އަލްއުސްތާޛު މުޙައްމަދު ހާޝިމް
ހަނދުވަރީމަންޒިލް، ސ. މަރަދޫ

އަލްއުސްތާޛު މުޙައްމަދު ހާޝިމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 4 ޖޫން 1980ގައި ކޯޓު ނަންބަރު 2ގެ 2ނަންބަރު ކާތިބު ކަމުގެ ވަޒީފާ ގައެވެ. އޭގެފަހުން، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ކާތިބު ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ކާތިބު ކަމާއި، ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ޤާޟީކަމާއި، ސ. ހިތަދޫ ކޯޓުގެ ޤާޟީ ކަމާއި، މެޖިސްޓްރޭޓް ކަމާއި، ސީނިއަރ މެޖިސްޓްރޭޓް ކަމާއި، އައްޑު އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

އަލްއުސްތާޛު މުޙައްމަދު ހާޝިމް، ކޯޓު ނަންބަރު 2ގެ 2 ނަންބަރު ކާތިބުކަމުގެ މަގާމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ކާތިބު ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ކާތިބުކަމުގެ މަގާމު އަދާކުރެއްވިއިރު، ކުރެއްވީ ފައިސާއާ ގުޅޭ މަސައްކަތްތަކެވެ.

އަލްއުސްތާޛު މުޙައްމަދު ހާޝިމް، ޝަރުޢީ ދާއިރާގެ މަސްއޫލިއްޔަތާއި، ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުވެސް އަދާކުރައްވަމުން ގެންދެވީ، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާ އެކުގައިކަން ފާހަގަކޮށްލަން ޖެހެއެވެ. ޝަރުޢީ ދާއިރާގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ކޯޓުތަކުގެ އިތުބާރު ދެމެހެއްޓެވުމަށާއި، ނަޒާހަތްތެރިކަން ދެމެހެއްޓެވުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވައިފައި ވެއެވެ. އަދި، ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ ކުރެއްވުމަށާއި، މުވައްޒަފުން ތަމްރީނު ކުރެއްވުމަށާއި، މުވައްޒަފުންގެ މެދުގައި އޯގާތެރިކަމާއި، ހަމަހަމަކަން ޤާއިމުކުރެއްވުމަށާއި، މަސައްކަތުގެ މާޙައުލަކީ އެކުވެރި އަދި ހިތްވަރުދޭ މާޙައުލަކަށް ހެއްދެވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިފައި ވެއެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ކޯޓުތަކުގެ މާލީ ނިޒާމު ހަރުދަނާ ކުރެއްވުމުގެ ގޮތުން މަރުކަޒީކޮށް މުސާރަ ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމާއި، ކޯޓުތަކުގެ އިންޓަރނަލް އޮޑިޓް ކުރުމުގެ ކަންކަން ހިންގެވުމާއި، ކޯޓުތަކުގެ ޢުމްރާނީ ތަރައްޤީގެ ކަންކަމާއި، އާކައިވް ޤާއިމުކުރެއްވުމާއި، ޢަދުލު އިންޞާފު އަވަސްކަމާއެކުގައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހުނު ކަންކަމާއި، ކޯޓުގެ އިދާރީހިންގުން ހަރުދަނާ ކުރެއްވުމާއި، ކޯޓުތަކުގައި ނުނިމި ގިނަދުވަސްވީ މައްސަލަތައް އަވަހަށް ނިންމެވުމުގެ ގޮތުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ކައިވެނިކުރާ ދެމީހުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި، ކައިވެނީގެ ކުރިން ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުވެސް ހިންގަވައި ދެއްވައިފައި ވެއެވެ.

މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ދަށުން މިސްކިތްތަކުގެ ކަންކަން ބެލެހެއްޓެވިއިރު މިސްކިތްތަކުގެ ސާފުތާހިރު ކަމާއި، މުދިމުންގެ އަޚުލާޤު ރަނގަޅު ކުރެއްވުމަށާއި، މިސްކިތްތަކުގެ އިންވެންޓްރީ އެކުލަވައިލެއްވުމަށާއި، މިސްކިތްތަކަށް ބޭނުންވާ ތަކެތި ހޯއްދަވައި ދެއްވުމަށާއި، މިސްކިތްތަކަށް ދާއިމީ މުދިމުންނާއި މަސައްކަތު މީހުންގެ މަގާމު އިތުރުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރައްވައި، މިސްކިތްތަކުގެ އިމާމުންނާއި މަސައްކަތު މީހުންގެ މުސާރަ ގަވާއިދުން ލިބޭނެގޮތް ހަމަޖެއްސެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަލްއުސްތާޛު މުޙައްމަދު ހާޝިމް ކުރައްވައިފައި ވެއެވެ.

އަލްއުސްތާޛު މުޙައްމަދު ހާޝިމް، ހިލޭސާބަހަށް ޖަމާޢަތަށް ޚިދުމަތް ކުރެއްވުމުގެ ގޮތުން، ހިތަދޫގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންނަށާއި، އިތުރަށް ކިޔަވަން ބޭނުންވި މީހުންނަށް އަމާޒުކޮށްގެން، ހިތަދޫ އޮފީހުން ހިންގެވި ކްލާސްތައް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ކިޔަވައި ދެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބައެއް ބޭފުޅުން "ކާތިބު"ކަމުގެ ފެންވަރަށް ތަޢުލީމު ހާސިލުކުރެއްވިއެވެ. އަތޮޅުތަކުގައި ތިބެގެން ސަނަދު ނެގޭނެ މަގުފަހިކޮށްދެއްވުމުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިވަޑައިގަތުމުގެ މަތީން އިމްތިޙާނުތަކުގައި އެގްޒަމިނަރކަން، އަލްއުސްތާޛު މުޙައްމަދު ހާޝިމް ކުރައްވައިފައި ވެއެވެ. މަރަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރުވުމުގައްޔާއި، ސަރުކާރުން ތަކެތި ދެއްވުމުން، ރައްޔިތުންގެ ބައިވެރިވުމާ އެކުގައި، ސްކޫލުތަކާއި، މިސްކިތްތައް އިމާރާތްކުރުވުމާއި، މަރާމާތު ކުރުވުމާއި، ގަމުގެ ބިމުގެ އަޑީގައި ވަޅުލައިފައިވާ ކަރަންޓް ކޭބަލް ނަގައިގެން މަރަދުއަށް ގެނެސް، އެ ކޭބަލް މަރަދޫގައި ވަޅުލައި، ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ މަސައްކަތްތައް ކުރުވުމުގައި މުޙައްމަދު ހާޝިމް، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މާލީ އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ.

އިޖުތިމާޢީ އިޞްލާޙީ މަސައްކަތެއްގެ ގޮތުން، ކިޔަވާ އުމުރުގެ ކުދިން، ކުށުގެ ވެށީގައި އުޅޭކަން ފާހަގަ ކުރެއްވިގެން، ފެމިލީ ކޮންފަރެންސިންގ ބޭއްވުމަށް މަސައްކަތް ކުރައްވައި، އެ ކުދިންނަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމުގެ ގޮތުން، ހިތަދޫ ކަތީބުންނާއި، ކުއްޖާގެ އާއިލާއާއި، ސްކޫލާއި، ފުލުހުން އަދި އައްޑޫސިޓީ ކައުންސިލް، އެއް މޭޒެއްގެ ދޮށަށް ގެންނަވައިގެން ކުއްޖާ އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަން ވިލަރެސް ކުރެއްވުމުގައި، އަލްއުސްތާޛު މުޙައްމަދު ހާޝިމް އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި އިޖުތިމާޢީ ރޮނގުން އަތޮޅަށާއި ރަށަށް ޚިދުމަތްކުރެއްވުމުގެ ގޮތުން، އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުކަމާއި، ހިތަދޫ ރކ. ކޮމިޓީ އާއި، މަރަދޫ ރކ. ކޮމިޓީގެ މެންބަރު ކަމުގައި ހުންނަވައިގެން އަތޮޅާއި ރަށުގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައިވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައި ވެއެވެ.

އަލްއުސްތާޛު މުޙައްމަދު ހާޝިމް، ފާހަގަކުރެވިފައިވަނީ، ދައުލަތުގެ ވަޒީފާ އަދާކުރެއްވުމުގައި ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައި، މަސައްކަތަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި، ކަންކަން ނިންމެވުމުގައި، ޤާނޫނު ތަކާއި، ގަވާއިދު ތަކާއި، އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

އަލްއުސްތާޛު މުޙައްމަދު ހާޝިމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ 44 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، 43 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވީ، ޝަރުޢީ ދާއިރާގައެވެ. އަލްއުސްތާޛު މުޙައްމަދު ހާޝިމް މިހާރު ހުންނެވީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައެވެ.