އަލްފާޟިލް ޙުސައިން ޢަލީ
މާޔާ، ރ. އުނގޫފާރު

ޙުސައިން ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނުގެ މަގާމުގައި 3 މާރިޗު 1984 ގައެވެ. ޙުސައިން ޢަލީ، ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ޚިދުމަތުން ރިޓަޔަރ ކުރެއްވީ 4 މޭ 2021 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރ. އަތޮޅު ކައުންސިލުގެ އިދާރާގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރގެ މަގާމުގައެވެ. އަދާކުރެއްވި އެހެން މަގާމުތަކުގެ ތެރޭގައި 2 ނަންބަރު ކާތިބުކަމާއި، ސީނިއަރ ކުލާރކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމު ހިމެނެއެވެ.

ރ. އަތޮޅު އޮފީހުގައި ޚިދުމަތްކުރެއްވިއިރު ކުޑަސިޓީ ހެދުމުގެ މަސައްކަތާއި، ފައިސާ ބަލައިގަތުމާއި، ޖަމާކުރުމާއި ރަށްރަށުގެ އެކައުންޓުތައް ބެލެހެއްޓުންފަދަ ގިނަގުނަ މަސައްކަތްތަކެއް، ޙުސައިން ޢަލީގެ ބެއްލެވުމުގެ ދަށުން ކުރައްވައިފައިވެއެވެ. އަދި، ކާތިބެއްގެ ހައިސިއްޔަތުން އޮފީހުގައި ލިޔަންޖެހޭ އިތުރު ލިޔުންތައް ލިޔުއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، ފަހުން އޮފީހުގެ ލިޔުންތައް ޓައިޕް ކުރުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. އެގޮތުން ޓައިޕް ކުރުމާއި، ކޮމްޕިއުޓަރުން މަސައްކަތް ދަސްކުރުމަށް 2005ވަނަ އަހަރު ބޭއްވުނު ޓްރޭނިންގ ވަރކްޝޮޕް އޮން މެނޭޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަންނަވައި، އަދި ހަމަ އެ އަހަރު ރ. އަތޮޅު އޮފީހުން ބޭއްވި ކޮމްޕިއުޓަރ ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައިފައި ވެއެވެ.

ޙުސައިން ޢަލީ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ކުރައްވަމުން ގެންދެވީ ރ. އަތޮޅު ކައުންސިލުގެ އިދާރާގެ ފައިސާއާ ބެހޭ އެންމެހައި މަސައްކަތްތަކާއި، ފޮނުވާ މެސެޖުތަކަށް ޖަވާބުދެއްވުމާއި ރަށްރަށުގެ ކައުންސިލުތަކުން ކައުންސިލުގެ އިދާރާއަށް ފޮނުވާ ސިޓީތަކުގައިވާ ކަންކަމަށް އިޖާބަދެއްވުމުގެ މަސައްކަތެވެ.

ޙުސައިން ޢަލީ ފާހަގަކުރެވެނީ މަސައްކަތަށް ފަރުވާތެރި، މަސައްކަތުގެ އަޚުލާޤު ދަމަހައްޓަވާ މުވައްޒަފެއްގެ ގޮތުގައެވެ. ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން، އޮފީހުން އެދުނު ކޮންމެ ކަމަކަށް އިޖާބަދެއްވަމުން ގެންދަވައެވެ. އެގޮތުން ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްވަވައި ހިންގަވާ ރ. އަތޮޅު ޤުރްއާން މުބާރާތާއި، ރ. އަތޮޅު ފުޓްސެލް މުބާރާތުގެ އިދާރީކަންކަން ހަމަޖެއްސެވުމުގައި ޙުސައިން ޢަލީ އިސްދައުރެއް އަދާކުރައްވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ރަށުން ބޭރުގައި އަތޮޅު ކައުންސިލުގެ ފަރާތުން ބާއްވާ ޙަފުލާތަކާއި އިވެންޓުތައް އިންތިޒާމުކުރުމުގައި، ކަމާގުޅޭ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖުތައް ފޮނުއްވުމުގައިވެސް ޙުސައިން ޢަލީ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ޙުސައިން ޢަލީގެ ޚިދުމަތުގެ މި ދިގު މުއްދަތުގެ ތެރޭގައި، އޮފީހަށް ގަޑިޖެހި، އަދި ސަލާން ވިދާޅުވެފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.