އަލްފާޟިލް މުޙައްމަދު ނަޢީމް ޙުސައިން
ރޭދުވާގެ/ޅ.ނައިފަރު

       މުޙައްމަދު ނަޢީމަކީ، ޅެންހެއްދެވުމާއި، ދިވެހި އަދަބިއްޔާތުގެ ރޮނގުން ވަރަށް ޤާބިލް ބޭފުޅެކެވެ. މީގެ 40 އަހަރުކުރިން، މަދްރަސީ ދައުރުން ފެށިގެން ނަޢީމު ޅެންހައްދަވަމުން ގެންދަވައެވެ.

       މުޙައްމަދު ނަޢީމަކީ، ކޮންމެ މައުޟޫޢަކަށް ޅެމެއް ހައްދަވަންޖެހުނަސް، އެ ޅެމެއްގެ ބަނޑުވައްއަކުރާއި، ކާފިޔާތައް އެއްގޮތްކުރައްވައި އެމުނި އެތުރިފައިވާ ފެންވަރަށް އަވަހަށް ޅެން ހައްދަވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ނައިފަރުގައި ފާހަގަކުރާ ތަފާތު މުނާސަބަތުތަކަށް ނަޢީމު ޅެން ހަދައިދެއްވަމުން ގެންދަވައެވެ. މީގެތެރޭގައި، ނައިފަރުގައި ފާހަގަކުރެއްވި ޅެންވެރިންގެ ދުވަހާއި، މަސްވެރިންގެ ދުވަހުގެ ހުރިހާ ޅެމެއް ނަޢީމު ހައްދަވައިދެއްވާފައިވެއެވެ. ބައެއް ރަށްރަށުގަޔާއި، ނައިފަރު ސްކޫލްތަކުގަޔާއި، ޖަމްޢިއްޔާތަކުގައި ކުޅެވެމުންދާ ތަމްސީލުތަކާ ގުޅޭ ޝުޢޫރުތައް ހާމަކުރެއްވުމަށްވެސް ވަރަށް ގިނަ ޅެން ނަޢީމު ހައްދަވާފައިވެއެވެ. ނަޢީމުގެ ޅެންތަކުގެ ތެރޭގައި، އަދަބީ، ސަގާފީ، ޤައުމީ، ދީނީ، ޢިޝްޤީ ޅެން ހިމެނެއެވެ. މިގޮތުން މިހާތަނަށް ހާހަކަށްވުރެ ގިނަ ޅެން ހައްދަވާފައިވެއެވެ. ނަޢީމު ހައްދަވާފައިވާ ޅެންތައް، އެކި މަޖައްލާތަކުގައިވެސް ޝާއިޢުކޮށްފައިވެއެވެ.