އަލްފާޟިލާ ޝިރުމީނާ ޢަބްދުﷲ
ޝިރުމީނާ ޢަބްދުﷲ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1 ޖަނަވަރީ 1983ގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ރާއްޖެތެރޭގެ މަދަރުސާ މަކުތަބުތަކުގެ މުދައްރިސެއްގެ މަގާމުގައެވެ. އޭރު ޚިދުމަތް ކުރެއްވީ، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 43 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު، އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރު ކަމާއި، މަޖީދިއްޔާ ސްކޫލްގެ މުދައްރިސް ކަމާއި، ގްރެޖުއޭޓް ޓީޗަރު ކަމާއި، ޓީޗަރު ކަމާއި، ސީނިއަރ ޓީޗަރުކަން ހިމެނެއެވެ. ޝިރުމީނާ ޢަބްދުﷲ މިހާރު ހުންނެވީ، މަޖީދިއްޔާ ސްކޫލުގެ ޓީޗަރެއްގެ މަގާމުގައެވެ.
ޕްރައިމަރީ ދަރިވަރުންނަށާއި، ސެކަންޑަރީ ދަރިވަރުންނަށް ދިވެހިބަހާއި، ބަހުގެ އަދަބާއި ހަމަތައް ދަސްކޮށްދެއްވުމުގައި، ދަރިވަރުންގެ އަޚުލާޤާއި ތަރުބިއްޔަތަށް އިސްކަން ދެއްވައިގެން ތަޢުލީމު އުނގަންނައި ދެއްވުމަށް ޝިރުމީނާ ޢަބްދުﷲ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަން ޖެހެއެވެ. ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަޢުލީމީ ދާއިރާއާގުޅޭ އެކިއެކި ވަރކްޝޮޕްތަކާއި، ކޭމްޕުތައް ބޭއްވުމުގައި ޝިރުމީނާ ޢަބްދުﷲ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ކޯ-ކަރިކިއުލަރ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރައްވައި އެކިއެކި މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުވުމުގެ މަސައްކަތްވެސް ޝިރުމީނާ ކުރައްވަމުން ގެންދަވައެވެ.
ޝިރުމީނާ ޢަބްދުﷲ ވަނީ، ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށް އިސްކަންދެއްވައިގެން، ޑިޕްލޮމާގެ އިތުރުން، ފުރަތަމަ ޑިގްރީއާއި، މާސްޓަރސް ޑިގްރީ ހާސިލު ކުރައްވައިފައެވެ. އަދި، ތަޢުލީމީ ދާއިރާއާ ގުޅޭ ވަރކްޝޮޕްތަކާއި، މަހާސިންތާތަކާއި، އޮން ދަ ޖޮބް ޓްރެއިނިންގ ތަކުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
ޝިރުމީނާ ޢަބްދުﷲއަކީ، ވަޒީފާ އަދާކުރެއްވުމުގައި ގަޑިއަށް ފަރުވާތެރި، މަސައްކަތަށް އިސްކަން ދެއްވައިގެން، ކަމަށް ކަމޭހިއްތަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ، ވަރުބަލިކަމެއްނެތި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގިނަ ވަގުތު ހޭދަކުރައްވަމުން ގެންދަވާ ޓީޗަރެކެވެ. މީގެއިތުރުން، ޝިރުމީނާ ޢަބްދުﷲ ފާހަގަކުރެވެނީ، ވަޒީފާ އަދާކުރެއްވި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި އެތަންތަނުގެ އިސްވެރިންގެ ތަޢުރީފު ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު އަދި ޒުވާން ޓީޗަރުންނަށް ނަމޫނާ ދައްކުވައިދޭ ބޭކަނބަލެއްގެ ގޮތުގައެވެ.