ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓެއްގެ ރޭންކުގައި 28 ފެބުރުވަރީ 1990 ގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަބްދުﷲ ޝަރީފް މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓް ކަމުގެ ރޭންކުގައްޔާއި، ލާންސް ކޯޕްރަލް ކަމުގެ ރޭންކުގައްޔާއި، ކޯޕްރަލް ކަމުގެ ރޭންކުގައްޔާއި، ސާރޖަންޓް ކަމުގެ ރޭންކުގައްޔާއި، ސްޓާފް ސާރޖަންޓް ކަމުގެ ރޭންކުގައްޔާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމުގެ ރޭންކުގައްޔާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމުގެ ރޭންކުގައްޔާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ކަމުގެ ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ކަމުގެ ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް2ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް، ދިވެހި އަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސިފައިންގެ އެކުވެރި ކުންފުނީގައެވެ. އޭގެފަހުން، ސީ.އެމް.އެސް.ގައްޔާއި، ބ. އޭދަފުށީގައްޔާއި، ހދ. ކުޅުދުއްފުށީގައްޔާއި، ޅ. މަޑިވަރުގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ރީޖަނަލް ޕޮލިސް ސްޓޭޝަނުގައްޔާއި، ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުގައްޔާއި، ބ. އަތޮޅުގައްޔާއި، މާފަންނު ޕޮލިސް ސްޓޭޝަން ގައްޔާއި، ކ. ތިލަފުށީ ޕޮލިސް ސްޓޭޝަންގައްޔާއި، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައްޔާއި، ރ. އަތޮޅު ގައްޔާއި، ބިލްޑިންގ މެއިންޓެނަންސް ޔުނިޓް ގައްޔާއި، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގައްޔާއި، ލޮޖިސްޓިކްސް އެންޑް ބިލްޑިންގ މެއިންޓެނަންސް ޔުނިޓުގައްޔާއި، ލޮޖިސްޓިކް ސަޕްލައި ޔުނިޓުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް، ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވެނީ، ތަޙުޤީޤުކުރުމުގެ ދާއިރާއިންނާއި، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާ ޢަޒުމާއެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން ލ. އިސްދޫގައި ޑިއުޓީ އަދާކުރައްވަމުން ގެންދެވި ދުވަސްވަރުގައި އިސްދޫ/ކަލައިދޫ މި ދެ ރަށުގެ ޞިއްޙީ މަރުކަޒުގެ ކަރަންޓް މައްސަލައިގައި އުފެދުނު ހަމަނުޖެހުމުގައި ދެރަށް ވަކިކުރުމަށް ކޯރުކެނޑި ހާދިސާގައި އެއްވެސް ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔަނުދީ އެމައްސަލަ ހައްލުކޮށް ކޮންޓްރޯލްކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވުމާއި، ލ. މާވަށުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އެކަން ސުލްހަވެރިކަމާއެކު ހައްލުކުރެއްވުމާއި، 2010ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާފައިވާ ޚާއްޞަ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައިވުން ހިމެނެއެވެ. އަދި 2012ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށާއި، ތަރައްޤީކުރުމަށް އިޚުލާޞްތެރި ޚިދުމަތެއް ކޮށްދެއްވައިފައިވުމާއި، 2014ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން އިރުވަރު"ގައި ބައިވެރިވެވަޑައިގަތުމާއި، 2016ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވައި، 2017ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ދިހި" ގައި މަސައްކަތްކުރައްވައި، 2017ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށާއި ތަރައްޤީ ކުރުމަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
މީގެއިތުރުން، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެއްވި މަސައްކަތްތަކުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް، ސިފައިންގޭގައްޔާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 ކުލައާއި 3 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ކުލަތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، ހިތްވަރުގަދަކަމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، މިނިވަން ފަންސާހުގެ މެޑެލް އަދި ޖުމްހޫރީ ފަންސާހުގެ މެޑެލް ހިމެނެއެވެ.