ޑޮކްޓަރ އާމިނަތު ޒާހިރު
ޑޮކްޓަރ އާމިނަތު ޒާހިރަށް ދިވެހި ސަރުކާރުން ހަނދާނީ ފިލައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ޑޮކްޓަރ އާމިނަތު ޒާހިރުގެ ޢިލްމީ ދިރާސާގެ މައިގަނޑު މަޤްޞަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި ޢަމަލުކުރަންވީ ގޮތްތައް ދެނެގަތުމެވެ. މި މައްސަލަ ފުންކޮށް ތަޙުލީލު ކުރެއްވުމަށްޓަކައި ވޭދަނަ ދިރާސީ ފްރޭމަށް ބުރަވެ، ޑޭޓާ އެއްކުރެއްވީ، 7 ދާއިރާއަކުން 302 މީހުންގެ ސަރވޭއަކުންނާއި، ދިވެހިރާއްޖޭގެ ބަހަވީ މަލައިގެ 1,004 ނިޝާން ތަޙުލީލު ކުރައްވައިގެންނާއި، ދިވެހިބަހުގެ 31 މަޞްލަޙަތު ވެރިންނާއެކު ކުރިއަށް ގެންދެވި ގުރޫޕު މަޝްވަރާތަކުންނެވެ. މި ދެންނެވި ހޯދުންތަކުން ފެނުނުގޮތުގައި، އަވަސް އިޞްލާޙީ ބަދަލުތަކެއް ނުގެނެވިއްޖެނަމަ، ދިވެހިބަހަށް މިހާރު އޮތް ހަނި ޖާގަ އިތުރަށް ހަނިވެދާނެ ކަމުގެ ބިރު އޮތުމާއެކު، ބަހުގެ ރޭވުމުގެ އޮނިގަނޑުގައި ހިމެނޭ 4 ދާއިރާއަކަށް އަމާޒުކުރައްވައި، އިސްތިރާޖުތަކެއް ހުށަހަޅުއްވައިފައި ވެއެވެ.
ޑޮކްޓަރ އާމިނަތު ޒާހިރަކީ، ރާއްޖޭގެ ސްކޫލްތަކުގެ ގުރޭޑު 6، 7، 11 އަދި 12ގެ ދިވެހި ދަރިވަރުންގެ ފޮތްތަކާއި، މުދައްރިސުންގެ ފޮތްތަކާއި، ގުރޭޑު 11 އަދި 12ގެ އަދަބިއްޔާތުގެ ފޮތްތައް ލިޔުއްވި ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. މީގެއިތުރުން، ތަފާތު އެކި މައުޟޫޢުތަކަށް ޖަރނަލް އާޓިކަލްތައްވެސް ޝާއިޢު ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ޝާއިޢު ކުރައްވައިފައިވާ ޖަރނަލް އާޓިކަލްތަކުގެ ތެރޭގައި، "ދަ މޯލްޑިވްސް ނޭޝަނަލް ޖަރނަލް އޮފް ރިސަރޗް" ގައި ޝާއިޢު ކުރައްވައިފައިވާ ދެ އާޓިކަލެއް ކަމުގައިވާ "ބަހަވީ ހަމަތަކުން ބަލާއިރު، ދިވެހިބަހުގައި ކަމުގެ ޒަމާނާއި އެސްޕެކްޓް" އަދި "ޓީ.ވީ. ޕުރޮގުރާމުތަކުގައި ވާހަކަ ދައްކާއިރު، ބަސް މަސްހުނިކުރާ މިންވަރާއި، ބަސް މަސްހުނިކުރާ ގޮތްތައް" މި ދެ އާޓިކަލް ފާހަގަކޮށްލެވެއެވެ.