މޮޑަން އެކޭޑެމީ ފޮރ ޕްރޮފެޝަނަލް ސްޓަޑީޒް

         މޮޑަން އެކޭޑެމީ ފޮރ ޕްރޮފެޝަނަލް ސްޓަޑީޒް (މެޕްސް) އަކީ، 1999 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި، މަތީތަޢްލީމަށް ކިޔަވައިދޭ އިންސްޓިޓިއުޝަނެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެން، ބިޒްނަސް އެކައުންޓިންގ، އިންފޮމޭޝަން ޓެކްނޯލޮޖީ އަދި ޕްރޮފެޝަނަލް ސްޓަޑީޒްގެ ދާއިރާއިން ދިގުމުއްދަތުގެ ތަފާތު 12 ކޯހާއި، ކުރުމުއްދަތުގެ 25 ކޯސް ހިންގަމުން ގެންދާ އިންސްޓިޓިއުޝަނެކެވެ. މެޕްސްގެ ކޯސްތައް ހިންގަމުން ގެންދަނީ 4 ޑިޕާޓްމަންޓަކަށް ބަހާލައިގެން، ރާއްޖެއިން ބޭރުގެ 4 ފަރާތަކާ ގުޅިގެންނެވެ. އެއީ، މެލޭޝިޔާގެ ހެލްޕް ޔުނިވަރސިޓީ ކޮލެޖާއި، އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (އޭ.ސީ.ސީ.އޭ) އާއި، އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކްޓިވްސް (އޭ.ބީ.އީ) އާއި، އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެސޯސިއޭޝަން، (އީ.އެޗް.އެލް.އޭ.) އެމެރިކާއެވެ.

      މި އެކޭޑެމީގެ މަޤްޞަދަކީ، މަތީ ތަޢްލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތު ލުއިގޮތަކަށް ހޯދައިދީ، ރާއްޖޭގައި ދެވޭ ތަޢްލީމުގެ ފެންވަރު މަތިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެހީތެރިވެދީ، މި އެކޭޑެމީއަށް ފޯރުވައިދެވެންއޮތް އެހީތެރިކަމެއް ފޯރުވައިދީ، ރާއްޖޭގައި ތިބެގެން ބޭރުގެ ކޯސްތައް ހަދަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގުފަހިކޮށްދިނުމެވެ. ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި މެޕްސްއިން މިފުރުސަތުތައް ހޯދައިދީފައިވެއެވެ.

      އޭ.ބީ.އީ.ގެ ކޯސްތައް ފުޅާކުރުމުގެގޮތުން، 2005 ވަނަ އަހަރުން ފެށިގެން، ހިއުމަން ރިސޯސް މެނެޖްމަންޓާއި، ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ކޯސްތައްވެސް ހިންގަން ފަށާފައިވެއެވެ. މިހާތަނަށް އައިއިރު، މެޕްސްއިން ކިޔެވި ދަރިވަރުންވަނީ، އޭ.ބީ.އީ.ގެ ކޯސްތަކުން މުޅި ޕްރޮގްރާމުން އެކަށީގެންވާ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

      މޮޑަން އެކޭޑެމީ އޮފް ޕްރޮފެޝަނަލް ސްޓަޑީޒްގެ މަސްއޫލުވެރިންނަކީ، ވ.ވައްލަ އަލްފާޟިލް މުޙައްމަދު ޢަލިމަނިކާއި، ވ.ވައްލަ އަލްފާޟިލް އަޙްމަދު ޢަލިމަނިކެވެ.