ޑޮކްޓަރ ފާޠިމަތު މުނާ
މި އިނާމު މި އެރުވެނީ، ޑޮކްޓަރ ފާޠިމަތު މުނާ، މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައެންސް ޔުނިވަރސިޓީން 2022ވަނަ އަހަރު، މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލު ކުރައްވައިފައިވާތީ އާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ފެކްޓަރސް އެފެކްޓިންގ ރެކްރޫޓްމަންޓް އެންޑް ސިލެކްޝަން ޕްރެކްޓިސް އޮން ޕަރފޯމަންސް އޮފް ސިވިލް ސަރވިސް އޯގަނައިޒޭޝަން އިން މޯލްޑިވްސް" މި އާޓިކަލް ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ ފާޠިމަތު މުނާ، ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމަށް ކުރެއްވި ދިރާސާއަކީ، ދިވެހި ސިވިލް ސަރވިސްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން ގެންދިޔަ 418 ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިކޮށްގެން ކުރެއްވި ދިރާސާއެކެވެ. މި ދިރާސާގެ މައިގަނޑު އަމާޒަކީ، ސިވިލް ސަރވިސްއަށް މުވައްޒަފުން ހޯދުމާއި ހޮވުމުގައި ގެންގުޅެނީ އެންމެ އެދެވޭ ނިޒާމެއްތޯ ދެނެގަނެ، މިކަމުގެ ސަބަބުން، ސިވިލް ސަރވިސްގައި ހިމެނޭ މުއައްސަސާތަކުގެ މަސައްކަތުގެ ފެންވަރަށް ކުރާ އަސަރު ދެނެގަތުމެވެ.
ޑޮކްޓަރ ފާޠިމަތު މުނާގެ ދިރާސާގެ ތެރެއިން، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދައި ހޮވުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެވި، އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ހޯދުނެވެ. މީގެއިތުރުން، ހިންގުންތެރި، ޤާބިލު މީހުން ހޯދުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ފަދަ މުވައްޒަފުން ބިނާކުރުމަށް ކުރެވިދާނެ ކަންކަންވެސް މި ދިރާސާގެ ނަތީޖާތަކުން ފާހަގަވެގެން ދެއެވެ. މީގެއިތުރުން، ދީމުޤްރާތީ ނިޒާމު އަށަގަންނަމުންދާ އަދި ކުރިއަރަމުންދާ ޤައުމުތަކުގައި، ސިވިލް ސަރވިސް ސިސްޓަމްގެ ތެރެއިން މީހުން ހޮވުމުގައި ޢަމަލުކުރަމުންގެންދާ ކޮންސެޕްޓްތަކާއި ގޮތްތައް ފާހަގަކޮށްފައި ވެއެވެ.
މި ދިރާސާއިން ފާހަގަވެގެން ދިޔަ އިތުރު ކަންތައްތަކުގެ ތެރޭގައި، ސިވިލް ސަރވިސްއަށް މުވައްޒަފުން ހޮވުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ޕެނަލްގައި ހިމެނޭ މެންބަރުންގެ ފަންނުވެރިކަމާއި ނަޒާހަތްތެރިކަމުގެ މުހިންމުކަން ހިމެނެއެވެ.
ޑޮކްޓަރ މުނާގެ ދިރާސާގެ ހޯދުންތަކުގެ އަލީގައި ދިރާސީ 7 ލިޔުމެއް ވަނީ ބައިނަލްއަގުވާމީ ސްކޯޕަސް ޖަރނަލްތަކުގައި ޝާއިޢުކޮށްފައެވެ.
2005ވަނަ އަހަރު ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި ޑޮކްޓަރ ފާޠިމަތު މުނާއަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޔުނިވަރސިޓީ އަދި ކޮލެޖުތަކުގައި ކިޔަވައިދެއްވައި، މީހުން ބިނާކުރުމާއި އަދި ޕޮލިސީ ލެވެލްގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.