ސްޓާފް ސާރޖަންޓް ޙުސައިން ޢަލީ
ފެހިވިނަ/ފ.ނިލަންދޫ (މއ.އޯކިޑުގެ)

 

ލަވަކިޔުމުގެ ރޮނގުން ޙުސައިން ޢަލީ، އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެންދިޔައީ، ޓެލެވިޜަން މޯލްޑިވްސްއިން ބާއްވަވަމުން ގެންދެވި މަދަރުސާ ކުދިންގެ ލަވަ މުބާރާތުންނެވެ.
 
ޙުސައިން ޢަލީއަކީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބޭފުޅަކަށްވުމާއެކު، 1998 ވަނައަހަރު، އެމް.އެން.ޑީ.އެފް.ގެ ކޮޕްސް ބޭންޑާ ގުޅިވަޑައިގެންނެވިފަހުން މިވީ މުއްދަތުގެ ތެރޭގައި، ވަރަށްގިނަ ޝޯތަކުގައި ބައިވެރިވެވަޑައިގެން، ގިނަ ލަވަތަކެއް ހުށަހަޅުއްވައި ދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ޙުސައިން ޢަލީ ވިދާޅުވެފައިވާ ޤައުމީ ލަވަތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި އެމް.އެން.ޑީ.އެފް.އިން ކޮންމެ އަހަރެއްގެ ޤައުމީ ދުވަހު ނެރުއްވާ ލަވަ އަލްބަމަށްވެސް ވަރަށްގިނަ ލަވަ ވިދާޅުވެދެއްވާފައި ވެއެވެ.  
 
ލަވަ ވިދާޅުވުމުގައި ޙުސައިން ޢަލީ އެންމެ ބޮޑަށް އިސްކަން ދެއްވަނީ، އަމިއްލަ ރާގުތަކަށް ޤައުމީ އަދި އިޖްތިމާޢީ ލަވަތައް ވިދާޅުވުމަށެވެ. އެކިއެކި އަލްބަމްތަކަށްވެސް ލަވަ ވިދާޅުވެދެއްވަމުން ގެންދަވައެވެ. ޓީ.ވީ މޯލްޑިވްސްއިން ކުރިއަށް ގެންދަވާ [އެ ހަނދާން] ޝޯގައި 2004 ވަނަ އަހަރުން ފެށިގެން ޙުސައިން ޢަލީ ލަވަ ވިދާޅުވަމުން ގެންދަވައެވެ. ޙުސައިން ޢަލީއަކީ، ވިދާޅުވާ މަދަޙަތަކަށާއި، ޤައުމީ ލަވަތަކަށް އަގެއް ނަންގަވާ ބޭފުޅެއް ނޫނެވެ. އެކަން ދެކެވަޑައިގަންނަވަނީ، ދީނީގޮތުންނާއި، ޤައުމީގޮތުން ޤައުމަށް ކޮށްދެއްވޭ ޚިދްމަތެއްގެ ގޮތުގައެވެ.
 
ލަވަ ވިދާޅުވުމުގެ އިތުރަށް، ޙުސައިން ޢަލީއަކީ، ގިނަބަޔަކަށް މިފަންނު ދަސްކޮށްދެއްވައި، މިރޮނގުން އިތުރު ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، އެކި ލަވަ މުބާރާތްތަކަށް ކުދިން ތައްޔާރުކޮށްދެއްވުމާއި، ލަވަ މުބާރާތްތަކަށް އިންސާފުކޮށްދެއްވުން ހިމެނެއެވެ. ޓެލެވިޜަން މޯލްޑިވްސްއިން ބޭއްވި ވޮއިސް އޮފް މޯލްޑިވްސް މުބާރާތަށް ކުދިން ތަމްރީނު ކޮށްދެއްވައި، 2010 ވަނައަހަރު 1 ވަނަ ކޯޗްކަމުގެ މަގާމާއި، 2011 ވަނައަހަރު ދެވަނަ މަގާމު، ޙުސައިން ޢަލީ ހާސިލު ކުރައްވާފައިވެއެވެ. ސްކޫލް ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި ބޭއްވޭ އެކިއެކި މުބާރާތްތަކަށް އޭނާ އިންސާފުކޮށްދެއްވަމުން ގެންދަވައެވެ.
 
ޙުސައިން ޢަލީ މިރޮނގުން ހޯއްދަވާފައިވާ އިތުރު ކާމިޔާބީތަކުގެ ތެރޭގައި 2008 ވަނަ އަހަރު ބޭއްވުނު 5 ވަނަ ޤައުމީ ފިލްމީ އެވޯޑުގެ ފިރިހެން އެންމެމޮޅު ލަވަކިޔުންތެރިޔާގެ މަގާމު ހާސިލު ކުރެއްވުން ހިމެނެއެވެ. ހަމައެއާއެކު، [މިއަދު ކްރިސްޓަލް އެވޯޑް]ގެ އަލްބަމްތަކުގެ ބައިން 1 ވަނަ ލަވައަކަށް ހޮވިފައިވަނީވެސް، މަރްޔަމް އުނޫޝާއާއެކު ޙުސައިން ޢަލީ ވިދާޅުވެފައިވާ ލަވައެކެވެ.
 
 މިހާތަނަށް ވިދާޅުވެފައިވާ ލަވަތަކުގެ ތެރެއިން ޙުސައިން ޢަލީއަށް އެންމެ ރީތިކޮށް ވިދާޅުވެވުނު އަދި ޢާންމުންގެ ތަރުޙީބު އެންމެ ބޮޑަށް ލިބިގެންދިޔަ އެއް ލަވައަކީ، [ހިނގާ ހޯދަމާހޭ ތަރައްޤީ މިޤައުމަށް] މި ލަވައާއި، ޓީ.ވީ މޯލްޑިވްސްއިން ތައްޔާރު ކުރެއްވި އެ ހަނދާނުގެ ފުރަތަމަ ޝޯގައި ހުށަހަޅުއްވައިދެއްވި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޙޫމާ ޖޭމު ދޮންކަމަނަގެ ލަވައެއް ކަމަށްވާ [މަޑުން އޮވެ ނިދާލާށޭ] މިލަވައެވެ.
 
އެމް.އެން.ޑީ.އެފް.ގައި ޚިދްމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމީ، ޤައުމަށް ޚިދްމަތް ކުރެއްވުމުގެ އިތުރުން، ލަވަކިޔުމުގެ ރޮނގުންވެސް ކުރިއަށް ވަޑައިގަތުމަށް ޙުސައިން ޢަލީއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރެކެވެ. ޙުސައިން ޢަލީގެ އުންމީދަކީ، މިރޮނގުން އަދިވެސް އިތުރަށް ކުރިއަށް ވަޑައިގެން، މިފަންނުގައި ކުރިއަށްދާން އެދޭ ކުދިންނަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވަމުން ގެންދެވުމެވެ.