ޑޮކްޓަރ މުޙައްމަދު ޔަމާއި
ޑޮކްޓަރ މުޙައްމަދު ޔަމާއިއަށް މި އިނާމު މި އެރުވެނީ، މެލޭޝިއާގެ ޔުނިވަރސިޓީ މަލާޔާ-ވޭލްސްއިން 2023ވަނަ އަހަރު، ޕުރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "ޑިވެލޮޕިންގ އަ ފްރޭމްވަރކް ފޮރ ދަ ސަކްސެސް އޮފް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް އިން ދަ މޯލްޑިވްސް" މި އާޓިކަލް، ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ މުޙައްމަދު ޔަމާއި، ޕީ.އެޗް.ޑީ. ހާސިލު ކުރެއްވުމަށް ކުރެއްވި ދިރާސާއަކީ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގާ "އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް" މަޝްރޫޢުތަކުން އެންމެ އެދެވޭ ނަތީޖާ ހާސިލު ނުވާތީއާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި މިފަދަ މަޝްރޫޢުތައް ހިންގުމުގައި، ރާއްޖޭގައި ހިންގައިފައިވާ މަޝްރޫޢުތަކުގެ ތަޖުރިބާއަށް ބިނާކޮށް، އެކަށީގެންވާ ދިރާސާއެއް މިހާތަނަށް ކުރެވިފައި ނުވާތީ، ވަރލްޑް ބޭންކުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގައިފައިވާ ހަތަރު މަޝްރޫޢެއްގެ މައްޗަށް ބިނާކޮށް، މަޝްރޫޢުތައް ކާމިޔާބުކަމާއެކުގައި ހިންގުމަށާއި، މަޝްރޫޢުތައް ކާމިޔާބުވުމުގެ ހާލަތު ދެނެގަތުމަށް، މި ދާއިރާއިން ކުރެއްވި ދިރާސާއެކެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ "މަލްޓިޕްލް ކޭސް ސްޓަޑީ"، "ނެރެޓިވް އިންޓަވިއު އެޕްރޯޗް" ބޭނުންކޮށްގެން، ކޮލިޓޭޓިވް އިންކުއަރީއެއްގެ މައްޗަށް، އަދި "ސޯޝަލް ކޮންސްޓްރަކްޓިވިސްޓް ލަރނިންގ ތިއަރީ" ގެ މައްޗަށް ބިނާކޮށެވެ.
މި ދިރާސާއިން ހޯދުނުގޮތުގައި، މަޝްރޫޢެއް ކާމިޔާބުކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކަމާގުޅޭ ޢިލްމާއި ތަޖުރިބާ ހުރި ޕުރޮޖެކްޓު ޓީމެއް، މަޝްރޫޢުގައި މަސައްކަތް ކުރުމާއި، މަޝްރޫޢު ފެށުމުގެ ކުރިން މަޝްރޫޢު ކާމިޔާބުކަމަށް ވަޒަންކުރާނެ މިންގަނޑުތަކަށް އެއްބަސްވެފައި ވުމާއި، އަދި ޕުރޮޖެކްޓު ޓީމުގެ މެންބަރުންގެ ދައުރާއި މަސްއޫލިއްޔަތު ސާފުކޮށް ކަނޑައަޅައިފައި ވުމާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަޕޯޓާއި، މަޝްރޫޢު ހިންގާ އިދާރާގެ ސީނިއަރ މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް ލީޑަރޝިޕްގެ އެއްބާރުލުން ހިމެނޭކަމަށް މަޝްރޫޢުގެ "ޕްރެކްޓިޝަނަރސް" ދެކޭ ކަމަށް ފާހަގަކުރެވުނެވެ.
ޑޮކްޓަރ މުޙައްމަދު ޔަމާއި ޕީ.އެޗް.ޑީ. ހާސިލު ކުރެއްވުމަށް ކުރެއްވި ދިރާސާގެ ހޯދުންތައް، 2016ވަނަ އަހަރު މެލޭޝިއާގެ ކުޗިންގގައި ބޭއްވި 4ވަނަ ބޯނިއޯ ރިސަރޗް އެޑިޔުކޭޝަން ކޮންފަރެންސަށް ހުށަހަޅުއްވައި، ކަމާގުޅޭ އާޓިކަލްއަށް "ބެސްޓް ޕޭޕަރ" އެވޯޑް ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން، އެމެރިކާގެ ޕްރޮޖެކްޓް މެނޭޖްމަންޓް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން، 2020ވަނަ އަހަރު ބޭއްވި "ވަރޗުއަލް އެކްސްޕީރިއަންސް ސީރީޒް"ގެ "އިމަރޖިންގ ޕްރޮފެޝަނަލްސް ރިސަރޗް ގެލެރީ" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުށަހެޅި ދިރާސާތަކުގެ ތެރެއިން ހޮވައިލެވުނު 6 ދިރާސާގެ ތެރޭގައި، ޑޮކްޓަރ މުޙައްމަދު ޔަމާއި ހުށަހެޅުއްވި ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ.
ޑޮކްޓަރ މުޙައްމަދު ޔަމާއި މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ޗީފް ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވްގެ މަގާމުގައެވެ.