ޑޮކްޓަރ ޒަހުރާ މުޙައްމަދު
ބަހާރީގެ، އދ. މާމިގިލި

ޑޮކްޓަރ ޒަހުރާ މުޙައްމަދަށް މި އިނާމު މި އެރުވެނީ، ނިއުޒީލެންޑްގެ ދަ ޔުނިވަރސިޓީ އޮފް ވައިކަޓޯ، ހެމިލްޓަން ކެމްޕަހުން 2023ވަނަ އަހަރު، ތަޢުލީމީ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ކޮންޓެންޑިންގ ވިތު ދަ އަންފޯރސީން މެސިނަސް އޮފް ދަ ކޮލިޓޭޓިވް ޑޭޓާ އެނެލެސިސް ޕްރޮސެސް" މި އާޓިކަލް، ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ ޒަހުރާ މުޙައްމަދު ލިޔުއްވި ތީސީސް "ކޮންޓެކްސްޗުއަލް ކޮންޕްލެކްސިޓީޒް ޝޭޕިންގ ޕްރައިމަރީ ޓީޗަރޒް ޕެޑަގޮޖިކަލް ޕްރެކްޓިސަސް ވިތު ޑިޖިޓަލް ޓެކްނޮލޮޖީސް: އެން އިންޓަރޕްރިޓިވް ފެނޯމިނޮލޮޖިކަލް ސްޓަޑީ އިން ދަ މޯލްޑިވިއަން އީ.އެސް.އެލް. ކޮންޓެކްސްޓް" ބިނާކުރައްވައިފައިވަނީ، ދިވެހިރާއްޖޭގައި، ފަށާތަޢުލީމުގެ މަރުޙަލާގައި އިނގިރޭސި ކިޔަވައިދެއްވާ މުދައްރިސުން، ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން ކިޔަވައިދެއްވާ ގޮތް ދެނެގަތުމަށާއި، މިކަމަށް ހުރި ފަސޭހަތަކާއި ގޮންޖެހުންތައް ދިރާސާކުރުމުގެ މައްޗަށެވެ. މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުމަށް އިންޤިލާބީ ބަދަލު ގެނައުމުގެ ފުރުސަތު އޮތްނަމަވެސް، މި ދިރާސާގައި ބައިވެރިވި މުދައްރިސުން، ޑިޖިޓަލް ޓެކްނޮލޮޖީ އާންމުގޮތެއްގައި ބޭނުންކޮށްފައިވަނީ "ސަބްސްޓިޓިއުޝަން ލެވެލް" ގައި ދަރިވަރުންގެ ޝައުޤުވެރިކަން ހޯދުމަށާއި، މަޢުލޫމާތު ފޯރުކޮށްދިނުން ފަދަ ބޭނުންތަކަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން، އިނގިރޭސި ބަހުގެ އެކި ހުނަރުތައް ދަރިވަރުންނަށް އެންމެ ފައިދާކުރަނިވި ގޮތަކަށް އުނގަންނައިދިނުމަށްޓަކައި، ދާއިމީގޮތެއްގައި މުދައްރިސުންނަށް ޚާއްޞަ ތަމްރީނުތައް ބޭނުންވާކަން އެނގިގެންވެސް ދިޔައެވެ. އަދި މުދައްރިސުންނަށް ފަހި މާހައުލެއް ހޯދައިދިނުމަށްޓަކައި ކުލާސް ރޫމް ތެރޭގައްޔާއި ސުކޫލްގައްޔާއި އަދި ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކަށްވެސް މި ދިރާސާގައި އަލިއަޅުވައިލައިފައި ވެއެވެ.

މި ދިރާސާގެ ތެރެއިން "ސްޕައިރަލް ކިޔު.ޑީ.އޭ" ގެ ނަމުގައި ޑޮކްޓަރ ޒަހުރާ މުޙައްމަދުގެ އަމިއްލަފުޅު ކޮލިޓޭޓިވް ޑޭޓާ އެނެލެސިސް ޕްރޮސެސްއެއް އުފައްދަވައި، ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ދިރާސާތަކުގައި އާންމުކޮށް ބޭނުންކޮށްފައި ހުންނަ "ޓީޕެކް"، "ސަމަރް" އަދި "ޓޭމް" މޮޑެލްތައް ގުޅި ލާމެހިފައިވާ ގޮތް ދައްކައިދީފައިވެއެވެ.

ތަޢުލީމީ ދާއިރާގެ އެކި ހަރުފަތްތަކުގައި ވޭތުވެދިޔަ 29 އަހަރު ކިޔަވައިދެއްވައިފައިވާ ޑޮކްޓަރ ޒަހުރާ މުޙައްމަދު މިހާރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައެވެ.