އަލްފާޟިލް ޢަލީ އަޙްމަދުމަނިކު
ޢަލީ އަޙްމަދުމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 5 ފެބުރުވަރީ 1974ގައި ޓީ.ސީ.ޑީ. (ހ)ގެ މެސެންޖަރެއްގެ މަގާމުގައެވެ. ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ސީނިއަރ ކޯޓު އޮފިސަރުގެ މަގާމުގައެވެ.
ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި ޢަލީ އަޙްމަދުމަނިކު ވަނީ، ދައުލަތުގެ އެކި ދާއިރާތަކުގެ އެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން، އެމް.ޖީ. ބޮޑު ސްޓޯރުގައި ފައިސާ ބަލަހައްޓާ 2 ނަންބަރު ކާތިބުގެ މަގާމާއި، ސްޕެޝަލް ވެލްފެއަރ ޑިވިޜަންގެ ދަށުން ކ. ގުރައިދޫގައި ހުންނަ ފަގީރުން ބަލަހައްޓާ ވެރިޔާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވައިފައި ވެއެވެ. ފަގީރުން ބަލަހައްޓާ މަރުކަޒުގައި މަސައްކަތް ކުރެއްވިއިރު، އެތަނުގައި ތިބޭ މީހުންގެ ކެއުންބުއިމާއި، ބޭސްފަރުވާގެ ކަންކަން ރާއްވަވައި ބެލެހެއްޓެވުމުގެ އެންމެހައި ކަންކަން ވަރަށް ފުރިހަމައަށް ކުރެއްވިއެވެ.
މީގެއިތުރުން، ޏ. އަތޮޅު ކޯޓުގެ 2 ނަންބަރު ކާތިބުގެ މަގާމާއި، ޏ. ފުވައްމުލަކު ކޯޓުގެ ސީނިއަރ ކްލާކްގެ މަގާމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމު، ޢަލީ އަޙްމަދުމަނިކު އަދާކުރައްވައިފައި ވެއެވެ. ފުވައްމުލަކު ކޯޓުގެ ކާތިބު ކަމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވިއިރު، ކޯޓުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓެވުމާއި، މައްސަލަތަކުގެ ޝަރުޢީ ނިންމުންތަކާއި ޙުކުމްތައް ތައްޔާރުކުރުންފަދަ މުހިންމު މަސައްކަތްތައް ކުރެއްވީ، ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
ކޯޓުގެ ޝަރީޢަތް ހިންގާ ސެކްޝަންތަކުގެ މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުމުގެ ގޮތުން ޝަރީޢަތްތަކުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި، މައްސަލަތައް އަވަހަށް ނިންމުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެއްވުމުގައިވެސް ޢަލީ އަޙްމަދުމަނިކު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. މީގެއިތުރުން، ޝަރީޢަތްތަކާ ގުޅިގެން އަގު ކުރަންޖެހޭ ރުއްގަހާއި، ގޯތިގެދޮރުފަދަ ތަންތަން އަގު ކުރުމަށްޓަކައި އަގު ކޮމިޓީއާއެކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައި، އެފަދަ ތަކެތީގެ ރެކޯޑު ބަލަހައްޓަވައި، ބައި ކުރެވޭ ގޯތިތައް ބައިކުރެވޭ ގޮތުގެ ޗާޓުތައް ކުރައްސަވައި، ނަކަލުކުރުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ހުވަދުއަތޮޅު އުތުރުބުރިއާއި، ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ ރަށުކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިންމެވުމަށްޓަކައި، މިނިސްޓްރީ އޮފް ޖަސްޓިސްއިން ފޮނުއްވި ޚާއްޞަ ޝަރުޢީ ވަފުދުގެ ސެކްރެޓެރީއެއްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން ބައިވެރިވެވަޑައިގެން، ޢަމަލީގޮތުން މަސައްކަތްކުރައްވައިފައި ވެއެވެ.
ޢަލީ އަޙްމަދުމަނިކު، ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމު އަދާކުރެއްވިއިރު، ކޯޓުގެ ފައިސާއާ ބެހޭ މަސައްކަތްތަކާއި، މުވައްޒަފުންނާ ގުޅުންހުރި އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިމާރާތް މަރާމާތުކުރުންފަދަ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމުގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.
ޢަލީ އަޙްމަދުމަނިކަކީ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެކިއެކި ތަމްރީނުތައް ފުރިހަމަކުރައްވައި، ތަޖުރިބާ ހޯއްދަވައިފައިވާ، ހިންގުންތެރި ބޭފުޅެކެވެ. ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި ޢަލީ އަޙްމަދުމަނިކު ފާހަގަކުރެވެނީ، މަސައްކަތަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއި، ފަރުވާތެރިކަމާއި، އަމާނާތްތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި އަދި ރިވެތި އަޚުލާޤެއްގެ ވެރި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ. ޢަލީ އަޙްމަދުމަނިކު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 މޭ 2018 ގައެވެ.