ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފް
ހމ. ފްލެޓް 01-1-89

 

 

 

 

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ރޭންކްގައި 28 ފެބުރުވަރީ 1988 ގައެވެ. އޭގެފަހުން، އެމް.އެން.ޑީ.އެފް. ގައްޔާއި މޯލްޑިވްސް ޕޮލިސް ސަރިވިސްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިމާމު ކަމުގެ މަގާމުގައެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފް އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލްގެ ރޭންކުގައްޔާއި، ކޯޕްރަލް ރޭންކުގައްޔާއި، ސާރޖަންޓް ރޭންކުގައްޔާއި، ސްޓާފް ސާރޖަންޓް ރޭންކުގައްޔާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓޭޝަން އިންސްޕެކްޓަރ ރޭންކުގައްޔާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ރޭންކުގައްޔާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފް، ވަޒީފާގެ މެދުކެނޑުމަކަށްފަހު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އެން.އެސް.އެސް.ގެ ޑިއުޓީ ސެކްޝަނުގައި ކާތިބެއްގެ ހައިސިއްޔަތުން ލިޔެކިޔުންތައް ތައްޔާރުކުރެއްވުމާއި، ސުޕަވައިޒް ކުރެއްވުމާއި، ޕޯރޓް ސެކިއުރިޓީގައި، ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދަލުގެ ތެރޭގައި، ޤާނޫނާއި ގަވާއިދާ ޚިލާފު އަދި ސެކިއުރިޓީ ގޮތުން ނުރައްކާތެރި އެއްވެސް އެއްޗެއް އެތެރެވޭތޯ ބެއްލެވުމާއި، އެކަންކަން ހުއްޓުވުމަށް ކުރައްވައިފައިވާ މަސައްކަތް ފާހަގަކުރައްވައި ދެއްވި ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ. އަދި ވިޔަފާރި ބަނދަރުގެ ތެރޭގައި ހިނގާ ޤާނޫނީގޮތުން މަނާކަންކަން ހުއްޓުވުމަށް މަސައްކަތް ކުރެއްވުމާއި، އެން.އެސް.އެސް. ޕޯޓްސް ސެކިއުރިޓީ ބްރާންޗުގެ އެންމެހައި މަސައްކަތްތަކާއި، މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރައްވައި ބެލެހެއްޓެވުމާއި، އެ ބްރާންޗުން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހިންގާ އޮޕަރޭޝަންތައް ރާއްވަވައި ހިންގުމުގައި، ސުޕަވައިޒަރީ ލެވެލްގައި މަސައްކަތްކުރެއްވުން ހިމެނެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފް ވަނީ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި، ނ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އިންޗާޖްކަން ކުރައްވައިފައެވެ. އަދި ޕަބްލިކް ރިލޭޝަން ކޯޑިނޭޓަރ ކަމާއި، ޕޮލިސް އާމަރީގެ އިންޗާޖްގެ އެހީތެރިޔާ ކަމާއި، އޮޕަރޭޝަން އިކުއިޕްމެންޓް އެންޑް ސަޕޯޓް ޔުނިޓުގެ އިންޗާޖު ކަމާއި، އދ. އަތޮޅާއި، ކ. އަތޮޅުގައި އަތޮޅު ކޮމާންޑަރ (ސެންޓްރަލް ރީޖަން)ކަން ކުރައްވައިފައެވެ. އަދި ފުލުހުންގެ އޮޕަރޭޝަނަލް އިކުއިޕްމަންޓްސް ޔުނިޓުގެ ހެޑްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފަށް ވަނީ، ދިވެހި ޢަސްކަރިއްޔާ ގައްޔާއި، ފުލުހުންގެ ތެރޭގައި ޖުމުލަ 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން 2013ވަނަ އަހަރު ހަނދާނީ ލިޔުން ލިބިވަޑައިގެންފައެވެ. އަދި، 2014ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން އިރުވަރު" ގައި ބައިވެރިވެވަޑައިގެންފައިވާތީ، އެކަމުގެ ހަނދާނީ ލިޔުންވެސް ލިބިވަޑައިގެންފައެވެ.

މީގެއިތުރުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފް، ސިފައިންގެއާއި ދިވެހި ފުލުހުންގެ ތެރޭގައި، އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި 12 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ސައްތައިގެ މެޑެލް، އަޚުލާޤީ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ފުލުހުންގެ މެޑެލް، ދިގުމުއްދަތުގެ ޚިދުމަތުގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، މިނިވަން ފަންސާހުގެ މެޑެލް އަދި ޖުމްހޫރީ ފަންސާހުގެ މެޑެލް ހިމެނެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފަކީ، 3 ނޮވެންބަރު 1988 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގައި، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ހެޑްކުއާޓަރޒް ދިފާޢު ކުރެއްވުމުގައި ހަރަކާތްތެރިވެވަޑައިގަންނަވަނިކޮށް، ދުޝްމަނުންގެ ޙަމަލާއެއްގައި ޒަޚަމުވެވަޑައިގެންފައިވާ އަދި މިހާރުވެސް އެ އަނިޔާގެ ވޭން ތަޙައްމަލު ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފް ފާހަގަކުރެވެނީ، މަސައްކަތަށް ފަރުވާތެރި، އިޚުލާސްތެރި، ކަމަށް ކަމޭހިއްތަވައިގެން މަސައްކަތްކުރެއްވި، ހާޒިރީއަށް އިސްކަންދެއްވައި، އަދި ތަނުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްނާޞިރު ޔޫސުފް، މިހާރު ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިމާމު ކަމުގެ މަގާމުގައެވެ.