ޑޮކްޓަރ އާމިނަތު ސުދާ
ޑޮކްޓަރ އާމިނަތު ސުދާއަށް މި އިނާމު މި އެރުވެނީ، މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައެންސް ޔުނިވަރސިޓީން 2024ވަނަ އަހަރު، މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ޓްރާންސްފޮމޭޝަނަލް ލީޑަރޝިޕް އެންޑް ޖޮބް ޕަރފޯމަންސް އޮފް މޯލްޑިވްސް ސިވިލް ސަރވިސް އެމްޕްލޯއީސް މީޑިއޭޓެޑް ބައި އޯގަނައިޒޭޝަނަލް ކޮމިޓްމަންޓް" އާޓިކަލް ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ އާމިނަތު ސުދާގެ ދިރާސާގެ މައިގަނޑު މަގުސަދަކީ، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް އަސަރުކުރާ ކަންތައްތައް ތަހުލީލުކޮށް، ޒަމާނީ ފެންވަރެއްގައި ޚިދުމަތްދެވޭނެ ސިވިލް ސަރވިސްއެއް ބައްޓަން ކުރަން ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ. މި ދިރާސާއަށް މައުލޫމާތު ހޯދައިފައިވަނީ ސިވިލް ސަރވިސްގެ 579 މުވައްޒަފަކަށް ސަރވޭ ކަރުދާހެއް ފޮނުވައިގެންނެވެ.
މި ދިރާސާއިން، "ޕަބްލިކް ސަރވިސް މޯޓިވޭޝަން" (PSM) ނުވަތަ ޢާންމު ޚިދްމަތް ދިނުމަށް ހުންނަ ޝައުޤުވެރިކަމާއި، "ޖޮބް ކެރެކްޓެރިސްޓިކްސް" ނުވަތަ މަގާމާއި ވަޒީފާގައި ހިމެނޭ ސިފަތަކުގެ ސަބަބުން ވަކިވަކި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށްދޭކަން ހާމަވެގެން ދިޔައެވެ. މިގޮތުން، އިޚުލާޞްތެރިކަމާއި އެހެން މީހުންނާ މެދުގައި ހުންނަ ކުލުނާއި، މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ރޫޙު ފަދަ ސިފަތައް ހުންނަ މުވައްޒަފުންގެ މަސައްކަތާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކަމަށް މި ދިރާސާއިން ހޯދުނެވެ. މީގެއިތުރުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމުގައި ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕުގެ ދައުރެއް އޮތްނަމަވެސް، މިއީ އެހާ މުހިންމު ދައުރެއް ނޫންކަން ދިރާސާއިން ފާހަގަވެގެން ދިޔައެވެ. މީގެއިތުރުން، ރާއްޖޭގެ ސިވިލް ސަރވިސްގައި، ފައިސާގެ ރިވޯޑްސް (މުސާރައާ ގުޅުން ހުރި) ދިނުމަކީ، ތަރައްޤީވަމުން އަންނަ ޤައުމެއްގެ ހާލަތުގައިވެސް، ވަޒީފާގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރާނެ ކަމެއް ނޫންކަން ފާހަގަކޮށްފައިވެއެވެ.
ޒަމާނީ ގޮތަކަށް މަސައްކަތްތައް ފަރުމާކުރެވިފައި ނެތުމުން، މާނަހުރި ގޮތެއްގައި މަސައްކަތްތަކެއް ކުރުމަށް ފުރުސަތު ނުލިބޭކަމަށް، ދިރާސާގައި ބައިވެރިވި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދާ ތަޢުލީމީ ޒުވާނުން ފާހަގަކޮށްފައި ވެއެވެ. ޢާންމު ހާލަތްތަކުގައްޔާއި ބަދަލުވަމުންދާ ހާލަތްތަކުގައިވެސް، ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރާއި، މަސައްކަތަށް އޮންނަ ބާރު، އަދި ފީޑްބެކާއި، މަސައްކަތުގެ މުހިންމުކަންފަދަ ކަންކަމަކީ، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވާކަންކަން ކަމުގައި، މި ދިރާސާއިން ހޯދުނެވެ.
ޑޮކްޓަރ އާމިނަތު ސުދާގެ ދިރާސާގެ އަލީގައި، ދިވެހި ސިވިލް ސަރވިސްއަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި ހޮވުމުގެ މަސައްކަތްތައް ފަދަ ކަންކަން، ސްޓްރެޓީޖިކް ގޮތެއްގައި ދުރާލައި ރާވައި، މުވައްޒަފުގެ ކިބައިގައި ޢާންމު ޚިދުމަތަށް އޮންނަ ޝައުޤުވެރިކަން އަށަގެންފައިވޭތޯ ބެލުމަށް އިސްކަން ދިނުން ހިމެނެއެވެ. މީގެއިތުރުން، ސިވިލް ސަރވިސްގެ މަގާމުތަކާއި މަގާމާ ގުޅޭ މަސައްކަތްތައް ފަރުމާކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އޮނިގަނޑެއްގެ ތެރެއިން މަސައްކަތްތައް އިންތިޒާމުކުރުމަށާއި، ސިވިލް ސަރވިސް މުވައްޒަފުން ޝައުޤުވެރިކުރުވައި ހިތްވަރު ދިނުމަށްޓަކައި ހަމައެކަނި ފައިސާގެ ޢިނާޔަތްތަކަށް ބަރޯސާ ނުވުމަކީވެސް، މި ހުށަހެޅުންތަކުގައި ހިމެނޭ ކަންކަމެވެ.
ޑޮކްޓަރ އާމިނަތު ސުދާ، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާއަށް ބިނާކުރައްވައި ލިޔުއްވި 7 ކަރުދާހެއް، ބައިނަލްއަގުވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވެއެވެ.
ޑޮކްޓަރ އާމިނަތު ސުދާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައެވެ. މީގެއިތުރުން، ބިޒްނަސް ސްކޫލުގެ ބިޒްނަސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ދައުރުވެސް އަދާކުރައްވަމުން ގެންދަވާ ޑޮކްޓަރ އާމިނަތު ސުދާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ވިޔަފާރިއާއި އިޤުތިޞާދާއި ދިރާސާ ކުރުމާ ގުޅުން ހުރި މާއްދާތައް އުނގަންނައިދިނުމާއި، ދިރާސާކުރުމުގެ މަސައްކަތް ހިމެނެއެވެ.