އަލްފާޟިލާ ދިޔާނާ ޢަލީ
ރޭނިގެ، އއ. އުކުޅަސް

ދިޔާނާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 20 ޖަނަވަރީ 1983 ގައި، އަރިއަތޮޅު އުކުޅަހު ކޯޓުގެ ކާތިބާއެއްގެ ގޮތުގައެވެ. އޭގެ ފަހުން، އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ދިޔާނާ ޢަލީ، މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އަރިއަތޮޅު އުތުރުބުރީ އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓްގެ މަގާމުގައެވެ.

އއ. އުކުޅަހު ކޯޓުގެ ވަޒީފާއާ ގުޅިވަޑައިގެން، ދިޔާނާ ޢަލީ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ކޯޓުގެ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުފަދަ ލިޔުންތައް، ފަރުވާތެރިކަމާއެކުގައި، ރީތިކޮށް އަތުން ލިޔުއްވުން ހިމެނެއެވެ. އަދި، ރަށުގެ ފުށްޓަރު ފަރާތުގައި ހުންނަ ވޯކީޓޯކީ ގެއަށް ކޮންމެ ދުވަހަކު ވަޑައިގެން، ދައުލަތުގެ އެކިއެކި އޮފީސްތަކުން އުކުޅަހު ކޯޓަށާއި، އުކުޅަހު އޮފީހަށް ފޮނުއްވާ މެސެޖުތައް ލޮގު ފޮތަށް ނެންގެވުމާއި، އޮފީސްތަކަށް ފޮނުވާ މެސެޖުތައް ފޮނުއްވުމުގެ މަސައްކަތާއި، އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމުގެ ގޮތުން ގޭގެއަށް ވަޑައިގެން، އެމީހުންނަށް އެންގެވުންފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދެއްވުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، ކައިވެންޏާއި ވަރިއާ ގުޅުންހުރި އިދާރީ މަސައްކަތްތައްވެސް ދިޔާނާ ޢަލީ ކުރެއްވިއެވެ. ހަމައެއާއެކު، ރަށަށް ޒިޔާރަތްކުރައްވާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު ކަންކަންވެސް ވަރަށް ފަރުވާތެރިކަމާ އެކުގައި ކުރައްވައިފައިވެއެވެ.

މީގެއިތުރުން، ކައިރި ބައެއް ރަށްރަށުގެ ރަށުކޯޓުތަކުގެ އިދާރީ މުވައްޒަފުން ޗުއްޓީ ނެންގެވުމުން، އެ ރަށްރަށަށް ވަޑައިގެން، އެ ކޯޓުތަކުގައި ކުރަންޖެހޭ ޝަރުޢީ މަސައްކަތްތަކާއި، ފައިސާއާބެހޭ ކަންކަމާއި، އިދާރީ މަސައްކަތްތައް ކޮށްދެއްވައިފައި ވެއެވެ. ދިޔާނާ ޢަލީ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ޝަރީޢަތާގުޅޭ މަސައްކަތްތަކާއި، ކައިވެންޏާއި، ވަރިއާ ގުޅޭ އިދާރީ މަސައްކަތްތަކާއި، ތަފާސް ހިސާބާ ބެހޭ މަސައްކަތްތަކާއި، ކުށުގެ ރެކޯޑާ ބެހޭ އެންމެހައި މަސައްކަތްތަކާއި، ސްޓޮކް ބެލެހެއްޓެވުން ހިމެނެއެވެ.

ދިޔާނާ ޢަލީ ފާހަގަ ކުރެވިފައިވަނީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އެހީތެރިވެދެއްވަމުން ގެންދަވާ މުވައްޒަފެއްގެ ގޮތުގައެވެ. ޝަރުޢީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ، ވަޒީފާ އަދާކުރުމުގައި މުވައްޒަފުން ޢަމަލު ކުރުމަށް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

ދިޔާނާ ޢަލީ، އުކުޅަހު ކޯޓުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ރަށުއޮފީސް ހިންގާ އިމާރާތުގެ ތެރޭގައި ރަށުކޯޓުވެސް ހިންގަމުން ގެންދިޔަ ދުވަސްވަރުކަމަށް ވުމުން، ރަށުއޮފީސް ހިންގެވުމާ އެއިރަކު ހަވާލުވެވަޑައިގެން ތިއްބެވި ވެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. އަދި ރަށުއޮފީހުގެ ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމުގައި އެހީތެރިވެވަޑައިގެންދެއްވައި، ވެރިންގެ މަޝްވަރާއާއި ލަފައަށް އެދިވަޑައިގަންނަވާ ކަންކަމުގައި ލަފާ ދެއްވުމާއި، އޭރު ރަށުއޮފީހުގައި ހިންގަމުން ގެންދިޔަ ފެމިލީ ހެލްތު ސެކްޝަންގައި ފެމިލީ ހެލްތު ވަރކަރެއް ނެތި ދިޔަ ދުވަސްތަކުގައި އުކުޅަހު ފެމިލީ ހެލްތު ސެކްޝަންގެ ބައެއް މަސައްކަތްތައް ކޮށްދެއްވައި، ރަށުއޮފީހަށް ޒިޔާރަތްކުރައްވާ ވަފުދުތަކަށް ރަށުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ ގޮތުން ކުރައްވަން ޖެހުނު ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވައިފައި ވެއެވެ.

ދިޔާނާ ޢަލީ އަކީ، 1986ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރުގެ ނިޔަލަށް، އއ. އުކުޅަހު އަންހެނުންގެ ކޮމިޓީގެ މެންބަރު ކަމާއި، ނައިބު ރައީސާ ކަމާއި، ސެކްރެޓެރީކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މީގެއިތުރުން، ދިޔާނާ ޢަލީ ވަނީ، އުކުޅަހު ރައްޔިތުންގެ ފިހާރައިގެ ހިސާބުތައް ހިލޭސާބަހަށް ބަލަހައްޓަވައިދެއްވައި، ސަރުކާރުން ކުރިއަށް ގެންދެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން އުކުޅަހުގައި ކުރިއަށް ގެންދެވި އަސާސީ ތަޢުލީމު އުނގަންނައިދިނުމުގެ ކުލާސްތަކުގައި ކިޔަވައި ދެއްވައިފައެވެ. ދިޔާނާ ޢަލީ އަކީ، ރަށުގެ ކުރިއެރުމާއި ތަރައްޤީއާ ގުޅިގެން ކުރެވޭ ކަންކަމުގައި، އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އިޖުތިމާއީ ޚިދުމަތްތެރިއެއްވެސް މެއެވެ.

ދިވެހި ދައުލަތުގެ ޚިދުމަތުގައި މިހާތަނަށް ހޭދަކުރެއްވި 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ދިޔާނާ ޢަލީ ފާހަގަކުރެވިފައި ވަނީ، މަސައްކަތަށް އިސްކަން ދެއްވައިގެން، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، ހާޒިރީއަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައެވެ.