އަލްފާޟިލް ޢަލީ ރަޝީދު އިބްރާހީމް
ދަފްތަރު. ނަންބަރު 5000، މާލެ

ޢަލީ ރަޝީދު އިބްރާހީމަކީ 15 މާރިޗު 1990ގައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ. ޢަލީ ރަޝީދު އިބްރާހީމް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ގިނަ މަގާމުތައް ފުރުއްވައިފައި ވެއެވެ. އެގޮތުން ކޭޝިއަރ، ސީނިއަރ ކޭޝިއަރ، ކަސްޓަމްސް އޮފިސަރ ގްރޭޑް 2، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2، އަދި ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމު ފުރުއްވައިފައި ވެއެވެ.

ޢަލީ ރަޝީދު އިބްރާހީމް، ޚިދުމަތުގެ ދިގު މުއްދަތުގައި ކަސްޓަމްސްގެ ތަފާތު މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އަދި މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން އެންމެ ދިގު މުއްދަތަކަށް ކުރެއްވީ ފައިސާއާބެހޭ މަސައްކަތްތަކެވެ. މުވައްޒަފުންނަށް މުސާރަ ދިނުމާއި، ބަޖެޓު ރިޕޯޓުތައް ބެލެހެއްޓެވުމުގެ އިތުރުން، ފައިނޭންސް ދާއިރާގައި ގިނަގުނަ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ބޮންޑެޑް ވެއަރހައުސް އެގްޒެމިނޭޝަން، ސ. ހިތަދޫ ކަސްޓަމްސް ސަވައިލެންސް އަދި އިންޓަޑިކްޝަންގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ޢަލީ ރަޝީދު އިބްރާހީމަށް ލިބިވަޑައިގެންފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި މަސައްކަތުގެ މާހައުލުގައި އެހެން މުވައްޒަފުންނަށް ކަންކުރަންވީ ރަނގަޅު ގޮތް ވިދާޅުވެދެއްވައި ކަންކަން އޮޅުންފިލުވައި ދެއްވައެވެ. ހަމައެހެންމެ، ޢަލީ ރަޝީދު އިބްރާހީމަކީ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވާ އަދި ކަސްޓަމްސްގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، ތަޖުރިބާކާރު، ހުނަރުވެރި ބޭފުޅެކެވެ.

ކަސްޓަމްސްއަށް ރީތިނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި ކުލަތަކުގެ ތެރޭގައި ހިމެނޭ، ޤާބިލުކަމުގެ ކުލަ، ކާމިޔާބުގެ ރަންކުލަ، އަޚްލާޤީ ކުލަ، އިޚުލާޞްތެރިކަމުގެ ކުލަ، ޚިދުމަތުގެ ކުލަ، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ، 125 އަހަރުގެ ކުލަ އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، ޢަލީ ރަޝީދު އިބްރާހީމް ވަނީ ހާސިލުކުރައްވައިފައެވެ.

ޢަލީ ރަޝީދު އިބްރާހީމް މިހާރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޮންޑެޑް ވެއަރހައުސް އެގްޒެމިނޭޝަން ސެކްޝަންގެ ޑެޕިއުޓީ ސެކްޝަން ހެޑުގެ ގޮތުގައެވެ.