ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޗަމްޕާ ޙުސައިން ޢަފީފް
މއ. ޗަމްޕާވިލާ

ޗަމްޕާ ޙުސައިން ޢަފީފަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. ފަތުރުވެރިކަމުގެ އިތުރުން، ހޮސްޕިޓޭލިޓީގެ ދާއިރާއިންނާއި، އޭވިއޭޝަންގެ ދާއިރާއިންނާއި، ބޭންކިންގގެ ދާއިރާއިންނާއި، ޞިއްޙީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓަރޕްރިނިއޯ އެއްގެ ހައިސިއްޔަތުން ޙުސައިން ޢަފީފް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގެ މަސައްކަތުގައި އެމަނިކުފާނު އަދާކުރައްވާފައިވާ ދައުރަކީ، ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ދައުރެކެވެ. އެމަނިކުފާނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެންމެ އިސް އެއް މޭސްތިރިވެސް މެއެވެ.

ޙުސައިން ޢަފީފު، ޤައުމީ ޚިދުމަތަށް އިސްކަންދެއްވުމުގައި މިހާތަނާ ޖެހެންދެންވެސް ދެމިހުންނެވިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، އެ މަނިކުފާނު، ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި ކޮށްދެއްވި ދެމެހެއްޓެނިވި މަސައްކަތްޕުޅުތަކެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރައްވައި، ދިވެހިރާއްޖޭގައި އިޤުތިޞާދީ ސިންދަފާތަށް އިސްކަންދިނުމުގެ މުހިންމުކަމާއި ބޭނުންތެރިކަމުގެ ބޮޑުކަން ސަމާލުކަމަށް ގެންނަވައި، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމުގައި މިހާރުވެސް ދެމިހުންނެވުމެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިޓަލީގެ މިސްޓަރ ޖޯޖް ކޯބިންއާއި، މަރްޙޫމް މުޙައްމަދު ޢުމަރުމަނިކާއި، ހެންވޭރު ހިކިފިނިފެންމާގޭ އަޙްމަދު ނަސީމާއެކީގައި ޙުސައިން ޢަފީފް މަސައްކަތް ފެށްޓެވީ، ފަތުރުވެރިކަމަކީ، ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ ޞިނާޢަތެއްތޯ ތަޖުރިބާ ކުރެއްވުމުގެ ތެރެއިންނެވެ. ފަތުރުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެއަށް އައީ 1972ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 16ވަނަ ދުވަހުއެވެ. އެ ގުރޫޕުގައި ޖަރނަލިސްޓުންނާއި ފޮޓޯގްރާފަރުންވެސް ހިމެނުނެވެ. އެ ދުވަސްވަރާ އަޅައިބަލާއިރުގައި އަދި އޭރުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް ވަރަށް ރަނގަޅު ޕަބްލިސިޓީއެއްވެސް ނުވަތަ ދުނިޔޭގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބުނުކަން އެއީ، މި ޞިނާޢަތު ކުރިއަށް ގެންދިޔުމުގައި މި މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރަކަށްވިއެވެ.

ރާއްޖޭގައި ޓޫރިސްޓް ރިޒޯޓެއް ފުރަތަމަ ހުޅުވުނީ މީގެ 53 އަހަރު ކުރިން 1972ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހުއެވެ. މި ދެންނެވި ރިޒޯޓުކަމުގައިވާ "ކުރުނބާ އައިލެންޑް ވިލެޖް" ގެ މެނޭޖަރުކަންވެސް ޙުސައިން ޢަފީފްވަނީ ކުރައްވައިފައެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމަށްޓަކައި މަސައްކަތް ފެށްޓެވިއިރު، ރިޒޯޓު ދާއިރާގެ އެކި ވަޒީފާތައް ކަމުގައިވާ ރިޒޯޓުގެ ބަދިގޭގައި މަސައްކަތް ކުރެއްވުމާއި، ޓުއަރ ގުރޫޕްތަކުގައި މަސައްކަތް ކުރެއްވުން އަދި މެނެޖްމަންޓުގެ ދާއިރާގައިވެސް ޢަފީފް މަސައްކަތް ކުރެއްވުން ހާމަކޮށްދެނީ، ދިވެހިރާއްޖޭގައި ހޮސްޕިޓޭލިޓީގެ ދާއިރާގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓެވުމަށް ޢަފީފް ދެއްވި އިސްކަމެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި އެ މަނިކުފާނުގެ ތަޞައްވުރާ އެއްގޮތަށް ކުރިއަށް ގެންދެވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރުފުކުރެވުނު "އިންޓަރނޭޝަނަލް ހޮސްޕިޓޭލިޓީ ބްރޭންޑް" އެވެ. މީގެ އެއް ހެއްކަކީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ތަޢާރުފުކުރެވުނު ޓްރެވަލް އޭޖެންސީ ކަމުގައިވާ "ވޮޔޭޖަސް މޯލްޑިވްސް" ތަޢާރުފުކުރެއްވި ބޭފުޅެއްގެ ޝަރަފު، ޙުސައިން ޢަފީފަށް ލިބިވަޑައިގަތުމެވެ. މިގޮތުން، ޔޫރަޕާއި ބައިނަލްއަގުވާމީ ތަފާތު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވުމުގައި ޙުސައިން ޢަފީފުވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ތަޢާރުފު ކުރެވިގެންދިޔައީ، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން، 2014ވަނަ އަހަރު ފަހުކޮޅު ރާއްޖޭގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު، މާލެއަތޮޅު ގަސްފިނޮޅުގައި ތަރައްޤީ ކުރައްވައި ޚިދުމަތް ދެއްވަން ފެށްޓެވުމުންނެވެ. އެ ބަދަލުވެގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް ޢަފީފް ގެނެސްދެއްވި އިންޤިލާބީ އަދި އުންމީދީ ބަދަލެއްގެ ގޮތުގައެވެ.

ޙުސައިން ޢަފީފަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި، އެ އެސޯސިއޭޝަންގެ ފައުންޑިންގ މެންބަރެކެވެ. އެ މަނިކުފާނުވަނީ މަޓީގެ ވައިސް ޗެއަރމަން ކަމާއި، ޗެއަރމަންގެ މަގާމުފަދަ އެ އެސޯސިއޭޝަންގެ އިސް މަގާމުތައް ފުރުއްވައިފައެވެ. މިހާރުވެސް މަޓީގެ ޗެއަރމަންގެ މަގާމުގައި ޙުސައިން ޢަފީފު ހުންނަވައިގެން، ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ސްޓޭކްހޯލްޑަރުންނާއި، ޤާނޫނުހަދާ ފަރާތްތަކާއެކުގައި އޮންނަ ގުޅުން ހަރުދަނާކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.

ޙުސައިން ޢަފީފަކީ، ހޮސްޕިޓޭލިޓީ ޞިނާޢަތުގެ އިތުރަށް ދަތުރުފަތުރާއި، ވިޔަފާރިއާއި، ބޭންކިންގ އަދި ޞިއްޙީ ދާއިރާއަށްވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައި އެ މަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

ޙުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި "ޓްރީ ޓޮޕް އިންވެސްޓްމަންޓްސް" އުފެއްދެވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ޞިއްޙީ ތަފާތު ދާއިރާތަކުން ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދިޔައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކުރެވި ޚިދުމަތް ދޭން ފެށުމުން، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން ފެނިގެންދިޔައީ، އިންޤިލާބީ ބޮޑު ބަދަލެކެވެ. 210 އެނދުގެ ޓާޝަރީ ލެވެލްގެ މި ހޮސްޕިޓަލު އިފުތިތާޙުކުރެވިގެން ދިއުމާ ގުޅިގެން، މީގެ ކުރީގައި ރާއްޖެއިން ނުލިބޭފަދަ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ލިބެން ފެށިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ފަރޓިލިޓީ ކްލިނިކް ތަޢާރުފުކުރި ހޮސްޕިޓަލްވެސް މެއެވެ. އެ ކްލިނިކުން މިހާތަނަށްވަނީ 100 ޕްރެގްނަންސީ ކާމިޔާބު ވެފައެވެ.

ޙުސައިން ޢަފީފުގެ ލޮބުވެތި ބައްޕަ ޢަލިފުޅު ތުއްތުގެ ނަމަށް ނިސްބަތްކުރައްވައި "ޢަލިފުޅު ތުއްތު ފައުންޑޭޝަން'' (AFTF) ގެ ދަށުން ޢަފީފުވަނީ ވަރަށް ގިނަ އަދަދެއްގެ ސީ.އެސް.އާރު. އަދި މުޖުތަމަޢަށް ފައިދާކުރަނިވި މަޝްރޫޢުތަކެއް ރާއްވަވައި ކުރިއަށް ގެންދަވައިފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި، ތަފާތު ދާއިރާތަކުން ވޮކޭޝަނަލް ޓްރޭނިންގ ކުރިއަށް ގެންދެވުމާއި، ރާއްޖެއަށް ބޭނުންތެރި އެކި ރޮނގުރޮނގުން ސްކޮލަރޝިޕްގެ ފުރުޞަތުތައް ހުޅުއްވައި ލެއްވުން ހިމެނެއެވެ. މި ފައުންޑޭޝަންގެ އެހީގައި މިއަދާ ހަމައަށް ތަޢުލީމު ހާސިލުކުރި ވަރަށް ގިނަ އަދަދެއްގެ ކުދިން، މިއަދު ރާއްޖޭގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުން ގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު، ޢަފީފުގެ އިސްނެންގެވުމުގެ މަތިން ޤާއިމުކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ހަމައެއާއެކު، ޙުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގެ ސަބަބުން، ދިވެހި ވިޔަފާރިތަކަށް މާލީގޮތުން ކުރިއެރުން ލިބުމުގެ މަގު ފަހިވެގެންދިޔަކަންވެސް ހަނދާންކޮށްލަން ޖެހެއެވެ. ޢަފީފަކީ، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ކުރީގެ ޗެއަރމަންވެސް މެއެވެ.

ޤައުމީގޮތުން މީހުން ބަލައިގަންނަ ފަދަ ޞިނާޢަތަކަށް ފަތުރުވެރިކަމުގެ ޞިނާޢަތު ހައްދަވައިދެއްވި އެންމެ އިސް ބޭފުޅަކީ ޙުސައިން ޢަފީފެވެ. އެ މަނިކުފާނުގެ ޚިދުމަތްތަކުގެ ސަބަބުން ޤައުމީ ފެންވަރުގައި އަދި ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ ފެންވަރުގައި އެކި ފަރާތްތަކުގެ ދިރިއުޅުމަށްވަނީ ތަފާތު އެކި ކުރިއެރުން ލިބިފައެވެ. ޙުސައިން ޢަފީފު ފުރުއްވައިފައިވާ އެޑްވައިޒަރީ ރޯލުތަކާއި، މުޖުތަމަޢަށް ކޮށްދެއްވައިފައިވާ ތަފާތު ޚިދުމަތްތަކަކީ، ކުރިއަށްއޮތް ޖީލުތަކަށް ނަމޫނާއެކެވެ. ކާމިޔާބުކަމާއެކުގައި ޢަފީފު ކޮށްދެއްވައިފައިވާ ޚިދުމަތްތައް މި ޤައުމު ބަލައިގަންނަނީ ވަރަށް ފަޚުރުވެރިކަމާއެކުއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފް ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް އެވޯޑެއް ރާއްޖެއާއި ރާއްޖެއިން ބޭރުން އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި ''ޑިޝްޓިންގުއިޝްޑް ސަރވިސް އެވޯޑް'' އާއި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ކުރައްވައިފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި ދެއްވި ''އައުޓްސްޓޭންޑިންގ ސަރވިސް އެވޯޑް'' އާއި، މެދުނުކެނޑި 25 އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރައްވައިފައިވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އެވޯޑް ޢަފީފަށް ލިބިވަޑައިގެންފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ޓޫރިޒަމްގެ ދާއިރާއިން ޢަފީފު ކުރައްވައިފައިވާ ޚިދުމަތުގެ އަގުވަޒަންކުރައްވައި، "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" 2022ވަނަ އަހަރު ޢަފީފަށް ވަނީ ލިބިވަޑައިގެންފައެވެ.

ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢަފީފަށް ލިބިވަޑައިގަތީ، 1989ވަނަ އަހަރުއެވެ. އަދި ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2004ވަނަ އަހަރުއެވެ. 16 ސެޕްޓެމްބަރ 2010 ގައި ޙުސައިން ޢަފީފަށް ވަނީ ''ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާ''ގެ ލަޤަބުވެސް ސަރުކާރުން އަރުވައިފައެވެ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވީ 26 ޖުލައި 2013 ގައެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނީއްސުރެ މިއަދާ ހަމައަށް އެ ޞިނާޢަތު ތަރައްޤީ ކުރައްވައި، އެ ޞިނާޢަތުގެ ފައިދާ މުޅި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައިދެއްވުމުގައި ޢަފީފް އަދާކުރައްވައިފައިވާ ދައުރަކީ، ރާއްޖެ ފަޚުރުވެރިވާނެ ދައުރެކެވެ. މިއަދުވެސް އެ މަސައްކަތުގައި ހީވާގިކަމާއެކުގައި ދެމިހުންނެވިކަން އެއީ، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވަރަށް ފުރިހަމަ ނަމޫނާއެކެވެ.

ޙުސައިން ޢަފީފަކީ، ކުޅިވަރުގެ ރޮނގުންވެސް ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކުޅިވަރުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، ސްރީލަންކާގެ ޓްރިނިޓީ ކޮލެޖުގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވި ދުވަސްވަރުއެވެ. ސްކޫލުގެ އެންމެ ބޮޑު ރަގްބީ ޓީމުގައި ހިމެނިވަޑައިގެންނެވި ޢަފީފަކީ، އޭރުގެ އަލިގަދަ ތަރިއެކެވެ. އޭގެފަހުން މާލެއަށް ވަޑައިގެން މާލޭ ޓެނިސް ކްލަބާ ގުޅިވަޑައިގެން، އެކި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން އެ ކްލަބަށް ކުލަގަދަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވިއެވެ. އެގޮތުން 1968ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ 12ވަނަ ހޮކީ މުބާރާތުގައި އެ ކްލަބަށް ކުޅުއްވައި، 1 ވަނަ ފޯވަރޑުގެ މަގާމު ހާސިލު ކުރެއްވިއެވެ. އަދި 1969ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ 15 ވަނަ ޤައުމީ ކްރިކެޓް މުބާރާތުގައި އެ ކްލަބަށް ކުޅުއްވައި، ބެސްޓް އޯލް ރައުންޑަރގެ މަގާމު ހާސިލު ކުރެއްވިއެވެ. މީގެއިތުރުން، 1969ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ 19ވަނަ ޤައުމީ ފުޓްބޯޅަ މުބާރާތުގައިވެސް މާލޭ ޓެނިސް ކްލަބަށް ކުޅުއްވައި، 1 ވަނަ ފޯވަރޑުގެ މަގާމު ހޯއްދެވިއެވެ.

ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ޚާއްޞަކޮށް، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރައްވައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށާއި ދެމެހެއްޓުމަށްޓަކައި، މިހާތަނަށް ކުރައްވައިފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވައި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ޙުސައިން ޢަފީފަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅެވެ.

މިއަދު މި ހިސާބަށް ވަޑައިގެންނެވުނީ އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކީގައިކަން ޙުސައިން ޢަފީފް ދެކެވަޑައިގަންނަވައެވެ. އެހެންކަމުން، ޚާއްޞަ ގޮތެއްގައި ޢާއިލާގެ ބޭފުޅުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުމާއި އަދި ޢަފީފުގެ ޕާޓްނަރުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި، އެ ހުރިހާ ބޭފުޅުންނަށް ޢަފީފް ޝުކުރު އަދާކުރައްވައެވެ.

ޙުސައިން ޢަފީފް، ރާއްޖޭގެ އިޤުތިޞާދީ ދާއިރާއަށާއި އިޖުތިމާޢީ ދާއިރާއަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! އެ މަނިކުފާނަށް އުފާފާގަތި ކަމާއި، ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރައްވާށިއެވެ! އާމީން.