ޑޮކްޓަރ މަމްދޫޙާ އިސްމާޢީލް
ހ. ހެވަތަ

މި އިނާމު މި އެރުވެނީ، ޑޮކްޓަރ މަމްދޫޙާ އިސްމާޢީލް، މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައެންސް ޔުނިވަރސިޓީން 2022ވަނަ އަހަރު، މެނޭޖްމަންޓުގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ދި އިމްޕެކްޓް އޮފް ސްކޫލް ކަލްޗަރ އޮން ސްކޫލް އިފެކްޓިވްނަސް އިން ގަވަރންމަންޓް ސްކޫލްސް އިން މޯލްޑިވްސް" ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢު ކޮށްފައިވާތީއެވެ.

ޑޮކްޓަރ މަމްދޫޙާގެ ޕީ.އެޗް.ޑީ. ތީސިސް "ދި އިމްޕެކްޓް އޮފް ޑެޕިއުޓީ ޕްރިންސިޕަލްސް އިންސްޓްރަކްޝަނަލް ލީޑަރޝިޕް އެންޑް ސްކޫލް ކަލްޗަރ އޮން ސްކޫލް އިފެކްޓިވްނަސް އިން ގަވަރންމަންޓް ސްކޫލްސް އޮފް މާލެ، މޯލްޑިވްސް" ޚާއްޞަ ކުރައްވައިފައި ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޫލްތަކުގައިވެސް އެ ބައެއްގެ ލީޑަރޝިޕް ރޯލާމެދު ސުވާލުތަކެއް އުފެދިފައިވާ ޑެޕިއުޓީ ޕްރިންސިޕަލުން ނުވަތަ އެސިސްޓެންޓް ޕްރިންސިޕަލުންގެ މަސައްކަތަށެވެ. މި ދިރާސާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ސްކޫލްތަކުގައި، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީ، ހަރުދަނާ ވެށްޓެއް ގާއިމުކުރުމުގައި ޑެޕިއުޓީ ޕްރިންސިޕަލުންގެ ދައުރަކީ ކޮބައިތޯ ބެލުމާއި، ޑެޕިއުޓީ ޕްރިންސިޕަލުންގެ އިންސްޓްރަކްޝަނަލް ލީޑަރޝިޕްގެ ސަބަބުން ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ސްކޫލަށް ކުރާ އަސަރު ދެނެގަތުން ހިމެނެއެވެ.

މާލޭގެ ސްކޫލްތަކުގެ 359 މުދައްރިސުން ބައިވެރިވި މި ދިރާސާގެ ނަތީޖާއިން ހާމަވާގޮތުގައި، ކިޔަވައިދިނުމަށް އެކަށީގެންވާ މާހައުލެއް ސްކޫލްތަކުގައި ގާއިމުކޮށް، އެ ސްކޫލަކީ ކާމިޔާބު ސްކޫލަކަށް ހެދުމަށްޓަކައި، ޑެޕިއުޓީ ޕްރިންސިޕަލުންނަކީ އިންސްޓްރަކްޝަނަލް ލީޑަރުންގެ ރޯލު އަދާކުރާ ބަޔަކަށްވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ އެހެން ދިރާސާތަކުގެ ހޯދުންތަކާ ޚިލާފަށް، ދަށު ގްރޭޑްތަކާ އެއްފަދައިން މަތީ ގްރޭޑްތަކަށްވެސް ޑެޕިއުޓީ ޕްރިންސިޕަލުންގެ ދައުރު މުހިންމުވާކަމަށް މި ދިރާސާއިން ފާހަގަކުރެވިގެން ދިޔައެވެ.

މި ދިރާސާގެ ސަބަބުން، ސްކޫލްތަކުގައި ޑެޕިއުޓީ ޕްރިންސިޕަލުން އަދާކުރާ ދައުރާއި، އެ ފަރާތްތަކުގެ މަސައްކަތާމެދު އަރައިފައިވާ އޮޅުންތައް އޮޅުންފިލައި، ދަރިވަރުންނާއި މުދައްރިސުންނަށް މިހާރަށްވުރެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދީ، ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެން ދާނެއެވެ. ޑޮކްޓަރ މަމްދޫޙާ ކުރެއްވި މި ދިރާސާގެ އަލީގައި، ނެރުއްވައިފައިވާ އާޓިކަލްތައް، ބައިނަލްއަގުވާމީ ސްކޯޕަސް އިންޑެކްސްޑް ޖަރނަލްތަކުގައި ޝާއިޢުކުރެވި، 148 ފަހަރު ސައިޓް ކުރެވިފައި ވެއެވެ.

ޕީ.އެޗް.ޑީ. ހާސިލު ކުރެއްވުމަށްފަހު، ޑޮކްޓަރ މަމްދޫޙާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވިލާ ކޮލެޖުގެ ސީނިއަރ ރިސަރޗަރެއްގެ ގޮތުގައެވެ. އެގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ދިރާސާ ޕުރޮޖެކްޓް ތަކުގައި، މަސައްކަތް ކުރައްވައި، ކުރައްވާ ދިރާސާތައް، ޑޮކްޓަރ މަމްދޫޙާ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަފާތު މަންސަތަކުގައި ހިއްސާ ކުރައްވަމުން ގެންދަވައެވެ.