އަލްފާޟިލާ ޢާއިޝަތު ނަސީމާ
ޢާއިޝަތު ނަސީމާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ކަލާފާނު ސްކޫލުގައި ދިވެހި މުދައްރިސެއްގެ ވަޒީފާގައި 7 ޖަނަވަރީ 1990ގައެވެ. މިހާރުވެސް ހުންނެވީ ކަލާފާނު ސްކޫލުގެ ދިވެހި މުދައްރިސެއްގެ ވަޒީފާގައެވެ. ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި ޢާއިޝަތު ނަސީމާ ގެންދެވީ، ކަލާފާނު ސްކޫލުގެ އެކި ގްރޭޑުތަކަށް ދިވެހި މާއްދާ ކިޔަވައިދެއްވަމުންނެވެ.
ޢާއިޝަތު ނަސީމާ، ދިވެހި މުދައްރިސެއްގެ ވަޒީފާ އަދާކުރައްވަމުންގެންދަވާއިރު، މިހާތަނަށް އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް ދިވެހިބަސް ކިޔަވައިދެއްވައިފައިވެއެވެ. އަދި ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އިތުރު ކުލާސްތައް ނަންގަވައިދެއްވައިފައި ވެއެވެ. ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު މަތިކުރުމަށްޓަކައި މިހާރުވެސް އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. އެގޮތުން އަމިއްލަފުޅަށް ލިޔުއްވައި ތައްޔާރުކުރައްވައިފައިވާ ތަފާތު ފޮތްތައް ބޭނުންކުރައްވައިގެން ދަރިވަރުންގެ ބަހުގެ ހުނަރު ރަނގަޅުކޮށްދެއްވުމަށް މަސައްކަތްކުރައްވައެވެ.
ކަލާފާނު ސްކޫލުގައި ދިވެހި ކުލަބު ހިންގެވުމާއި، އަދަބީ ފޯވައްސަށް ދަރިވަރުން ތައްޔާރުކުރެއްވުމުގައިވެސް ޢާއިޝަތު ނަސީމާ ނުހަނު ހީވާގިކަމާއެކުގައި މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަބް-ސްކައުޓް ހަރަކާތުގެ ތެރޭގައި، ކަބް ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެހެންމެ، ސްކޫލަށް އާމްދަނީ ހޯދުމުގެ ގޮތުން ބާއްވާ ތަފާތު ހަރަކާތްތަކުގައިވެސް ޢާއިޝަތު ނަސީމާ ބައިވެރިވެވަޑައިގަންނަވައެވެ. ޢާއިޝަތު ނަސީމާއަކީ ސްކޫލުގެ ވެރިންނާއި، އެކުގައި މަސައްކަތްކުރާ މުދައްރިސުންނާ ގާތްގުޅުމެއް ބާއްވަވާ، ގުޅިގެން މަސައްކަތްކުރައްވާ ބޭފުޅެކެވެ.
ޢާއިޝަތު ނަސީމާ، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ސްކޫލުގެ އެއްވެސް އުސޫލަކާއި ގަވާއިދަކާ ޚިލާފުވެގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އުނގަންނައިދިނުމުގެ ދާއިރާއިން ޢާއިޝަތު ނަސީމާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވައި ހައްދަވައެވެ. އަދި ސްކޫލަށް އަލަށް ގުޅިވަޑައިގަންނަވާ މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައެވެ. މީގެއިތުރުން، ޕްރީސްކޫލުގެ ބައެއް މުދައްރިސުންނަށް، ކުޑަކުދިންނަށް ފޮތްތައްޔާރުކުރާނެ ގޮތުގެ ވަރކްޝޮޕް ހިންގެވުމާއި، ދިވެހިބަސް ކިޔަވައިދެއްވުމުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކުޑަކުދިންގެ ތަފާތު އުމުރުފުރާތަކަށް ޚާއްޞަކޮށްގެން ދިވެހިބަހުން ފޮތްތައް ލިޔުއްވައި ޗާޕުކުރައްވައި، ލިޔުއްވާ ފޮތްތައް ސްކޫލަށް ހަދިޔާކުރައްވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބުދުލްޤައްޔޫމްގެ ޒަޢާމަތުގައި، 1999ވަނަ އަހަރު ސަރުކާރުން ހުޅުއްވައިލެއްވި، ކުޑަކުދިން ކިޔާ ހިތްވާ ކަހަލަ، ކުޑަކުދިންނަށް ޚާއްޞަ ފޮތް، ސަރުކާރު ގަބޫލު ކުރައްވާ ފެންވަރަކަށް ދިވެހި ބަހުން ލިޔުއްވައިގެން ސަރުކާރުން ދެއްވި ޚާއްޞަ އިނާމު، ޢާއިޝަތު ނަސީމާ 7 އަހަރު ހާސިލުކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، 2003ވަނަ އަހަރު އިންޑިޔާގެ ނިއުދިއްލީގައި ބޭއްވި ސާރކް ޤައުމުތަކުގެ ފޮތްލިޔުމުގެ މުބާރާތުގައި ބައިވެރިވެވަޑައިގެން ރާއްޖެއަށް މި މުބާރާތުގެ 3 ވަނަ ހޯއްދަވައިދެއްވިއެވެ. ޢާއިޝަތު ނަސީމާއަށް 2007ވަނަ އަހަރުވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، ވާހަކަލިޔުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.