ޑޮކްޓަރ މުޙައްމަދު ލަޠީފް
މއ. ކިނބި

ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ޚިދުމަތް ކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ޚާއްޞަކޮށް، އެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ.

ކޮޅުމަޑުލު ކިނބިދުއަށް އުފަން ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވި އެންމެ އިސް އެއް މަގާމަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ 3ވަނަ ދައުރަށް ހުވާކުރެއްވުމަށްފަހު، އެކުލަވައިލެއްވި ކެބިނެޓުގައި ހިމަނުއްވައި، އެޑިޔުކޭޝަން މިނިސްޓަރު ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ލަޠީފް ޢައްޔަންކުރެއްވީ، 11 ނޮވެންބަރު 1993 ގައެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި އެ މަނިކުފާނު ހޭދަކުރެއްވި 22 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު އެކި ރޮނގުތަކުން ވަނީ ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން، ތަޢުލީމީ މުއައްސަސާތައް އުފައްދަވައި، ތަރައްޤީ ކުރެއްވުމުގައި އާދަޔާ ޚިލާފު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލައި، މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ" އުފެދިގެން ދިޔުމުގައްޔާއި، އޭގެ ފަހުން މުދައްރިސުން ތަމްރީނުކުރުމަށްޓަކައި އަލަށް ގާއިމުކުރެވުނު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" 1984 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އުފެދިގެން ދިޔުމުގައި އެ މަނިކުފާނު އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އޭގެފަހުން، ދިވެހިރާއްޖެއިން ލިޔަންކިޔަން ނުދަތުން ނައްތައިލުމަށްޓަކައި ނުރަސްމީ ތަޢުލީމު ދޭ މަރުކަޒު، ރަސްމީ ސިފައެއްގައި 1985ވަނަ އަހަރު ގާއިމު ކުރެވިގެން ދިޔުމުގައްޔާއި، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ އެޑްމިނިސްޓްރޭޓިވް އަދި މެނޭޖްމަންޓްގެ ދާއިރާއިން ބޭނުންވާ މީހުން ތަމްރީނު ކުރުމަށްޓަކައި ތަމްރީނު ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި، އައި.އެލް.އޯ. އާއި، ޔޫ.އެން.ޑީ.ޕީ. ގެ އެހީގައި "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން" އުފެދި ތަރައްޤީ ކުރެވިގެން ދިޔުމުގައިވެސް ޑޮކްޓަރ މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު ވަރަށް މުހިއްމެވެ.

1995ވަނަ އަހަރުން 2005ވަނަ އަހަރާ ހަމައަށް ކަނޑައެޅުނު އެޑިޔުކޭޝަނަލް މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން އަދި ވަޒީރުންގެ ކޮމިޓީގެ ޗެއަރމަންގެ ހައިސިއްޔަތުން ޑޮކްޓަރ މުޙައްމަދު ލަޠީފް ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލަންޖެހެއެވެ. މާސްޓަރ ޕްލޭން އެކުލަވައިލުމުގެ ފަންނީ ޓީމުގައި ތަޖުރިބާކާރެއްގެ ގޮތުގައި ހިމެނިވަޑައިގެން، އެހީތެރިކަން ދެއްވުމުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭގެކުރިން، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނަވައިގެން، އިބްތިދާއީ ތަޢުލީމުގެ ދާއިރާ ފުޅާކުރުމާއި، މުދައްރިސުން ތަމްރީނުކުރުމާއި، ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލުމާއި، ނުރަސްމީ ތަޢުލީމު ދިނުމާއި، ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ޓެކްސްޓްފޮތް އުފައްދައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެއްވުމާއި، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ އެކި ފެންވަރުގެ މުވައްޒަފުން ތަމްރީނުކުރުމާއި، ތަޢުލީމީ ދާއިރާގެ އެކި މަޝްރޫޢުތަކަށް ބޭނުންވާނެ ފަންޑިންގ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެހީގައި ހޯއްދަވައިދެއްވުމުގައި ޢަމަލީގޮތުން އިސް ދައުރެއް ޑޮކްޓަރ މުޙައްމަދު ލަޠީފް އަދާކުރެއްވިއެވެ.

ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީވެސް ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. އަދި އެ މަނިކުފާނުގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން ކަނޑައަޅައިފައިވާ ތާރީޚުގެ ކުރިން އެ ޕްލޭން ތަންފީޛު ކުރައްވައި ނިންމެވިއެވެ.

ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމު ފުޅާ ކުރައްވައި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދެއްވަން ފަށްޓަވައި މުޅި ތަޢުލީމީ ދާއިރާ، އައު ހަރުފަތަކަށް ގެންދެވުމުގައި ޑޮކްޓަރ މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު މުހިންމެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، ތަޢުލީމީ ދާއިރާގެ ފެންވަރު ހަރުދަނާ ކުރެއްވުމަށްޓަކައި "ބިލްޓް-އިން ސުޕަރވިޜަން ސިސްޓަމް" އެއް ޤާއިމު ކުރެއްވުމެވެ.

ރާއްޖޭގެ ފުރަތަމަ ކޮލެޖް "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" 1998ވަނަ އަހަރު ގާއިމު ކުރެވިގެން ދިޔައިރު، އެ ކޮލެޖު ގާއިމުކުރެއްވުމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން ޑޮކްޓަރ މުޙައްމަދު ލަޠީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެކަން ކުރެއްވުމުގައި މަގާމުގެ ހައިސިއްޔަތުންނާއި، އަމިއްލަފުޅު ޝައުޤުވެރިކަމާއެކު، ކަންކަން ދިރާސާކުރައްވައި، ފީޒިބިލިޓީ ހައްދަވައި، ބޭރުގެ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވައިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކަށް އެ ދިރާސާތައް ހުށަހަޅުއްވައި، އެ ބޭންކުގެ ހިލޭއެހީ ހޯއްދަވައި ދެއްވުމުގައި ޢަމަލީގޮތުން އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމުގައި ހުންނަވައިގެން، ތަޢުލީމީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށްޓަކައި ސަރުކާރުން އޭރު އުފެއްދެވި ބައެއް މުއައްސަސާތައް އުފެއްދުމުގައިވެސް އެ މަނިކުފާނުގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން، "ދަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު" އާއި، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގައި ކުރެއްވި މަސައްކަތްޕުޅުވެސް ފާހަގަކޮށްލަންޖެހެއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައިވެސް ޚިދުމަތްކުރައްވައި، އެ ދާއިރާއިންވެސް ތަޖުރިބާ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 3ވަނަ ސެކްރެޓެރީ ކަމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުވެސް ފުރުއްވިއެވެ. ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުގައި 2002ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ން ފެށިގެން 2007ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23ވަނަ ދުވަހާ ހަމައަށް ދެމިހުންނެވިއިރު، އެ މަނިކުފާނު ވަނީ އދ. އިޞްލާޙުކުރުމުގެ މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން، އޮމާންކަމާއެކުގައި ބަދަލުވުމުގެ އިސްތިރާޖު ފަރުމާކުރައްވައި، އެ އިސްތިރާޖު ތަންފީޒުކުރުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. މި ދެންނެވި އިސްތިރާޖާ ގުޅޭގޮތުން ވަރަށް ވިސްނުންތެރިކަމާއެކު، އދ. އާއެކުގައި މުޢާމަލާތު ކުރައްވައި އެ ކަމަށް ޙައްލެއް ހޯއްދަވައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިކޮށް، "މިޑްލް އިންކަމް ޑިވެލޮޕިންގ ކަންޓްރީ" އެއްގެ ފެންވަރަށް ރާއްޖެ ގެންނެވުމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލަންޖެހެއެވެ. އެ މަނިކުފާނަކީ، ސަރަޙައްދީ ޖަމުޢިއްޔާއެއް ކަމަށްވާ "އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ސައުތު އޭޝިއާ" އުފެއްދެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ދިވެހިރާއްޖެއަށް ޑިމޮކްރަސީ އަލަށް ތަޢާރުފު ކުރެވިގެން އައި ދުވަސްވަރު ކުރިމަތިވި، ޚިޔާލަށްވެސް ނުގެނެވޭނެފަދަ ދަތި އުނދަގޫ އަދި ހަލަބޮލި މާޙައުލެއްގައި، ދިވެހި ސަރުކާރަށާއި މުޖުތަމަޢަށް، ނިސްބަތުން އައު ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށް ގާއިމުކުރެވިގެންދިޔަ މިނިވަން މުއައްސަސާއެއް ކަމުގައިވާ "ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން" އާއި، ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ގާއިމުކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. މިގޮތުން، ސިވިލް ސަރވިސް އުފެއްދެވުމަށްޓަކައި ސަރުކާރުން ބޭނުންފުޅުވި ފަންނީ އެހީތެރިކަންވެސް ޑޮކްޓަރ ލަޠީފް ވަނީ ފޯރުކޮށްދެއްވައިފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އަދި ފަހުން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހި ސިވިލް ސަރވިސް ހަރުދަނާކުރައްވައި، ޒަމާނާ އެއްގޮތަށް ސިވިލް ސަރވިސް ބައްޓަންކުރެއްވުމަށްޓަކައި ޑޮކްޓަރ މުޙައްމަދު ލަޠީފް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. އެ މަނިކުފާނު ވަނީ، ނޭޝަނަލް ޕޭ ރިވިއު ބޯޑުގެ ޗެއަރމަން ކަމުގެ މަގާމުވެސް ފުރުއްވައިފައެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، އެކިއެކި ކައުންސިލުތަކާއި ބޯޑުތަކުގައިވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ނޭޝަނަލް ޕްލޭނިންގ ކައުންސިލްގެ މެންބަރެއްގެ ގޮތުންނާއި، ނޭޝަނަލް އެޑިޔުކޭޝަން ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އެ ކައުންސިލުގެ ވައިސް ޗެއަރމަންގެ ހައިސިއްޔަތުން ޚިދުމަތް ކުރެއްވިއެވެ. އަދި އިސްލާމީ ފިޤުހު އެކެޑަމީގެ އެޑްވައިޒަރީ ކައުންސިލްގެ މެންބަރުކަމާއި، މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއަރމަންކަމާއި، މެންބަރުކަމާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމާއި، ޗެއަރމަންކަމުގެ މަގާމު އަދާކުރެއްވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަންވެސް ކުރެއްވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފްވަނީ، "ނޭޝަނަލް ޕްލޭނިންގ ކައުންސިލް"ގެ މެންބަރެއްގެ ހައިސިއްޔަތުން ޚިދުމަތް ކުރައްވައި، "ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން" އެކުލަވައިލައްވައި ތަންފީޛުކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. ވިހިވިހީގެ ތަޞައްވުރު އެކުލަވައިލެއްވުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދެވި "ސިޗުއޭޝަން އެނަލިސިސް" ގައި "ނޭޝަނަލް ޕްލޭނިންގ ކައުންސިލް" ގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، ކެބިނެޓް ކޮމިޓީގެ މެންބަރެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ތަފާތު "ކޮންސަލްޓޭޓިވް ވަރކްޝޮޕް" ތަކާއި، ކޮންފަރެންސްތަކާއި ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ރާއްވަވައި، ވިހިވިހީގެ ތަޞައްވުރު އެކުލަވައިލެއްވުމުގެ މަސައްކަތުގައި 1998ވަނަ އަހަރުން ފެށިގެން 2002ވަނަ އަހަރާ ހަމައަށް ޑޮކްޓަރ މުޙައްމަދު ލަޠީފް މަސައްކަތްޕުޅު ކުރެއްވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 18 މޭ 1973 ގައި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އިނގިރޭސި ކާތިބު ކަމުގެ މަގާމުންނެވެ. އޭގެފަހުން، ޕާސްޕޯޓް އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމާއި، އިނގިރޭސި ސެކްރެޓެރީ ކަމުގެ މަގާމާއި، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސްގެ ސެކްރެޓެރީ ކަމުގެ މަގާމާއި، މަޖީދިއްޔާ ސްކޫލްގެ ސެކްރެޓެރީކަމުގެ މަގާމު އަދާކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރުކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމުގެ މަގާމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވިއެވެ. އެ މަނިކުފާނު ފުރުއްވައިފައިވާ މުހިއްމު އެހެން މަގާމުތަކުގެ ތެރޭގައި، މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނައިބުކަމުގެ މަގާމު ހިމެނެއެވެ. ނައިބުކަމުގެ މަގާމުގައްޔާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ޗެއަރމަންގެ ގޮތުގައި ހުންނަވައިގެން ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ސަރަހައްދީ ފެންވަރުގައި، ރާއްޖޭގެ ރަށްރަށް ތަރައްޤީކުރެއްވުމުގައިވެސް ޑޮކްޓަރ މުޙައްމަދު ލަޠީފް އިސް ދައުރެއް އަދާކުރެއްވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް އެންމެ ފަހުން ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ. އެއީ، 2 ޖުލައި 2015 އިން 20 އޮގަސްޓު 2019 އަށެވެ. އެ މަގާމު ފުރުއްވިއިރު، ޔުނިވަރސިޓީގެ ޗާންސެލަރގެ ހައިސިއްޔަތުން ޔުނިވަރސިޓީގެ ކަންކަން ވަރަށް ގާތުން ބައްލަވައި، ޔުނިވަރސިޓީގެ ޚިދުމަތްތައް ފުޅާ ކުރައްވައި ތަރައްޤީ ކުރެއްވުމަށްޓަކައިވެސް ވަރަށް އިޚުލާޞްތެރިކަމާއެކުގައި މަސައްކަތްޕުޅު ކުރެއްވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ރައްޔިތުންގެ މަޖިލީހުގައްޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން 11 ނޮވެންބަރު 1993ން 6 ނޮވެންބަރު 1997 އަށް މެންބަރުކަން ކުރެއްވިއެވެ. ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން، 17 މޭ 1989ން 30 އޮކްޓޫބަރު 1989 އަށް، އަދި 30 ނޮވެންބަރު 1992ން ފެށިގެން 11 ނޮވެންބަރު 1993 އަށް އަދާކުރައްވައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ނާއިބު ރައީސްކަންވެސް ކުރެއްވިއެވެ. ހަމަ އެހެންމެ، 15ވަނަ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން، 27 ފެބުރުވަރީ 2000ން ފެށިގެން 13 އޮކްޓޫބަރު 2002ގެ ނިޔަލަށް އެ މަނިކުފާނު ކުރެއްވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް، ޕީ.އެޗް.ޑީ. ހާސިލު ކުރެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަރސޓީ އޮފް ވޭލްސް އިން، އެޑިޔުކޭޝަނަލް ޕްލޭނިންގގެ ރޮނގުން 1992ވަނަ އަހަރުއެވެ. އެ މަނިކުފާނު، މާސްޓަރ އޮފް އެޑިޔުކޭޝަން ހާސިލު ކުރެއްވީވެސް، ޔުނިވަރސިޓީ އޮފް ވޭލްސް އިންނެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވައިފައިވާ ގިނަގުނަ އަދި މުހިންމު ޚިދުމަތްތަކުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރައްވައި، އެ މަނިކުފާނަށް މިއަދު ދިވެހި ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުވުމަކީ، އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފެކެވެ. އަދި އުފާފުޅެއްވެސް މެއެވެ.