އަލްފާޟިލާ ޞާބިރާ ޙަސަން
ޞާބިރާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ އުމުރުން އެންމެ 15 އަހަރުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ މަދަރުސާ މަކުތަބު ތަކުގެ މުދައްރިސް ކަމުގެ މަގާމުގައި ދ. މީދޫ މަކްތަބުގައެވެ. އެއީ، 1 ޖަނަވަރީ 1983ގައެވެ. ޞާބިރާ ޙަސަން، ޚިދުމަތަށް ނިކުންނެވީ ޓީޗަރސް ޓްރޭނިންގ ފުރިހަމަކުރެއްވުމަށް ފަހުގައެވެ. އޭގެފަހުން، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، އެސިސްޓެންޓް ސުޕަވައިޒަރގެ މަގާމާއި، ސުޕަވައިޒަރގެ މަގާމާއި، ދ. އަތޮޅު މަދަރުސާގެ ސުޕަވައިޒަރގެ މަގާމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރގެ މަގާމާއި، ޓީޗަރ (ލީޑިންގ ޓީޗަރ)ގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޣާޒީ ސްކޫލްގެ ޓީޗަރ (ސްޕެޝަލް އެޑިއުކޭޝަން)ގެ މަގާމާއި، ސީނިއަރ ޓީޗަރ (ސްޕެޝަލް އެޑިޔުކޭޝަން)ގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޞާބިރާ ޙަސަން، ދ. އަތޮޅު މަދަރުސާގައި ޚިދުމަތްކުރެއްވިއިރު، ޓީޗަރެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިންމާގެ އިތުރުން، މަދަރުސާ ހިންގެވުމާ ހަވާލުވެ ހުންނަވާ އިސްވެރިއެއްގެ ގޮތުގައި 4 އަހަރު ޚިދުމަތް ކުރައްވައިފައި ވެއެވެ. ނިޒާމީ ތަޢުލީމު ރަސްމީ ގޮތެއްގައި ފެށުމުގެ ކުރިން، ކިޔަވައި ދިނުމާއި ސްކޫލް ހިންގުމުގައި ހުރި ދަތިތަކާއި ހުރަސްތައް ގިރާކުރައްވައި ކުރިޔަށް ދިޔުމުގައި ވަރަށްގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިނަމަވެސް، ވަރުގަދަ ޢަޒުމަކާއެކުގައި މަސައްކަތްކުރައްވައި ދ. އަތޮޅު މަދަރުސާގެ ކަންކަން ވަކި އިންތިޒާމެއްގެ މަތިން ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރެއްވިއެވެ. އަދި، ދ. މީދޫގައި ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރެއްވުމުގައި ޞާބިރާ އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.
ދ. އަތޮޅު މަދަރުސާގައި ސާނަވީ ތަޢުލީމާއި، މަތީ ސާނަވީ ތަޢުލީމު ފެށުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި ޞާބިރާ ޙަސަން ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ދަރިވަރުންނަކީ ހުނަރުވެރި، ރިވެތި އަޚުލާޤެއްގެ ވެރިބަޔަކަށް ހެދުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތް ކޮށްދެއްވައިފައި ވެއެވެ.
ޣާޒީ ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިންގާ "ހުނަރުވެށި" ޕުރޮގުރާމުގައި ފެހުމާއި، މާޖެހުމުގެ މަސައްކަތް ދަރިވަރުންނަށް ދަސްކޮށްދެއްވުމުގައި ޞާބިރާ ޙަސަން، އިސްނަންގަވައިގެން ޓިއުޓަރެއްގެ ގޮތުގައި މިހާރު ގެންދަވަނީ ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.
ދައުލަތުގެ ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި، ޞާބިރާ ޙަސަން ވަނީ، ވަޒީފާއާގުޅޭ ކުރުމުއްދަތާއި، ދިގު މުއްދަތުގެ ވަރަށް ގިނަ ތަމްރީނުތަކާއި، ކޯސްތައް ފުރިހަމަ ކުރައްވައިފައެވެ. މިގޮތުން، އެޑްވާންސް ސެޓްފިކެޓާއި، ޑިޕްލޮމާގެ އިތުރުން އެޑިޔުކޭޝަން މެނެޖްމަންޓްގެ ދާއިރާއިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރސް ޑިގްރީ އަދި އުނގެނުމާއި އުނގަންނައި ދިނުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލު ކުރައްވައިފައެވެ.
ޒުވާން އުމުރުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވި، އަދި މިހާރުވެސް ޚިދުމަތުގައި ހުންނެވި ޞާބިރާ ޙަސަންވަނީ، ދިވެހި ދައުލަތަށް މެދުނުކެނޑި 43 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައެވެ. ޞާބިރާ ޙަސަން މިހާރު ހުންނެވީ، ޣާޒީ ސްކޫލުގެ ޓީޗަރ (ސްޕެޝަލް އެޑިޔުކޭޝަން)ގެ މަގާމުގައެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި ޞާބިރާ ޙަސަން ފާހަގަކުރެވިފައިވަނީ، ހާޒިރީއަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައެވެ.
ދ. މީދޫގައި ކުރިއަށް ގެންދެވުނު އިޖުތިމާޢީ އެންމެހައި މަސައްކަތްތަކުގައިވެސް، ޞާބިރާ ޙަސަން އިސްނަންގަވައިގެން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. މިގޮތުން މުޅި ރާއްޖޭގައި ހިންގުނު އަސާސީ ތަޢުލީމުގެ ޕުރޮގުރާމުގައި ވޮލަންޓިއަރެއްގެގޮތުން ބައިވެރިވެވަޑައިގެން، ރަށުގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންނަށް ކިޔަވައިދެއްވައި، ރަށުގެ މުޖުތަމަޢު ހޭލުންތެރި ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.
ޞާބިރާ ޙަސަން، ދ. މީދޫގެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސްކަން 10 އަހަރު ދުވަހު ކުރައްވައި، އަތޮޅު ކުރިއަރުވާ ކޮމިޓީގައި އަތޮޅުގެ ތަޢުލީމީ ދާއިރާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި 8 އަހަރު ދުވަހު ޚިދުމަތް ކުރައްވައިފައިވެއެވެ.