އަލްފާޟިލް އަޙްމަދު ނިމާދު
ގ.އީގަލްނެސްޓް

         އަޙްމަދު ނިމާދު ކުރެހުމުގެ މަސައްކަތް ފެށްޓެވީ، މަދްރަސީ ދައުރުގައެވެ. ލަކުޑިއާއި ގަލުގައި ކަނޑާނެގުމާއި، ކުރެހުމާއި، މޮޑެލްހެދުމުގެ މަސައްކަތްވެސް ނިމާދު ކުރައްވައެވެ.
         އަޙްމަދު ނިމާދަށް ލިބިފައިވާ ހުނަރު އެހެން މީހުންނަށް ދަސްކޮށްދެއްވުމުގެގޮތުން، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ހިންގަވާ ކްލާސްތަކުގައި، ދުވާލަކު 70 ވަރަަކަށް ކުދިންނަށް ކިޔަވައިދެއްވަމުން ގެންދަވައެވެ. ކުރެހުމާބެހޭ އެޑިޔުކޭޝަނަލް ޕްރޮގްރާމްތަކެއް، ޓީ.ވީ މެދުވެރިކޮށް ނިމާދު ހުށަހަޅުއްވައި ދެއްވާފައިވެއެވެ. "ޝީ" އިން ހިންގާ ފަންޑްރެއިސިންގ ޕްރޮގްރާމްތަކުގައި ހިލޭސާބަހަށް ކުރެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. 

        މޮޑެލް ހެދުމާއި، ލަކުޑިއާއި ގަލުގައި ކަނޑާނެގުމުގެ މަސައްކަތުގެ ތެރެއިން، އޮސްޓްރޭލިއަން ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން، މިއަހަރު އޮސްޓްރޭލިޔާގައި ބޭއްވުނު ކޮމަންވެލްތް ގޭމްސްގައި ރާއްޖެ ތަމްސީލު ކޮށްދެއްވުމުގެ ގޮތުން ނިމާދު ހުށަހެޅުއްވި ގަލުވަޑާމުގެ މަސައްކަތަށް ވަރަށްބޮޑު ތަރުޙީބެއް ލިބިފައިވާކަން، ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި ސާސްކަފާ ގުޅިގެން ހެދިގޮނޑުދޮށުގައި ބޭއްވި ތަމްސީލު ޝޯ "ދިވެހިރާއްޖޭގެ ވާހަކަ"ގައިވެސް ޢަމަލީގޮތުން ނިމާދު ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ސެޓް ޑެކަރޭޝަނާއި، އެކިއެކި ޝޯތަކުގެ ސްޓޭޖް ފަރުމާކުރެއްވުމާއި، ފިލްމުތަކަށް ސްޕެޝަލް މޭކަޕާއި، ސެޓް ޑިޒައިންވެސް ނިމާދު ހައްދަވައިދެއްވައެވެ.