އަލްފާޟިލާ ޙަފްޞާ ޙުސައިން
ޙަފްޞާ ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 23 ފެބުރުވަރީ 1987 ގައި ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ރިސެޕްޝަން ކްލާރކްގެ މަގާމުންނެވެ. އެއަށްފަހު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތާ ޙަފްޞާ ގުޅިވަޑައިގަތީ 7 ސެޕްޓެންބަރު 1993 ގައި ކަސްޓަމްސް އޮފިސަރ (ޓްރޭނީ)ގެ މަގާމުންނެވެ. ވަޒީފާގެ މެދުކެނޑުމަކާއެކު ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
ޙަފްޞާ ޙުސައިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ފުރުއްވި މަގާމުތަކުގެ ތެރޭގައި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމާއި، އަދި ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމު ހިމެނެއެވެ. މިހާރު ހުންނެވީ، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައެވެ.
ޙަފްޞާ ޙުސައިން، ކަސްޓަމްސްގެ ވަޒީފާގައި ތަފާތު މަސައްކަތްތައް ކުރައްވައިފައި ވެއެވެ. މިގޮތުން ކަސްޓަމްސްގެ އެއަރ ކާރގޯ ގައްޔާއި، ކ. ތިލަފުށި ކަސްޓަމްސްގައި މަސައްކަތް ކުރައްވައިފައި ވެއެވެ. މިހާރު ޙަފްޞާ ޙުސައިން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެއަރ ކާގޯ އެގްޒަމިނޭޝަން ސެކްޝަންގައެވެ.
ޙަފްޞާ ޙުސައިނަކީ، ލިބިވަޑައިގެންފައިވާ މަސައްކަތުގެ ތަޖުރިބާގެ އަލީގައި އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން ކުރަންވީ ރަނގަޅު ގޮތް އަމިއްލަފުޅު ވިސްނެވުމުން ވިދާޅުވެދެއްވާ ބޭފުޅެކެވެ. މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނާ ގުޅިވަޑައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި މުވައްޒަފުންނަށް އިޙުތިރާމް ކުރައްވާ ނަމޫނާ ބޭފުޅެކެވެ.
ކަސްޓަމްސްއަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި، ކުލަތަކުގެ ތެރޭގައި ހިމެނޭ ޤާބިލުކަމުގެ ކުލަ، ކާމިޔާބުގެ ކުލަ، އަޚުލާޤީ ކުލަ، އިޚުލާސްތެރިކަމުގެ ކުލަ، ޚިދުމަތުގެ ކުލަ، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ، 125 އަހަރުގެ ކުލަ އަދި ހާޒިރީގެކުލަ، ޙަފްޞާ ޙުސައިން ވަނީ ހާސިލުކުރައްވައިފައެވެ.