ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ
ޗަމްޕާ މުޙައްމަދު މޫސާއަކީ، ޒުވާން އުމުރުފުޅުގައިވެސް ވަރަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ބޭފުޅެކެވެ. ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް ތުއްޕުޅުއިރުއްސުރެ ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. މުޙައްމަދު މޫސާއަށް ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، ދެ ރުފިޔާއަށް ބައްލަވައިގެންނެވި ދޮންކެޔޮގަނޑަކާ ހިސާބުންނެވެ. އެ ހިސާބުން ފެށިގެން ވިޔަފާރި ފުޅާކުރެއްވުމަށް ޝައުޤުވެރިކަމާއެކުގައި މަސައްކަތް ފެށްޓެވިއެވެ. އޭރު މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވި ނަމަވެސް، ލިބިވަޑައިގަންނަވާ ހުސްވަގުތުތަކުގައި، އެކިއެކި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. މިގޮތުން، ސިމެންތި ހުސްކުރާ ކޮތަޅު ހޯއްދަވައިގެން، އެ ކޮތަޅު ވިއްކަވައިގެން، އޭރުވެސް އާމްދަނީ ހޯއްދަވަމުން ގެންދެވިއެވެ.
މުޙައްމަދު މޫސާ، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، ޢާއިލާގެ އެހީތެރިކަމާއެކުގައި، ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލު ކުރެއްވުމަށް އިންޑިއާގެ ޓެމިލްނާޑޫގެ ޢުމަރު އާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުން ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އިންޑިއާއަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ، 1958ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 24ވަނަ ދުވަހުއެވެ. ޖާމިޢާ ދާރުއްސަލާމުން ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރު، ހިންދީބަހާއި، އުރުދޫބަސް ވަރަށް ރަނގަޅަށް ދަސްކުރެއްވިއެވެ. އެއަށްފަހު، ތަފާތު މަސައްކަތްތައް ދަސްކުރެއްވުމުގެ ގޮތުން، ކޮއިންބަތޫރަށް ވަޑައިގެން، އެތާނގެ ބައެއް ކާރުޚާނާތަކުގައި ޚިދުމަތް ކުރައްވައި، އެކިއެކި މަސައްކަތް ދަސްކުރައްވައި، އެކި ރޮނގުރޮނގުން ތަޖުރިބާ ހާސިލު ކުރެއްވިއެވެ.
މުޙައްމަދު މޫސާއަކީ، ވަޔަރލެސް އޮޕަރޭޓަރު ކަމުގެ ތަމްރީނު ފުރިހަމަކުރައްވައިފައިވާ ވަޔަރލެސް އޮޕަރޭޓަރަކަށް ވުމާއެކު، 1966ވަނަ އަހަރު ރާއްޖެ ވަޑައިގަތުމަށްފަހު، އެ މަސައްކަތް ރާއްޖޭގެ އެތައް ބަޔަކަށް ދަސްކޮށްދެއްވިއެވެ. އެ ދުވަސްވަރަކީ، ވަޔަރލެސް އޮޕަރޭޓަރުން ވަރަށް މަދު ދުވަސްވަރެކެވެ.
މުޙައްމަދު މޫސާ އިންޑިއާއިން ކިޔަވައިވިދާޅުވެގެން އެނބުރި ރާއްޖެއަށް ވަޑައިގަތީ، ތަފާތު އެކި މަސައްކަތްތައް ދަސްކުރައްވައިގެންނެވެ. ދަސްކުރެއްވި އެ މަސައްކަތްތަކުން އާމްދަނީ ހޯއްދެވުމުގެ ޝައުޤުވެރިކަންވެސް ހިތްޕުޅުގައި އޮތުމާއެކުގައި، އެ ޝައުޤުވެރިކަމުގެ ތެރެއިން ސައިބޯނި ހެއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ. އޭރު މަޝްހޫރުވި އެއް ސައިބޯންޏަކީ، "ޗަމްޕާ ޓޮއިލެޓް ސޯޕް" އެވެ. އަންނައުނު ދޮވުމަށް އޭރު ބޭނުންކުރާ ދަނޑިސައިބޯންޏާއި، އެނޫން އެހެން ބާވަތްބާވަތުގެ ސައިބޯނިވެސް އުފެއްދެވިއެވެ. މި ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި މުޙައްމަދު މޫސާ ކުރެއްވިއެވެ.
އޭގެފަހުން ކުރެއްވި އަނެއް ވިޔަފާރިއަކީ، އޭރު ރާއްޖޭގެ ސަރަހައްދުގައި، މަސް ގަންނަން އުޅުނު މަރުބޭނީ ކޯޕަރޭޝަންގެ ބޯޓުފަހަރުގެ ފަޅުވެރިންނަށް އެކި ކަހަލަ ކާނާ ތައްޔާރު ކޮށްދެއްވުމުގެ މަސައްކަތެވެ. އޭގެ އިތުރުން، ފަޅޮލު މުރުއްބާއާއި، އެކި ވައްތަރުވައްތަރުގެ ޖޭމު ހައްދަވައި، ބޮޑުއިސްޓޯރަށް ފޮނުއްވައިގެން، އެ ވިޔަފާރިވެސް ކުރެއްވިއެވެ. އަދި ބައިސްކަލްގެ ސްޕެއަރ ޕާޓްސްގެ ވިޔަފާރިއަކީވެސް ވަރަށްފުޅާ ދާއިރާއެއްގައި މުޙައްމަދު މޫސާ ކުރެއްވި ވިޔަފާރިއެކެވެ. މިގޮތުން، ރާއްޖެއިން ބޭރަށް އެކިފަހަރުމަތިން އަމިއްލަފުޅަށް ދަތުރުކުރައްވައި، ބައިސްކަލުގެ އެކި ބައިބައި ގެންނަވައިގެން، އޭރު މާލޭގައި ބައިސްކަލް މަރާމާތު ކުރަމުން ގެންދިޔަ ވަރކްޝޮޕަކަށް ހެޔޮ އަގެއްގައި އެ ތަކެތި ފޯރުކޮށްދެއްވިއެވެ. އޭގެއިތުރުން، ފިޔައާއި، އަލުވި ފަދަ ތަކެތިވެސް ރާއްޖެއިން ބޭރުން ގެންނަވައިގެން، ދިވެހީންނަށް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވިއެވެ.
މުޙައްމަދު މޫސާ، ފުރަތަމަ ޚިދުމަތް ކުރެއްވީ، ސިނަމާ ކުންފުނީގައެވެ. އެއީ، މާލޭ ސިނެކޯ ރޭޑިއޯގެ ޚިދުމަތް ފުރަތަމަ ފެށިގެން އައި ދުވަސްވަރުއެވެ. އޭރު މާލޭ ސިނެކޯ ރޭޑިއޯ ހިންގަމުން ގެންދިޔައީ، އަތިރީމާފަންނުގޭގައެވެ. މާލޭ ސިނެކޯ ރޭޑިއޯގައި އޮޕަރޭޓަރުންގެ ގޮތުގައި އޭރު ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ މުޙައްމަދު މޫސާއެވެ.
މުޙައްމަދު މޫސާ، އިޤުތިޞާދީ އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވީ، އެ މަނިކުފާނުގެ ހިތްޕުޅުގައި އެކަންކަމަށް އުފެދިފައިވާ ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ. އޭގެތެރެއިން ދަނޑުވެރިކަމަކީ، މުޙައްމަދު މޫސާ ވަރަށް ކުރައްވާހިތްޕުޅުން ކުރައްވަން ފެށްޓެވި މަސައްކަތެކެވެ. އަމިއްލަފުޅަށް އެ މަސައްކަތް ފަށްޓަވައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް އެކި ފެންވަރުގައި ކުރަމުން ގެންދިޔަ ފަރާތްތަކަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވައި، އެކަށީގެންވާ އަގެއްގައި ލިބޭނެ އިންތިޒާމު، މުޙައްމަދު މޫސާ ހަމަޖައްސަވައި ދެއްވިއެވެ.
މާލެއަތޮޅު ކަގީގައްޔާއި، އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ އިޤުތިޞާދީ މަސައްކަތްތައް ހިންގާ އެކި ރަށްރަށުގައި ގަސް އިންދައި ހެއްދުމުގެ ރޮނގުން ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. ރައީސް މައުމޫންގެ ރިޔާސީ ދައުރުގައި ހިންގެވި މިލިއަން ގަސް އިންދުމުގެ ޕުރޮގުރާމުގެ ދަށުން މޭވާއަޅާގަސްގަހާއި އެކި ބާވަތްބާވަތުގެ ގަސް، ރާއްޖޭގެ ދެ ރަށެއްގައި ގިނަ އަދަދަކަށް އިންދަވައި ހެއްދެވުމުގައި މުޙައްމަދު މޫސާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އޭރުގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަރސަރީއަށް މޭވާއަޅާ ގަސްގަހާއި، ތަރުކާރީ އަޅާ ބާވަތުގެ ގަސް ގިނަ އަދަދަކަށް ހަދިޔާކުރައްވައި، ނަރސަރީއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. މުޙައްމަދު މޫސާއަކީ، ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996ވަނަ އަހަރު އެ މަނިކުފާނަށް ވަނީ "ތިމާވެށީގެ ފެހިފަތް" ސަރުކާރުން އަރުވައިފައެވެ.
މުޙައްމަދު މޫސާ މިހާރުވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ޗަމްޕާ ހޯލްސޭލް" ވިޔަފާރި ޤާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ. އަދި މާލެއަތޮޅު ތުނބަށްފުށީގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، އުފައްދާ ގަސްކާނާ މާލޭގެ ބާޒާރަށް ވިއްކަވަމުން ގެންދަވައެވެ. އަދި އެރަށުގައި އިންޑަސްޓްރިއަލް މަސައްކަތްތަކާއި، ބޯޓުޔާޑެއްވެސް ހިންގަވަމުން ގެންދަވައެވެ.
މުޙައްމަދު މޫސާއަކީ، ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ދާއިރާގައި މިހާރުވެސް ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މުޙައްމަދު މޫސާއަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި މިހާރުވެސް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރެކެވެ. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެގެން އައުމުގައި، މުޙައްމަދު މޫސާގެ ޙިއްޞާ ވަރަށްބޮޑުކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް އެކި ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތައް ޙައްލު ކޮށްދެއްވުމުގައި މުޙައްމަދު މޫސާގެ ވިސްނުންތެރިކަމާއި، ޙިކުމަތު ޢަމަލީ ބޭނުންކުރައްވައިފައިވަނީ، އެ މަނިކުފާނަށް ތަޢުރީފު ޙައްޤު ދަރަޖައަކަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އިންވެސްޓްމަންޓުތަކުގެ މަންފާ މިހާރުވެސް ދިވެހި ޢާއިލާތަކަށް ލިބެމުންދެއެވެ.
ނޫސްވެރިކަމާއި ޚަބަރާއި މައުލޫމާތު ފަތުރައި، އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން ކަމަށްވާ "ދި އެފް.އެމް." އާއި، "ދި އެފް.އެމް. ޕްލަސް" ގެ އިތުރުން، "ދި ޓީ.ވީ."ގެ ބާނީއަކީވެސް މުޙައްމަދު މޫސާއެވެ.
މުޙައްމަދު މޫސާގެ ޢާއިލީ ފައުންޑޭޝަނެއް ކަމުގައިވާ "ޢަލިފުޅު ތުއްތު ފައުންޑޭޝަން" އިން ވަނީ ކޮންމެ އަހަރަކު ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވުމުގެ އިތުރުން، މުޖުތަމަޢަށް ފައިދާކުރަނިވި ތަފާތު މަޝްރޫޢުތައް ހިންގަވައިފައެވެ. މުޙައްމަދު މޫސާގެ ވިޔަފާރީގެ ދަށުން ހިންގެވި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ ތެރޭގައި، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމާއި، ޅ. މަޑިވަރު ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކުރެއްވުން ހިމެނެއެވެ.
ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ" އާއި، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" ޤާއިމު ކުރެއްވުމުގައިވެސް މުޙައްމަދު މޫސާގެ ދައުރު ވަރަށް ބޮޑެވެ. އެ އިދާރާތައް ޤާއިމުކުރެވުމުން، އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތަކަށް ޙައްލު ލިބިގެން ގޮސް ރާއްޖެ، ޑިޖިޓަލީ ރޮނގުން އިތުރަށް ތަރައްޤީވުމަށްވެސް ފުރުޞަތު ފަހިވެގެން ދިޔައެވެ. އަދި، މުޙައްމަދު މޫސާގެ ވިޔަފާރީގެ ބައިވެރިންނާ ގުޅިވަޑައިގެން، އުފެއްދެވި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމުގައިވާ "ޓްރީ ޓޮޕް ހޮސްޕިޓަލް" ރާއްޖޭގައި ޤާއިމުކުރެވިގެން ދިޔުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރުވެސް ކުރިއަރައިގެން ދިޔައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ރާއްޖޭގެ ޞިއްޙީ ފަރުވާގެ ފެންވަރު، އައު އުސްމިންތަކަކަށް ގެންގޮސް، ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ތަޢާރުފު ކުރެވުނު "ފަރޓިލިޓީ ސެންޓަރ"ގެ ޚިދުމަތް ފޯރުކޮށްދޭންވެސް ފަށައިފައެވެ.
މުޙައްމަދު މޫސާވަނީ މިހާރުގެ ޒުވާނުންނަށް އަދި ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާއަކަށް ވެގެންދާނެ ފަދަ ޤައުމީ ޚިދުމަތްތަކެއް ކުރައްވައިފައެވެ. މުޙައްމަދު މޫސާގެ މި ޚިދުމަތްތަކުގެ ތަފުސީލު އެންމެ ފުރިހަމައަށް ފެންނަން އޮތީ ޔުނިވަރސިޓީ ކެލަންޓަން މެލޭޝިއާގެ ޕްރޮފެސަރ މުޙައްމަދު ރަފީ ޔަޢުޤޫބު ލިޔުއްވައިފައިވާ މުޙައްމަދު މޫސާގެ އޮޓޯބައޮގްރަފީ ފޮތުންނެވެ.
މުޙައްމަދު މޫސާއަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އެރުވީ، 26 ޖުލައި 2013 ގައެވެ. މުޙައްމަދު މޫސާއަށް ލިބިވަޑައިގެންފައިވާ އެހެން އެވޯޑުތަކުގެ ތެރޭގައި، 2022ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވި "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި، 2024ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑްސް (SATA)ގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ހިމެނެއެވެ.
މުޙައްމަދު މޫސާއަކީ، ވަރަށް ހީވާގި، ނަމޫނާ ޚިދުމަތްތެރިއެކެވެ. މިއަދުވެސް ދެމިހުންނެވީ، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އެކި ރޮނގުރޮނގުން ޚިދުމަތް ކުރެއްވުމުގައެވެ. މުޙައްމަދު މޫސާ މިއަދުގެ ޒުވާނުންނަށް ދެއްވާ އެންމެބޮޑު ނަސޭހަތަކީ، އަދި ކުރައްވާ އިލްތިމާސަކީ، މަސައްކަތުގެ ދާއިރާއަށް ނުކުންނަ ކޮންމެ ޒުވާނަކީވެސް ކަމަށްކަމޭހިތައިގެން، ހީވާގިކަމާއެކުގައި މަސައްކަތްކުރާ ޒުވާނަކަށް ވުމުގެ އިލްތިމާސެވެ. އެ ދުވަހަކު އާ ކަމެއް ނުކުރިއްޔާ ނުވަތަ އާ ކަމެއް ދަސްނުވިއްޔާ، އެ ދުވަހަކީ ބޭކާރު ދުވަހަކަށް ވެގެން ހިނގައިދާނެ ކަމުގެ ނަސޭހަތެވެ. ވަކި ދުވަހަކީ އުފާވެރި ދުވަހަކަށް ހަދައިގެން ނުވާނެކަމުގެ އިލްތިމާސެވެ.
މުޙައްމަދު މޫސާއަށް ދިވެހި ދައުލަތުން މިއަދު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، މުޙައްމަދު މޫސާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅެވެ. މުޙައްމަދު މޫސާގެ އުންމީދަކީ، ކުރިއަށްއޮތްތާނގައިވެސް ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކޮށްދެއްވުމުގައި ދެމިހުންނެވުމެވެ.