އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައިވާ، މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ޢިލްމުވެރި ބޭފުޅެކެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެނީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމާއި، ދީނީ އެކި ފޮތްފޮތް އެކުލަވައިލެއްވުމުގެ ރޮނގުން ކުރައްވައިފައިވާ އަގުހުރި މުހިންމު މަސައްކަތްޕުޅުތަކެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، މިސުރުގެ އަލް ޖާމިޢުލް އަޒުހަރުން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ފުރަތަމަ އަދާކުރެއްވީ، މަޖީދިއްޔާ ސްކޫލުގެ މެތްސް އެންޑް ޓެކްނިކަލް ޑްރޯއިންގ ޓީޗަރެއްގެ މަގާމެވެ. އިބްރާހީމް ރަޝީދު މޫސާއަކީ، ހިސާބު ޢިލްމުގެ ރޮނގުން ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރައީސްކަމުގެ ވަރަށް ކުރީކޮޅުގައި، ހިޖުރީ 15ވަނަ ޤަރުނުގެ ފެށުން ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ މުނާސަބަތާ ގުޅުވައިގެން، ސަރުކާރުން އެޅުއްވި އެންމެ މުހިންމު އެއް ފިޔަވަޅަކީ، ރާއްޖޭގައި އުފެއްދެވި ޢަރަބި އިސްލާމީ ތަޢުލީމުދޭ މަދަރުސާ ކަމަށްވާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމެވެ. ހިޖުރީ ސަނަތުން 1401ވަނަ އަހަރުގެ މުޙައްރަމް މަހުގެ 1ވަނަ ދުވަހު، މީލާދީން 1980ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9ވަނަ ދުވަހު އުފެއްދެވި މި ޢިލްމީ ބިނާގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހަމަޖެއްސެވީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.
މަޢުހަދު ހިންގެވުމާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި އޭރު އެކަށީގެންވާ ވަރަށް މީހުން ތައްޔާރުކުރެވިފައި ނުވާ އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަށެވެ. ފަށާތަޢުލީމުން ފެށިގެން މެދުމަދުރަސީ ތަޢުލީމާއި، ސާނަވީ ތަޢުލީމާއި، މަތީ ސާނަވީ ތަޢުލީމާ ހަމައަށް ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރައްވައި، އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ޢަރަބި އަދި އިސްލާމީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގައި، ގިނަގުނަ މަސައްކަތްޕުޅުތަކެއް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ކުރެއްވިއެވެ.
މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ނިޒާމީ ތަޢުލީމުގެ މުޤައްރަރު އެކުލަވައިލައްވައި، އަލްއަޒުހަރު ޔުނިވަރސިޓީގެ ޝަހާދާ އިޢުދާދީއަށް އަދި ޝަހާދާ ޘާނަވިއްޔާއަށް މުޢާދަލާ ކުރައްވައި، މަޢުހަދުން ޝަހާދާ ޘާނަވިއްޔާ ނިންމާ ދަރިވަރުންނަށް، އިތުރު އިމްތިޙާނަކާ ނުލައި އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީތަކަށް ވަދެވޭނެގޮތަށް، އެ މަންހަޖުތައް ބައްޓަންކުރެއްވުމަށްޓަކައި ކުރެއްވި ޢަމަލީ ބުރަ މަސައްކަތްޕުޅުތަކަކީ، އެމަނިކުފާނު ކުރެއްވި އަގުނުކުރެވޭނެ ޚިދުމަތްތަކެކެވެ. ހަމައެއާއެކު، މިސުރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޒުހަރު ޔުނިވަރސިޓީއިން ގިނަ އަދަދެއްގެ މުދައްރިސުން މަޢުހަދަށް ގެންނެވުމަށްޓަކައި ސަރުކާރާ ގުޅިވަޑައިގެން އެންމެ މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި އެއް ބޭފުޅަކީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.
މީގެއިތުރުން، މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން 1980ވަނަ އަހަރު ފެށްޓެވިއެވެ. މިގޮތުން، މުދިމުން ތާޒާކުރުމުގެ ކޯހުގައި "ފިޤްހު" މި މާއްދާ ކިޔަވައިދެއްވުމުގެ އިތުރަށް، "އިސްލާމީ އަޚްލާޤު 1، 2، 3" މި ނަމުގައި ފޮތްތަކެއް ލިޔުއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުން ތަމްރީނު ކުރެއްވުމުގެ އިތުރަށް، އިމާމުން ތާޒާކުރެއްވުމުގެ ތަމްރީނު ޕުރޮގުރާމުތައް ހިންގަވައި، އިމާމުންގެ ފެންވަރު މަތިކުރެއްވުމުގެ ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހެން ކަންކަމުގެ ތެރޭގައި، މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި، ކުޑަކުދިންނަށް އަމާޒުކުރައްވައިގެން، ކީރިތި ޤުރްއާން އުނގަންނައި ދެއްވުމުގެ ކުލާސްތައް ހިންގެވުމާއި، އޭރުގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން ހިންގަވަމުން ގެންދެވި ޤާޟީން ތަމްރީނުކުރެއްވުމުގެ ޕުރޮގުރާމު ފުޅާކުރައްވައި، ފެންވަރު މަތިކުރައްވައިގެން ހިންގެވުން ހިމެނެއެވެ. ރާއްޖޭގައި ޤާޟީންނާއި މުޙާމީން ތަމްރީނުކުރުމުގެ މި ދެންނެވި މަސައްކަތަކީވެސް ރާއްޖޭގައި އަދި ދިވެހީންގެ މެދުގައި މާތްވެގެންވާ އިސްލާމްދީނުގެ ކަންކަން ކުރިއެރުއްވުމަށްޓަކައި އިބްރާހީމް ރަޝީދު މޫސާ ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ތެރެއިން އެއް މަސައްކަތެވެ. އަދި ޤާނޫނީ ވަކީލުން އުފެއްދެވުމަށްޓަކައި ހިންގެވި މުޙާމީ ކޯސްތަކަކީވެސް އެ މަނިކުފާނުގެ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ މުހިންމު މަސައްކަތެކެވެ. މީގެއިތުރުން، ޢަރަބިބަސް ދަސްކޮށްދޭ ކޯސްތަކާއި، ޤުރްއާން މުދައްރިސުން ތަމްރީނުކުރުމުގެ ކޯސްތަކާއި، ރަށްރަށުގެ ވެރިންގެ ފެންވަރު މަތިކޮށްދޭ ކޯސްތައްވެސް ހިމެނެއެވެ. މިއީ، ކަތީބުކަމާއި، އިމާމުކަމާއި، ޖަމާޢަތްތެރިކަމުގެ ސަނަދު ހާސިލުކުރުމުގެ ފެންވަރަށް ހިންގެވި ކޯސްތަކެކެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ދީނީ ރޮނގުން އެތައް ފޮތްތަކެއް އެކުލަވައިލައްވައި ޝާއިޢުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، 11 ފޮތެއް ތަރުޖަމާ ކުރައްވައިފައިވާއިރު، އެ ފޮތްތަކުގެ ތެރޭގައި، ޢަރަބި ދިވެހި ބަސްފޮތެއް ކަމަށްވާ، "ޞަދީޤުއްޠާލިބި"، "އިސްލާމްދީނާއި ކުޑަކުދިން"، "ފަންސާސް ވަޞިއްޔަތްޕުޅުގެ ފުރަތަމަބަޔާއި، ދެވަނަބައި"، "އޮނަސާޅީސް ޙަދީޘް"، "ޙައްޖާއި ޢުމްރާގެ ދުޢާތައް" އަދި "ޙައްޖާބެހޭ ސަތޭކަ ސުވާލު" މި ފޮތް ހިމެނެއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ތަޞްނީފު ކުރައްވައި ޝާއިޢު ކުރައްވައިފައިވާ ފޮތްތަކުގެ އަދަދުވެސް ފަންސާހަށްވުރެ ގިނައެވެ. އެ ފޮތްތަކުގެ ތެރޭގައި، "މެތަމެޓިކްސް ޓެކްސްޓް ފޮތް ގްރޭޑް 1، 2، 3، 4، 5" އާއި، "ނަމާދު ޤަޟާކުރުމާއި ޖަމާޢަތުގައި ކުރުން" މި ފޮތާއި، އިސްލާމިކް ސްޓަޑީޒް ގްރޭޑް 10ގެ ޓެކްސްޓް ފޮތާއި، "އިސްލާމީ އަޚްލާޤު 1، 2، 3، ޢަރަބި ބަސް ޓެކްސްޓް ފޮތް ގްރޭޑް 6، 7"، "ބަލިމީހާއާއި ދީން" މި ފޮތާއި، "ޙަޔާތާއި މަރު" މި ފޮތާއި، "ފަސޭހަ ފިޤްހު 1، 2" "ދީނީ ކަންތައްތަކުގައި ހައްދުފަހަނަޅައި ދިޔުން" މި ފޮތާއި، "ފަސޭހަ ނެރުން ތަރިކައަށް ވަނުން" މި ފޮތާއި، "ކީރިތި ޤުރްއާނުގެ ޢިލްމީ މުޢުޖިޒާތް" މި ފޮތާއި، "ނަބިއްޔާގެ ސުންނަތުގައި ފޮރުވިފައިވާ ޢިލްމީ މުޢުޖިޒާތްތައް" މި ފޮތާއި، "އަޅައިބެލުމުގެ ތެރެއިން އުޞޫލުލްފިޤްހު 1، 2، 3" މި ފޮތާއި، "ދުޢާއުލް މުސްލިމް" މި ފޮތް ހިމެނެއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އެންމެފަހުން އެކުލަވައިލެއްވި ފޮތްތަކުގެ ތެރޭގައި، 2022ވަނަ އަހަރު އެކުލަވައިލެއްވި "ޢުލޫމުލްޤުރްއާނަށް ހަލި ރާސްތާއެއް" މި ފޮތާއި، "އިސްލާމީ ތަޝްރީޢުގެ ތާރީޚަށް އަވަސް ނަޒަރެއް" މި ފޮތާއި، 2023ވަނަ އަހަރު އެކުލަވައިލެއްވި "ތަޖުވީދުގެ ހުނަރު" މި ފޮތާއި، 2024ވަނަ އަހަރު އެކުލަވައިލެއްވި "ވަޞިއްޔަތަށް ނަޒަރެއް" މި ފޮތާއި، އަދި 2025ވަނަ އަހަރު އެކުލަވައިލެއްވި "ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަމާއި ދިރުވުން" މި ފޮތް ހިމެނެއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، އެހެން ބޭބޭފުޅުންނާ ބައިވެރިވެވަޑައިގެން 13 ފޮތެއް ތަޞްނީފު ކުރައްވައިފައި ވެއެވެ. އެ ފޮތްތަކުގެ ތެރޭގައި، އިސްލާމިކް ސްޓަޑީޒް ގްރޭޑް 8ގެ ޓެކްސްޓް ފޮތާއި، އިސްލާމިކް ސްޓަޑީޒް ގްރޭޑް 9ގެ ޓެކްސްޓް ފޮތާއި، "ތަޖުވީދުގެ ފަންނު" މި ފޮތާއި، އަދި ބައެއް ޢަރަބި ފޮތްތަކާއި، 2023 ގައި ޝާއިޢު ކުރެއްވި 789 ޞަފްޙާގެ ފޮތެއް ކަމަށްވާ "ކަންޒުލް ޢަރަބިއްޔާ ޢަރަބި-ދިވެހިބަސްފޮތް" ހިމެނެއެވެ.
މީގެއިތުރުން، ދީނީ ތަފާތު އެތައް ޕުރޮގުރާމުތަކެއްވެސް ވަނީ ލިޔުއްވައި ތައްޔާރުކުރައްވައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަޑުފުޅުން ރެކޯޑުކޮށްދެއްވައިފައެވެ. ދިވެހިރާއްޖޭގެ އަޑާއި، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" މި ނަމުގައި 365 ޕުރޮގުރާމުގެ ސިލްސިލާއެއް އުފެއްދެވިއެވެ. މި ސިލްސިލާގެ ޕުރޮގުރާމުތައް ހުށަހަޅުއްވައިދެއްވައި، މުދައްރިސެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ފޮނުއްވުމަށްޓަކައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ނަމާދުކުރާނެގޮތް ދަސްކޮށްދެއްވުމުގެ ސިލްސިލާ ޕުރޮގުރާމުތަކެއް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ލިޔުއްވައިދެއްވިއެވެ. އަދި "ޤުރްއާނާއި ސައެންސް"ގެ ނަމުގައި 52 ޕުރޮގުރާމުގެ ސިލްސިލާއެއްވެސް ލިޔުއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ހުކުރު ޚުޠުބާއާއި ޢީދު ޚުޠުބާއާއި، ކޭތަނަމާދުގެ ޚުޠުބާ، 2015ވަނަ އަހަރުން ފެށިގެން ލިޔުއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. މިގޮތުން މިހާތަނަށް 100 އަށްވުރެ ގިނަ ޚުޠުބާ ވަނީ ތަފާތު މައުޟޫޢުތަކަށް ލިޔުއްވައިފައެވެ. އޭގެތެރޭގައި، ދީނީ، އިޖުތިމާޢީ، އަޚުލާޤާއި އަދަބު، ތިމާވެށި، މުޢާމަލާތު އަދި ޞިއްޙީ ދާއިރާއާބެހޭ ޚުޠުބާތައް ހިމެނެއެވެ.
ޓެލެވިޜަން މޯލްޑިވްސްއިން ފޮނުއްވަމުން ގެންދަވާ އަދި ކޮންމެ ރަމަޟާން މަހަކު އެ ޕުރޮގުރާމެއް ބެލުމަށް ދިވެހީންގެ ވަރަށްގިނަ ބަޔަކު މިހާރުވެސް ޝައުޤުވެރިވާ "مُحَمَّـد رســول اللّـه" މި ސިލްސިލާގެ ހުރިހާ ޕުރޮގުރާމުތައް ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވައިފައިވަނީވެސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. މިއީ، އެމަނިކުފާނުގެ ޢިލްމީ މަސައްކަތްޕުޅުތަކުގެ ތެރެއިންވެސް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅެކެވެ. އެއް ސަބަބަކީ ޢަރަބިބަހުން ލިޔެފައިވާ ސިލްސިލާއެއް، ދިވެހިބަހަށް އޭގެ އަޞްލަށް އެއްވެސް ބަދަލެއް ނުގެންނަވައި، ދިވެހި ވެށްޓާ ގުޅޭގޮތުން ބަސްމަގު ތަރުތީބުކުރައްވައިފައިވާލެއް ފުރިހަމަކަމެވެ. އެ ޕުރޮގުރާމުތަކުގެ އަޑުއަޅައި، ރެކޯޑު ކުރަމުން ގެންދިޔައިރު، ކޮންމެ އެޕިސޯޑެއް ރެކޯޑުކުރުމުގައި ފަންނީގޮތުން އެހީތެރިކަމާއި އިރުޝާދު، އެމަނިކުފާނު ދެއްވަމުން ގެންދެވިއެވެ. ހަމައެއާއެކު، މި ޕުރޮގުރާމުތައް ރެކޯޑުކުރަމުން ގެންދިޔައިރު، ތަރުޖަމާ ކުރެވިފައިވާ ގޮތަށް އަދި އަޑު ދިމާވާގޮތަށް ލަފުޒުތަކާއި ޢިބާރާތްތައް ވަގުތުން ބަދަލުކޮށްދެއްވަމުން ގެންދެވިކަންވެސް އެއީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ފަންނުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ މުހިންމު މަސައްކަތްޕުޅެކެވެ. މިއަދު މި ޕުރޮގުރާމު ވެފައިވަނީ، ޖީލުންޖީލަށް ދެމިގެންދާ ޤައުމީ ތަރިކައެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުގެ ފުރިހަމަކަން ހުރި މިންވަރަކީ، ބަދަލުވެގެންދިޔަ ޒަމާނާއެކުގައިވެސް އެ މަސައްކަތުގެ ތާސީރަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމެވެ.
އެއްބަހުން އަނެއްބަހަށް ތަރުޖަމާކުރުމުގައި، ބޭރު ބަހަކުން ވާހަކަ ދައްކަމުންދާއިރު، ވަގުތުން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން، އަޑުއަހާ މީހުންނާ ހަމަޔަށް ގެނެސްދިނުން އެއީވެސް ވަރަށް ކުޅަދާނަ އަދި ދެ ބަސްވެސް ވަރަށް ރަނގަޅަށް ދަންނަ މީހަކަށް ނޫނީ ކުރަން މާފަސޭހަ ކަމަކަށް ނުވާނެއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އަޅުގަނޑުމެންގެ ތެރެއަށް ފުރަތަމަ މަޝްހޫރުވެގެންދިޔަ އެއް ރޮނގަކީ، ތަރުޖަމާކުރުމުގެ ރޮނގެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ފެށްޓެވި ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުތައް ފެށިގެން އައިއިރު، އަދި އޭގެފަހުންވެސް އެ ޕުރޮގުރާމުތަކުގައި ބޭރުގެ ދީނީ ޢިލްމުވެރިން ޢަރަބިބަހުން ދެއްވަމުން ގެންދެވި ދީނީ ދަރުސްތައް، ވަގުތުން ދިވެހިބަހަށް ތަރުޖަމާކޮށްދެއްވައި، އަދި ރަމަޟާން މަހު ކޮންމެ ދުވަހަކު ހަވީރު މިސްކިތްތަކުގައި ހިންގެވި ދަރުސް ޕުރޮގުރާމުތައް ތަރުޖަމާކޮށްދެއްވި އެއް ބޭފުޅަކީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ނޫސްވެރިކަމުގެ ރޮނގުންވެސް ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ދިވެހި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ޚިދުމަތް ކުރައްވަން ފެށްޓެވީ، 1976ވަނަ އަހަރުއެވެ. ތަފާތު މަޖައްލާތަކާއި ނޫސްތަކުގެ މަސްއޫލުވެރިކަމުގެ އިތުރުން، ސެކްރެޓެރީކަމާއި، މުޤައްރިރުކަންވެސް ކުރައްވައިފައި ވެއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ދެންނެވި ޚިދުމަތްތަކަށް ބަލައިލާއިރު، އެމަނިކުފާނަކީ، މިސުރުގައި ކިޔަވައި ވިދާޅުވާން ހުންނެވިއިރުވެސް އެތާނގެ ޠާލިބުންނާއެކުގައި ކޭމްޕުތަކުގައި ވަޑައިގެން އުޅުއްވިއިރު، ކޭމްޕުތަކުގައި ނެރެވޭ މަޖައްލާތައް ހިންގަވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެހެންމެ، މިސުރުގައި ދިވެހި ޠާލިބުން ނެރެމުން ގެންދިޔަ މަޖައްލާ "ރޭނިސް" އަށްވެސް އެމަނިކުފާނު ލިޔުއްވަމުން ގެންދެވިއެވެ. 1979ވަނަ އަހަރު ދުވަހު ނޫސް "ހަވީރު" ޝާއިޢުކުރަން ފެށިއިރު، އިބްރާހީމް ރަޝީދު މޫސާ ހުންނެވީ، އެ ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައެވެ. ނޫހުގެ ޚަބަރުތަކުގެ އިތުރުން، ތަފާތު މައުޟޫޢުތަކަށް ނޫހަށް ލިޔުއްވަމުން ގެންދެވިއެވެ. "އަމާޒު" މަޖައްލާއަށާއި، "ފަތްތޫރަ" މަޖައްލާއަށާއި، އަދި އެހެނިހެން މަޖައްލާތަކަށްވެސް އެކިއެކި ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ. "މިއަދު" ނޫސް ވުޖޫދަށް އައުމުގައިވެސް އިސް ދައުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ވަނީ 1993ވަނަ އަހަރު "ލިޔުންތެރިކަމުގެ ރަންގަލަން"، އަދި 2019ވަނަ އަހަރު "ލިޔުންތެރިކަމުގެ އަލިމަސް ގަލަން" ލިބިވަޑައިގެންފައެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި މި މަސައްކަތްޕުޅުތަކުގެ އަގު ޤައުމީ ފެންވަރުގައި ސަރުކާރުން ވަނީ އެކިފަހަރުމަތިން ވަޒަންކުރައްވައިފައެވެ. ނޫސްވެރިކަމުގެ ރޮނގުން 1983ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ދިވެހިބަހަށް ތަރުޖަމާކުރުމުގެ ރޮނގުން 1985ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 2004ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އެމަނިކުފާނަށް ލިބިވަޑައިގެންފައި ވެއެވެ. އަދި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން 2015ވަނަ އަހަރު އެ މަނިކުފާނަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް އަރުވައިފައެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައި، އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމުދޭ މުއައްސަސާ ކަމުގައިވާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައި އަދި ފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައެވެ. މަޢުހަދުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގެ އިތުރުން، ޑިރެކްޓަރ ކަމުގެ މަގާމާއި، މުދީރު ޢާންމުގެ މަގާމާއި އަމީދުގެ މަގާމާއި، ފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ނަމަށް ބަދަލުވުމާ ގުޅިގެން، އެ މުއައްސަސާގެ ޢަމީދުކަންވެސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ކުރެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 9 ސެޕްޓެންބަރު 1975 ގައެވެ. މަޖީދިއްޔާ ސްކޫލުގެ މެތުސް އެންޑް ޓެކްނިކަލް ޑްރޯއިންގ ޓީޗަރުގެ މަގާމަށްފަހު، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ މެތަމެޓިކްސް ޓީޗަރުގެ މަގާމު ފުރުއްވިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ޚަބަރު ނަގާ ތަރުޖަމާކުރާގެ މަގާމު، ޕާޓްޓައިމް މަގާމެއްގެ ގޮތުގައިވެސް ފުރުއްވިއެވެ. 17 ނޮވެންބަރު 2018 ގައި ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސް ކަމުގެ މަގާމުގައެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ސަރުކާރުން އުފައްދަވައިފައިވާ ބައެއް ފަންނީ ކޮމިޓީތަކުގައިވެސް މަސައްކަތްޕުޅު ކުރައްވައިފައިވާ ބޭފުޅެކެވެ. މިހާރުވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސެޓުފިކެޓު ޕެނަލްގެ މެންބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވައެވެ. ދެން މަސައްކަތްޕުޅު ކުރައްވަނީ، ދިވެހިބަހުގެ ބަސްކޮމިޓީގައެވެ. ބަސްކޮމިޓީގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ 1990ވަނަ އަހަރުން ފެށިގެންނެވެ. އަދި ފަތުވާ މަޖިލީހުގައިވެސް ފަސް އަހަރެއްހައި ދުވަހު ޚިދުމަތް ކުރެއްވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމާއި، މަތީ ތަޢުލީމާބެހޭ މަޖިލީހުގެ މެންބަރުކަމާއި، އެސް.އެސް.ސީ. ޢަރަބިބަހުގެ އިމްތިޙާނާއި، އެސް.އެސް.ސީ. އިސްލާމިކް ސްޓަޒީޒް އިމްތިޙާނާއި، އެޗް.އެސް.ސީ. އިސްލާމިކް ސްޓަޑީޒް އިމްތިޙާނުގެ ޗީފް އެގްޒަމިނަރުކަން އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ކުރެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ދިވެހި ދައުލަތުން މިއަދު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އިބްރާހީމް ރަޝީދު މޫސާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު ޝަރަފެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ މިއަދުވެސް ހުންނެވީ، ޤައުމީ ޚިދުމަތުގައެވެ. އެމަނިކުފާނަކީ ޢިލްމީ ނޫރު ފެތުރުއްވުމުގެ ދަންމަރެކެވެ. އެމަނިކުފާނުގެ ޚިދުމަތް، އެމަނިކުފާނުގެ ދަރިވަރުންނާއި، ދިވެހި ރައްޔިތުން މިއަދުވެސް ބަލައިގަންނަނީ ޝުކުރުވެރިކަމާއި އަދަބު ތަޢުޡީމާއެކުގައެވެ.