެސެޓް ބަދަލުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯއްދެވުމަށްޓަކައި އަންނަ ސިޓީތަކަށާއި، ދައުލަތުގެ ބިންބިމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންނަ މައްސަލަތަކަށް ޖަވާބު ދެއްވުމާއި، ސަރުކާރުގެ އިދާރާތަކަށް އޮފީސް ޖާގަ ހަމަޖެއްސުމާގުޅޭ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
2021ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޯޕަރޭޓް ސަރވިސް އޮފީހުގެ ފައިނޭންސް އެންޑް މެއިންޓެނަންސް ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނެވީވެސް ޢަބްދުލްމަތީން ޢަލީ އެވެ. އެ ސެކްޝަންގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، އޮފީހުގެ ބަޖެޓާއި، ޕްރޮކިއުމަންޓާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، އޮފީހުގެ މެއިންޓެނަންސް އާއި ހައުސްކީޕިންގ އާއި އޮފީހުގެ ވެހިކަލްތައް ބެލެހެއްޓެވުމާއި، އޮފީހުގެ ނާސަރީއާއި، ޑިސްޕެޗުގެ މަސައްކަތާއި، އޮފީހުން ބާއްވަވާ ޖަލްސާތަކަށް ތަން ތައްޔާރު ކުރުމުގެ މަސައްކަތްތައް ބެލެހެއްޓެވުމެވެ.
ޢަބްދުލްމަތީން ޢަލީ ކުރެއްވި ބައެއް ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އައު ޢިމާރާތުގެ މަސައްކަތް ފެށިގެން ނިމެންދެން، އެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފައިވުން ހިމެނެއެވެ. 1990ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ސާރކް ސަމިޓަށް ދަރުބާރުގެ ތައްޔާރުކުރެއްވުމާގުޅޭ މަސައްކަތްތަކާއި، 2011ވަނަ އަހަރު، އައްޑޫ ސިޓީގައި ސާރކް ސަމިޓް ބޭއްވުމަށް ބިނާކުރެއްވި ކޮންވެންޝަން ސެންޓަރު ތައްޔާރުކުރެއްވުމާގުޅޭ މަސައްކަތްތަކާއި، އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ސްޓޭޓް ހައުސް ޤާއިމު ކުރުމަށްޓަކައި ކުރަންޖެހުނު ހުރިހާކަމެއްގައި ޒިންމާދާރުކަމާއެކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، އަތޮޅުތަކުގައި ވަޒީރުންގެ މަޖިލިސް ބޭއްވެވުމަށް ނިންމެވުމާ ގުޅިގެން، ވަޒީރުންގެ މަޖިލިސް ބޭއްވުމަށްޓަކައި ފުރިހަމަ ކުރައްވަންޖެހޭ ލޮޖިސްޓިކްސްއާ ގުޅޭކަންކަމާއި، އިދާރީ އިންތިޒާމުތައް ފުރިހަމަވެފައިވާކަން ކަށަވަރު ކުރެއްވުމަށްޓަކައި އެ މަޖިލިސް ބޭއްވެވި އަތޮޅުތަކަށް ވަޑައިގެން، ކުރައްވަންޖެހުނު މަސައްކަތްތައްވެސް ފަރުވާތެރިކަމާއެކުގައި ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ފުރަތަމަ އުފެއްދެވި މުވައްޒަފުންގެ އެކުވެރިކަމުގެ ފަންޑުގެ ފައިސާގެ ހިސާބުތައް ދިގު މުއްދަތެއް ވަންދެން ބަލަހައްޓަވައި، އެ ފަންޑުގެ ޚަޒާންދާރުކަމުގެ މަގާމުވެސް ޢަބްދުލްމަތީން ޢަލީ ވަނީ ފުރުއްވައިފައެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބިޑް ކޮމިޓީގައި އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޢަބްދުލްމަތީން ޢަލީ ހިމެނިވަޑައިގަންނަވައެވެ.
ކޮންމެ އާ ރިޔާސީ ދައުރަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިދާރީ އޮނިގަނޑަށް އެކިފަހަރުމަތިން ބަދަލުގެންނެވި ކަމުގައިވިޔަސް، އޮފީހުގެ ފައިނޭންސްއާއި މެއިންޓެނަންސްއާ ގުޅޭ ކަންކަމުގައި ލަފާ ދެއްވުމާއި، މަސައްކަތްތައް ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ، ޢަބްދުލްމަތީން ޢަލީކަން ފާހަގަކޮށްލަން ޖެހެއެވެ.
ޢަބްދުލްމަތީން ޢަލީ އަކީ، ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއި، ޝައުޤުވެރިކަމާއި، ޒިންމާދާރުކަމާއެކުގައި ކުރައްވަމުން ގެންދަވާ އަދި މަސައްކަތުގެ އަޚްލާޤު ހިފަހައްޓަވާ ބޭފުޅެކެވެ. 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި މިހާތަނަށް ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ޢަބްދުލްމަތީން ޢަލީ މިހާރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުލްމަތީން ޢަލީއަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022ވަނަ އަހަރު އަރުވައިފައެވެ.