ޑޮކްޓަރ ޢާއިޝަތު ސެލްނާ
ހ. ގޯލްޑްފުރުޓް

މި އިނާމު މި އެރުވެނީ، ޑޮކްޓަރ ޢާއިޝަތު ސެލްނާ މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައެންސް ޔުނިވަރސިޓީން 2022ވަނަ އަހަރު، ހެލްތު ސައެންސަސްގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ޗެލެންޖަސް ޓު ޔޫޒިންގ އިލެކްޓްރޯނިކް ހެލްތު ރެކޯޑްސް ޓު އެންހޭންސް ޕޭޝަންޓް ސޭފްޓީ އިން އަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް (ސިޑްސް) ކޮންޓެކްސްޓް" ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައި ވާތީއެވެ.

ޑޮކްޓަރ ސެލްނާ ލިޔުއްވި ތީސީސް، "ޑިޓަރމިނަންޓްސް އެންޑް އިންޓަރ ޕްރޮފެޝަނަލް ކޮލަރބޮރޭޝަން ފޮރ ޕޭޝަންޓް ސޭފްޓީ ކަލްޗަރ އެމަންގ ނަރސަސް އިން ހޮސްޕިޓަލްސް އޮފް މޯލްޑިވްސް" ގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ ހޮސްޕިޓަލުތަކުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ ނަރުހުންގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަންކަމާއި، "ޕޭޝަންޓް ސޭފްޓީ ކަލްޗަރ" ނުވަތަ ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތާ ދެމެދު އޮތް ގުޅުން ވަޒަންކުރުމެވެ.

މާލޭގައި ހުންނަ ދެ ހޮސްޕިޓަލެއްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ނަރުހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި، ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ޢިލްމާއި ތަމްރީނުތައް ހޯދުމަށް ނަރުހުންނަށް ހިތްވަރު ދިނުމުން، މަސައްކަތުގެ ފެންވަރާއި ބަލިމީހުންނަށް ލިބިދޭ ފަރުވާގެ ނަތީޖާ ރަނގަޅުކުރުމަށް މަގުފަހިވެގެން ދެއެވެ. ނަރުހުންގެ ނަޒަރިއްޔާތުގައި ޕޭޝަންޓް ސޭފްޓީ ކަލްޗަރއެއް ގާއިމުކުރުމަށް ނަރުހުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަކީ، މުހިންމު ކަމެއްކަމަށްވެސް މި ދިރާސާއިން ހާމަވިއެވެ.

ޑޮކްޓަރ ސެލްނާގެ ދިރާސާގެ އަލީގައި، ހޮސްޕިޓަލުތަކުގައި ޕޭޝަންޓް ސޭފްޓީ ކަލްޗަރއެއް ގާއިމުކޮށް، ބަލިމީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ބޭނުންވާފަދަ، ހާދިސާ ރިޕޯޓު ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، މުވާސަލާތީ ގުޅުންތައް ރަނގަޅު ކުރުމަށް ބޭނުންކުރެވޭނެ މުހިންމު ހޯދުންތަކެއް ހޯދިފައި ވެއެވެ.

ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި، ޑޮކްޓަރ ޢާއިޝަތު ސެލްނާ ވަނީ، މެޑިކަލް ލެބޯރެޓަރީ ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. ޕީ.އެޗް.ޑީ. ހާސިލު ކުރެއްވުމަށްފަހު، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަންގެ ސީނިއަރ ރިސަރޗަރެއްގެ ގޮތުގައްޔާއި، އެކޮލެޖުގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ އެޖަންކްޓް އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައެވެ. ދިރާސާކުރުމުގެ އިތުރުން، މާސްޓަރސް އަދި ބެޗްލަރސް ދަރިވަރުންނަށް ކިޔަވައިދެއްވައި، ތީސީސް ސުޕަވައިޒް ކުރައްވަމުން ގެންދަވައި، ޑޮކްޓަރ ސެލްނާ ކުރައްވާ ދިރާސާތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަފާތު މަންސަތަކުގައި ހިއްސާ ކުރައްވަމުން ގެންދަވައެވެ.