އަލްފާޟިލް މުޙައްމަދު ރަމީޒު އަޙްމަދު
ދަފްތަރު. ނަންބަރު ރސ 4295، މާލެ

މުޙައްމަދު ރަމީޒު އަޙްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 24 ޑިސެންބަރު 1977ގައި، ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، އެ ޑިޕާޓްމަންޓުގެ ޕިޔޯނުގެ މަގާމާއި، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ މެސެންޖަރގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުގެ މަގާމާއި، އައި.ޖީ.އެމް.އެޗް.ގެ ސެކިއުރިޓީ އޮފިސަރުގެ މަގާމު އަދާކުރެއްވިއެވެ. މީގެއިތުރުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ގާޑުގެ މަގާމާއި، ސެކިއުރިޓީ އޮފިސަރުގެ މަގާމާއި، ސެކިއުރިޓީ ގާޑުގެ މަގާމުގެ އިތުރުން، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މުޙައްމަދު ރަމީޒު އަޙްމަދު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަސްޓަމްސް އޮފިސަރ ގްރޭޑް 3ގެ މަގާމުގައެވެ.

މުޙައްމަދު ރަމީޒު އަޙްމަދު، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގައި ޚިދުމަތް ކުރެއްވިއިރު، މެސެޖުތައް އައުމުން މެސެޖުތައް އެ ރައްދުވާ ބޭފުޅަކަށް އަވަހަށް ރައްދުކޮށްދެއްވުމަށް ހީވާގިކަމާއެކުގައި މަސައްކަތްކުރައްވައިފައި ވެއެވެ. މުޙައްމަދު ރަމީޒު އަޙްމަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިވެސް ޚިދުމަތް ކުރެއްވީ، ވަރަށް ހީވާގިކަމާއެކުގައެވެ.

މުޙައްމަދު ރަމީޒު އަޙްމަދު، އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ. އެތާނގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސްޓޮކް ބެލެހެއްޓެވުމާއި، ބޮންޑެޑް ވެއަރހައުސްއިން ނެރޭ މުދަލުގެ ތެރެއިން ޚާއްޞަ ގޮތަކަށް ޢަމަލު ކުރަން ކަނޑައަޅައިފައިވާ މުދަލާމެދު އެގޮތަށް ޢަމަލުކުރުމާއި، ޓްރެއިން ޑިވައިސް ދޫކުރުމާއި، ބަލައިގަތުމާއި، މިކަމާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރެއްވުމުގެ އިތުރުން، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތް ދައްކައިދޭ ފްލޯރޗާޓާ އެއްގޮތަށް އަގު ކަނޑައެޅުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. އަދި ޓްރާންސިޓް އަދި ޓްރާންސްޝިޕްމަންޓް މުދަލާ ގުޅޭގޮތުން ސެކްޝަނުން ކުރަންޖެހޭ މަސައްކަތް ކުރެއްވުމާއި، އެކްސްޕޯޓް އަދި އިމްޕޯޓްކުރާ މެނިފެސްޓާ ގުޅޭގޮތުން ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރެއްވިއެވެ. ކަސްޓަމްސްގެ ކ. ތިލަފުށީގައި ގާއިމުކޮށްފައިވާ ޕްރައިވެޓް ޕޯޓް ފެސިލިޓީތައް މޮނިޓަރކޮށް ބެލެހެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ކަނޑުގެ ބަނދަރުތަކުން ކަސްޓަމްސްއިން ބަލަހައްޓާ ސަރަޙައްދުތަކަށް ވަދެނިކުމެވާ މީހުން ބަލައި ފާސްކުރުމާއި، ބަންކަރު ތެލާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރެއްވިއެވެ. އަދި ޕޯޓް އެގްޒަމިނޭޝަންގައި މަސައްކަތް ކުރެއްވިއިރު، ޑިއުޓީ ދައްކައިފައިވަނީ އިންވޮއިސްއާ އެއްގޮތަށްތޯ ޗެކްކުރައްވައި، އެ އާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރެއްވުމާއި، ކާގޯ ބޯޓުފަހަރަށް މުވައްޒަފުން ފޮނުއްވުމާއި، ބޯޓުފަހަރުގައި ގަވާއިދާ ޚިލާފުކަމެއް ހިނގާތޯ ބައްލަވައި، އެފަދަކަމެއް ހިނގާނަމަ އެކަން ރިޕޯޓު ކުރައްވައި، ދެވޭ އިރުޝާދާ އެއްގޮތުގެ މަތިން ޢަމަލުކުރެއްވުން ހިމެނެއެވެ.

މުޙައްމަދު ރަމީޒު އަޙްމަދު ވަނީ، އަދާކުރައްވާ ވަޒީފާއާ ގުޅޭގޮތުން ފުރިހަމަ ކުރައްވަންޖެހޭ ތަމްރީނުތައްވެސް ފުރިހަމަ ކުރައްވައިފައެވެ. އޭގެތެރޭގައި އަސިކުޑާ ވަރލްޑް ޓްރޭނިންގއާއި، ސައިޓީސް ޓްރޭނިންގއާއި، އޮފެންސް މެނެޖްމަންޓް ޓްރޭނިންގ އަދި ކްރައިމް ޕްރިވެންޝަން ފިޒިކަލް އެކްޓިވިޓީ ފަދަ ތަމްރީނުތައް ހިމެނެއެވެ. މުޙައްމަދު ރަމީޒަކީ، ކަސްޓަމްސްއިން ބާއްވަވާ އިޖުތިމާޢީ ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މުޙައްމަދު ރަމީޒު އަޙްމަދު ފާހަގަކުރެވެނީ، މަސައްކަތަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއި، ފަރުވާތެރިކަމާ އެކުގައި ޚިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން މުޙައްމަދު ރަމީޒު އަޙްމަދު ކުރައްވައިފައިވާ ޚިދުމަތުގެ އަގުވަޒަންކުރައްވައި، އެކިފަހަރު މަތިން ހަނދާނީ ލިޔުން ލިބިވަޑައިގެންފައިވެއެވެ. އަދި ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ކުލަތަކުގެ ތެރެއިން ޤާބިލުކަމުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، އަޚުލާޤީ ކުލައާއި، އިޚުލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ އަދި 125 އަހަރުގެ ކުލަ ހާސިލުކުރައްވައިފައިވެއެވެ.

ދައުލަތަށް 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، މުޙައްމަދު ރަމީޒު އަޙްމަދު ރިޓަޔަރ ކުރެއްވީ 28 އޮގަސްޓު 2022 ގައެވެ.