ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ވަޖީހު
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ވަޖީހު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓް ރޭންކްގައި 28 ފެބުރުވަރީ 1990 ގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ، އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަބްދުﷲ ވަޖީހު މިހާރު ހުންނެވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓްގެ ރޭންކުގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކުގައްޔާއި، ކޯޕްރަލްގެ ރޭންކުގައްޔާއި، ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކުގައްޔާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކުގައްޔާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 1 ގެ ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 2ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ވަޖީހު، ދިވެހި އަސްކަރިއްޔާއާއި، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، މަސައްކަތް ކުރައްވައިފައިވަނީ، ޑިއުޓީ ސެކްޝަންގައްޔާއި، ސެކިއުރިޓީ ޑިވިޜަންގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް އޮޕަރޭޝަންގައްޔާއި، ސްޕެޝަލް އޮޕަރޭޝަންގެ ފަރާތުން ހިންގި އޮޕަރޭޝަންތަކުގައި ގދ. ތިނަދޫގައްޔާއި، އދ. މާމިގިލީގައެވެ. މީގެއިތުރުން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައްޔާއި، މ. މުލަކު ޕޮލިސް ސްޓޭޝަންގައްޔާއި، ފ. އަތޮޅުގައްޔާއި، ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގައްޔާއި، މާލޭ ކަސްޓަޑީގައިވެސް މަސައްކަތް ކުރައްވައިފައިވެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ވަޖީހު، ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ޢަޒުމާއެކު ކުރައްވައިފައިވާ ތަފާތު އެކިއެކި މަސައްކަތްތަކެވެ. މިގޮތުން، 2001ވަނަ އަހަރު ސެކިއުރިޓީ ޑިވިޜަންގެ މުވައްޒަފެއްގެ ގޮތުގައި ހުންނަވައި އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވުމާއި، 2002ވަނަ އަހަރު ހިންގައިފައިވާ "އޮޕަރޭޝަން ދަންމާނު 94" ގައި ސީނިއަރ އެން.ސީ.އޯ.އެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވުމާއި، 2002ވަނަ އަހަރު އެމް.އެން.ސީ.ސީ.ގެ 7ވަނަ ކެޑޭޓް ކޭމްޕުގައި ޕްލެޓޫން ސާރޖަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވުމާއި، 2003ވަނަ އަހަރު ދިވެހިރާއްޖޭގެ 38ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވުނު އެކިއެކި ހަރަކާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓެވުމުގައި މަސައްކަތް ކުރެއްވުން ފާހަގަކޮށްލަންޖެހެއެވެ. އަދި އެން.އެސް.އެސް.ގެ ފަރާތުން އާންމު ރައްޔިތުންނަށާއި، ސަރުކާރުގެ ދާއިރާތަކަށް ދެވޭ ޢާންމު ޚިދުމަތް ދިނުމުގައި ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް 2003ވަނަ އަހަރު ކޮށްދެއްވައިފައިވުމާއި، 2004ވަނަ އަހަރު ލޯ އެންފޯސްމަންޓް ޓްރެއިނިންގ ސެންޓަރުން ހިންގި 5ވަނަ ޕޮލިސް ބޭސިކް ކޯހުގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް މާލޭގައި ހިންގުނު ތަމްރީނުތަކުގައި މުދައްރިބެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައިވުމާއި، 2006ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި ހިންގުނު ބޮޑެތި އޮޕަރޭޝަންތަކުގައި އެހީތެރިވެވަޑައިގެންފައިވުމާއި، 2006ވަނަ އަހަރު ހިނގި އެކިއެކި ނުރައްކާތެރި ހާދިސާތަކުގައި ޢާންމުން ހިމާޔަތްކުރުމުގައްޔާއި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއްނެތި ކެރިގެން ކުރިމަތިލައްވައި ޒިންމާދާރު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވުންވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި 2014ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން "އޮޕަރޭޝަން އިރުވަރު" ގައި ބައިވެރިވެވަޑައިގަތުމާއި، 2020ވަނަ އަހަރު ކޮވިޑް-19 އާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް 2023" ކާމިޔާބު ކަމާއެކު ނިންމާލުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ވަޖީހު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.
މީގެއިތުރުން، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެއްވި މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ވަޖީހު، ސިފައިންގޭ ގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 5 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި އަޚުލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އަޚުލާޤީ މެޑެލް ހިމެނެއެވެ.