ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު
ހ. ނޫއަލި

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ އަޑުގައި 5 މާރިޗު 1990 ގައެވެ. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރައްވައިފައިވަނީ، އޮޕަރޭޓަރ ގްރޭޑް 3 ގެ މަގާމުގައެވެ. އޭގެފަހުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރގެ ވަޒީފާއާ ގުޅިވަޑައިގެންފައިވަނީ 6 އޮގަސްޓު
2007 ގައެވެ. ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ފަތުޙުﷲ ވަޙީދު މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ކަމުގެ ރޭންކްގައްޔާއި، ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމުގެ ރޭންކްގައްޔާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ކަމުގެ ރޭންކްގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ކަމުގެ ރޭންކްގައްޔާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 2 ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ގަލޮޅު ޕޮލިސް ސްޓޭޝަންގައެވެ. އޭގެފަހުން، ޕޮލިސް ކުލަބުގައްޔާއި، ސްޕެޝަލް އޮޕަރޭޝަންސް އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގައްޔާއި، މާފަންނު ޕޮލިސް ސްޓޭޝަންގައްޔާއި، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައްޔާއި، މާލެ ސިޓީ ޕޮލިހުގައްޔާއި، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައްޔާއި، ލޮޖިސްޓިކްސް ސަރވިސްގައްޔާއި، އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑިވެލޮޕްމަންޓްގައްޔާއި، އިންޖިނިއަރިންގ އެންޑް މެކޭނިކަލް ސަރވިސަސްގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ކުޅިވަރުގެ ދާއިރާއިން ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ކުރައްވައިފައިވާ މަސައްކަތްތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ޢަޒުމާއެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު ވަނީ 2014ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގުނު "އޮޕަރޭޝަން އިރުވަރު" ގައި ބައިވެރިވެވަޑައިގެންފައެވެ. އަދި 2017ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ދިހި" ގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި 4 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި އަޚުލާޤީ ކުލައާއި، ކާމިޔާބުގެ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި މެޑެލް ތަކުގެ ތެރޭގައި، މިނިވަން 50 ގެ މެޑެއްޔާއި، ޖުމްހޫރީ 50 ގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް ހިމެނެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު، ކުޅިވަރުގެ ދާއިރާއިން ކުރައްވައިފައިވާ ޚިދުމަތްތައްވެސް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު ވަނީ ކުޅިވަރުގެ ކަންކަން ބެލެހެއްޓުމުގައި ސްޕޯޓްސް މިނިސްޓަރަށް ލަފާއަރުވާ ސްޕޯޓްސް ކައުންސިލުގައިވެސް މަސައްކަތްކުރައްވައިފައެވެ. މީގެއިތުރުން، ރާއްޖޭގެ ބެޓްމިންޓަން އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގައްޔާއި، ވޮލީބޯލް އެސޯސިއޭޝަންގެ އެކްސްކޯގައި 3 ފަހަރެއްގެ މަތިން ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި މިހާރު ހިނގަމުންދާ ދައުރުގެ އެކްސްކޯ މެންބަރެއްގެ ގޮތުން ޚިދުމަތް ކުރައްވަމުންގެންދަވާއިރު، ޚާއްޞަގޮތެއްގައި ވޮލީބޯލް ކުރިއެރުވުމަށާއި، އެ ދާއިރާއިން ޒުވާން ޖީލެއް ބިނާކުރުމަށް އަތޮޅުތެރޭގައި ފުރުޞަތުތައް ނުލިބި ތިބި ބައެއް ހުނަރުވެރި ޒުވާން ކުޅުންތެރިންނަށާއި، ސްކޫލްތަކުގެ ދަރިވަރުންނަށް ފުރުޞަތު ހޯއްދަވައިދެއްވުމަށް އަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ހަނދާންކޮށްލަން ޖެހެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު، ބައިނަލްއަޤުވާމީ ފެންވަރުގައްޔާއި، ޤައުމީ ފެންވަރުގައި ބޭއްވުނު އެކިއެކި ވޮލީބޯޅަ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައްޔާއި، ކޯޗެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ތަމްސީލުކުރައްވައި ހާސިލުކުރައްވައިފައިވާ ގިނަގުނަ ކާމިޔާބީތައް ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ކުޅިވަރުގެ ރޮނގުން ހޯއްދަވައިފައިވާ ކާމިޔާބީގެ އަގުވަޒަންކޮށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދެއްވާ ޒުވާނުންގެ ޤައުމީ އިނާމު 1999ވަނަ އަހަރު ހާސިލުކުރައްވައިފައި ވެއެވެ. އަދި ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން 2003ވަނަ އަހަރު ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.