އަލްްޤާރީ މުޙައްމަދު ޝިނާން މުނީރު
ގ.ކަފޭރާ

         މުޙައްމަދު ޝިނާން މުނީރަކީ 1991 ވަނަ އަހަރުން ފެށިގެން ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވާވިދާޅުވާ، އަދި އެ ޢިލްމު ކުރިއެރުވުމަށް މަސައްކަތް ކުރައްވައި، އަދި އެ ޢިލްމު މީހުންނަށް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރޭގައި، މަޢްހަދުގެ ނިޒާމީ ކްލާސްތަކުގެ ދަރިވަރުންނަށާއި، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއިން ހިންގަވާ ޤާރީ ކޯސްތަކާއި، ޤާޟީ ކޯހާއި، ދިރާސާތު ކޯހާއި، ޑިޕްލޯމާ ފައުންޑޭޝަން ކޯހުގެ ބައިވެރިންނަށާއި، މާލޭގައި ހިންގަވާ ސަރުކާރު ސްކޫލްތަކަށާއި، އަމިއްލަ ސްކޫލްތަކުގެ ދަރިވަރުންނަށާއި، ޤުރްއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކުގެ ދަރިވަރުންނަށް ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުން ހިމެނެއެވެ. އަދި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގަޔާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ހިންގަވާ ބައެއް ކޯސްތަކުގެ ބައިވެރިންނަށްވެސް ކިޔަވައިދެއްވައި، މީގެއިތުރުން، އެކިއެކި ޤުރްއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވުމުގެ މަސައްކަތްވެސް ޝިނާން ކުރައްވައެވެ.

      ރާއްޖެއިން ބޭރުގަޔާއި ރާއްޖޭގައި ބޭއްވޭ ޤުރްއާން މުބާރާތްތަކުގައިވެސް ޝިނާން ބައިވެރިވެވަޑައިގެންފައިވެއެވެ. މެލޭޝިޔާގައި ބޭއްވުނު މުބާރާތުން އެންމެ ރަނގަޅު 10 ބައިވެރިންގެ ތެރެއިން 8 ވަނަ ޝިނާނަށް ލިބިވަޑައިގެންފައިވެއެވެ.