ޑޮކްޓަރ އަޙްމަދު ޢަލީ ޖަލީލް
ހ. ނަވާގަން

މި އިނާމު މި އެރުވެނީ ޑޮކްޓަރ އަޙްމަދު ޢަލީ ޖަލީލް، މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައެންސް ޔުނިވަރސިޓީން 2023ވަނަ އަހަރު، މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި " ސްޓްރަކްޗަރަލް އީކުއޭޝަން މޮޑެލިންގ ދި އިންޓަރރިލޭޝަންޝިޕްސް ބިޓުވީން ސަރވިސް ކޮލިޓީ، ކަސްޓަމަރ ސެޓިސްފެކްޝަން އެންޑް ބިހޭވިއަރަލް އިންޓެންޝަން އެމަންގް މޯލްޑިވިއަންސް ސީކިންގ މެޑިކަލް ޓޫރިޒަމް ސަރވިސަސް" އާޓިކަލް ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކުރައްވައިފައިވާތީއެވެ. ޑޮކްޓަރ ޖަލީލް ވަނީ މެނޭޖްމަންޓް އެންޑް ސައެންސް ޔުނިވަރސިޓީން ދަރިވަރުންގެ ކިޔެވުމުގެ ފެންވަރަށް ރިޢާޔަތްކޮށް ދޭ "ޕްރެޒިޑެންޓްސް އެވޯޑް" ވެސް ހާސިލުކުރައްވައިފައެވެ.

ޑޮކްޓަރ އަޙްމަދު ޢަލީ ޖަލީލް ޕީ.އެޗް.ޑީ. ހާސިލުކުރުމަށް ކުރެއްވި ދިރާސާ "ބިހޭވިއޭރަލް އިންޓެންޝަންސް އެންޑް ކީ އެންޓިސިޑެންޓްސް އެމަންގް މޯލްޑިވިއަންސް ސީކިންގ މެޑިކަލް ޓޫރިޒަމް ސަރވިސަސް" ބިނާކުރައްވައިފައި ވަނީ، ޞިއްޙީ ފަރުވާ ލިބުމުގައި ދިވެހީން ގެންގުޅޭ ސުލޫކީ ނިޔަތާއި، ޚިދުމަތުގެ ހިތްހަމަޖެހުމާއި، ޚިދުމަތުގެ ފެންވަރާއި، ޞިއްޙީ ތަޖުރިބާގެ ޖުމުލަ އަގުކުރުމުގެ މައްޗަށެވެ. މި ދިރާސާއިން ދައްކާގޮތުގައި، ދިވެހިންނަށް ލިބިދޭ ޞިއްޙީ ފަރުވާގެ ޚިދުމަތުގެ ހިތްހަމަޖެހުމާއި، ޚިދުމަތުގެ ފެންވަރާ އެންމެ ގާތް ގޮތްތަކެއް ގެންގުޅޭކަމަށް ފެންނަނީ، ފިޖީ، މެލޭޝިއާ، އަދި އެމެރިކާގައި ކުރެވިފައިވާ ތަހުލީލުތަކުން ދައްކާ ގޮތްތަކެވެ.

މި ދިރާސާގެ ހޯދުންތަކުގެ އަލީގައި، ގްލޯބަލް ހެލްތު ކެއަރ ޕޮލިސީ މެނޭޖްމަންޓް ފޯރަމުން ފާހަގަކޮށްފައިވާ ޞިއްޙީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ހުރި ހުރަސްތައް ނައްތައިލުމުގައި ނުވަތަ ހުރަސްތައް މަދުކުރުމުގެ ޢަމަލީ މަސައްކަތްތަކަށް އެހީތެރިވުމަށް ބޭނުންވާ އިތުރު މައުލޫމާތު، ދާއިރާއާގުޅޭ ސިޔާސަތުތައް އެކަށައަޅާ ފަރާތްތަކަށާއި، ގުޅުންހުރި އިތުރު ފަރާތްތަކަށް ފޯރުކޮށްދެވުނެވެ.

ޑޮކްޓަރ އަޙްމަދު ޢަލީ ޖަލީލްގެ ދިރާސާގެ ތެރެއިން، ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށާއި، ދިވެހިން ގޮސްއުޅޭ ބޭރު ޤައުމުތަކުގެ ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ހިންގުން ހަވާލުކުރެވިފައިވާ ފަރާތްތަކުން އަދާކުރަންޖެހޭ ދައުރާއި، ރަނގަޅު ފެންވަރެއްގައި ލިބިދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ އިރުޝާދާއި މައުލޫމާތުތަކަކީ ކޮބައިކަން ދެނެގަނެވުނެވެ.

ޕީ.އެޗް.ޑީ. އަށް ލިޔުއްވި ތީސީސްގެ ހޯދުންތަކުގެ އަލީގައި، ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ ހޮސްޕިޓަލްތަކުގެ މެނޭޖްމަންޓް ބޭފުޅުންނަށާއި، ޚިދުމަތްތައް ދޭ މުވައްޒަފުންނަށް ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދެއްވުމަށް ހިލޭސާބަހަށް ސެޝަންތަކެއް ޑޮކްޓަރ އަޙްމަދު ޢަލީ ޖަލީލް ހިންގަވައި ދެއްވައިފައި ވެއެވެ. އެ ސެޝަންތަކުގެ ސަބަބުން، އެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރަނގަޅު ފެންވަރެއްގައި މިހާރުވެސް ފޯރުކޮށްދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް އެގޮތުގައި ދަމަހައްޓައި އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވި، ކަމާގުޅޭ މާސްޓަރ ޕްލޭންތަކާއި އެހެނިހެން ޕްލޭންތައް އެކުލަވައިލުމަށް މަގުފަހިވެގެން ދިޔައެވެ.

ޑޮކްޓަރ އަޙްމަދު ޢަލީ ޖަލީލް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައްޔާއި، މެޕްސް ކޮލެޖުގައި، ވިޒިޓިންގ ލެކްޗަރަރއެއްގެ ގޮތުގައެވެ. މީގެއިތުރުން، އަލްކެމީ ކޮންސަލްޓިންގގައި ޕްރިންސިޕަލް ކޮންސަލްޓަންޓް ބިޒްނަސް އެންޑް ރިސަރޗްގެ ދައުރުވެސް، ޑޮކްޓަރ އަޙްމަދު ޢަލީ ޖަލީލް އަދާކުރައްވަމުން ގެންދަވައެވެ.