ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން
ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޖަނަވަރީ 1989 ގައި، އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓެއްގެ ރޭންކުގައެވެ. ސިފައިންގޭގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އެން.އެސް.އެސް.ގެ ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލް ކަމުގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ 1 ގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޢަބްދުއްރައްޒާޤް މިހާރު ހުންނެވީ، ވޮރަންޓް އޮފިސަރ 2 ގެ ރޭންކްގައެވެ.
ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާނަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ގާބިލުކަމާއި ތެދުވެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ، އަދި ސިފައިންގެއަށާއި ދިވެހި ޤައުމަށް އިޚުލާޞްތެރި ބޭފުޅެކެވެ.
ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން، ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ދޫނިދޫ ޑިޓެންޝަން ޔުނިޓުގެ އެޑްމިން އިންޗާރޖް ކަމާއި، ސިފައިންގެ އެކުވެރި ކުންފުނީގެ އެޑްމިން އިންޗާރޖް ކަމާއި، އެ ކުންފުނީގެ ފައިނޭންސް އިންޗާރޖް ކަމާއި، ސިފައިންގެ އެކުވެރި ކުންފުނީގެ ނަން ސިފައިންގެ ކޯޕަރޭޓިވްއަށް ބަދަލުވުމާއެކު ސިފްކޯ ފެމިލީ މާރޓް އުފެދުމާ ގުޅިގެން، އެތަނުގެ އިންޗަރޖް ކަމާއި، އަދި ސިފްކޯގެ ކެފޭތަކުގެ އިންޗާރޖްކަން ކުރައްވައިފައި ވެއެވެ. ބޭންޑް އެންޑް މިއުޒިކް ވިންގް އާއި، އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ސަގާފީ ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓްކަން ޢަބްދުއްރައްޒާޤް މިހާރުވެސް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ.
މީގެއިތުރުން، ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން ވަނީ، ތާރީޚާއި އާދަކާދައާއި އަދި ހެވިކަމުގެ ދާއިރާއިން އާދަޔާ ޚިލާފު ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. މިގޮތުން، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން 1440ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ހިންގުނު ބޮޑުބެރު ސްޓޯލްގައި މައުލޫމާތު ދެއްވުމާއި، ސަގާފީ ކުޅިވަރުތައް ދައްކަވައިދެއްވުމާއި، 2023ވަނަ އަހަރު، ހުޅުމާލޭ ސެންޓްރަލް ޕާރކްގައި އޮތް ކަބް-ސްކައުޓް އަދި ޕްރީ-ކަބް 350 ކުދިންނަށް ސަގާފީ ބޮޑުބެރުގެ ބައެއް ބީޓްސްތައް ދަސްކޮށްދެއްވުމާއި، މުންޑު އަދި ފޭލި އަންނާނެ ގޮތްތަކާއި، ބޮލުފޮށާ އަޅާނެ ގޮތްތައް ދަރިވަރުންނަށް އުނގަންނައިދެއްވުމުގެ ކަންކަން ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން ވަނީ، ސަރުކާރުގެ މުވައްޒަފުންނަށް ބޮޑުބެރުގެ ބީޓްސްތައް ދަސްކޮށްދެއްވައި، ލަވަކިޔުމުގެ ހުނަރުތަކާއި، އަތްތިލަބަޑި ޖެހުމާއި ކުދި އަޑުތައް ފަދަ ބޮޑުބެރުގެ ތެރޭގައި ހިމެނޭ ތަފާތު އުކުޅުތައް ދަސްކޮށްދިނުމުގެ ކްލާސްތައްވެސް ހިންގަވައި ދެއްވައިފައެވެ.
ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން، ސިފައިންގެ ލެވެލްގައި ބޭއްވުނު ސަގާފީ ގިނަ ރަސްމިއްޔާތުތަކެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ސިފައިންގެ ލެވެލްގައި ބޭއްވުނު ރަސްމިއްޔާތުތަކަށް ސިފައިން ތައްޔާރުކުރުމުގެ މަސައްކަތުގެ އިތުރުން، ސަގާފީ ހަރަކާތްތައް ދިރުވައި އާލާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާތީ، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ލެޓަރ އޮފް ކޮމެންޑޭޝަން ދެއްވައިފައެވެ.
ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤު ޢަބްދުއްރަޙްމާނަށް ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި،ޝަރަފުގެ ނިޝާންގެ ގޮތުގައި 9 ކުލައާއި 4 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ކާމިޔާބުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ، ޢަބްދުއްރައްޒާޤް 3 ފަހަރު ހާސިލު ކުރައްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓް މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެލް އަދި ޖުމްހޫރީ ފަންސާހުގެ މެޑެލް ހިމެނެއެވެ.
ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން، ސިފައިންގެ ޚިދުމަތް ފެށްޓެވީއްސުރެ މިއަދާ ހަމައަށްވެސް ފާހަގަކުރެވިފައިވަނީ، ކަމަށްކަމޭހިއްތަވާ، އަޚުލާޤު ރަނގަޅު އަދި ޤައުމީ ޚިދުމަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
ވޮރަންޓް އޮފިސަރ 2 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާނަށް 2018ވަނަ އަހަރުވަނީ، ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން، ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.